Roadha Mihaaru
މެޑްރިޑުން މޮރާޓާ ވިއްކާލާނީ 90 މިލިއަން ޔޫރޯއަށް!

މެޑްރިޑުން މޮރާޓާ ވިއްކާލާނީ 90 މިލިއަން ޔޫރޯއަށް!

07 ޖޫން 2017

ރޯމް (ޖޫން 7) – ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 60 މިލިއަން ޔޫރޯގެ ބިޑް މެޑްރިޑުން އަނބުރާ ފޮނުވާލާއިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޯމް (ޖޫން 7) – ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 60 މިލިއަން ޔޫރޯގެ ބިޑް މެޑްރިޑުން އަނބުރާ ފޮނުވާލާއިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މޮރާޓާ ހޯދުމަށް ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި އޭސީ މިލާނުން މަސައްކަތްކުރަމުން އަންނައިރު، ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން އޭނާ ވިއްކާލަން ބޭނުންވަނީ 90 މިލިއަން ޔޫރޯ އަށެވެ.

މިލާނުން ވެސް ހުށަހަޅަން ތައްޔާރަށް އޮތީ 60 މިލިއަން ޔޫރޯގެ ބިޑެކެވެ. އެހެންވެ މެޑްރިޑުން ކިޔާ އަގަށް އެ ޓީމުން ވެސް އޭނާ ގެންނާނެ ކަމަށް ނުބެލެވެ އެވެ.

ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް މެޑްރިޑުން ވަރަށް ބޮޑަށް ޝައުގުވެރިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވިއްކާލާއިރު އެ ޑީލުގެ ތެރޭގައި މޮރާޓާ ހިމަނަން ޔުނައިޓެޑުން މަސައްކަތްކުރާނެ އެވެ. އޭރުން ކުޑަ އަގަކަށް މޮރާޓާ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

މެޑްރިޑާ އެކު ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މޮރާޓާ ބުނީ އޭނާ ބޭނުންވަނީ މެޑްރިޑުގައި މަޑުކުރަން ކަމަށާއި އެކަމަކު ޓްރާންސްފާގެ ކަންކަން ބަރޯސާ ވަނީ އޭނާގެ މައްޗަށް އެކަނި ކަމަށް ނުވާތީ ސީދާ އެއްޗެކޭ ބުނަން ނޭގޭ ކަމަށެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށް ފަހު މެޑްރިޑާ އަލުން ގުޅުނު މޮރާޓާ ވަނީ މި ސީޒަނުގައި 26 މެޗުން 15 ގޯލް ޖަހައިފަ އެވެ. އެކަމަކު ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭތީ އޭނާ ހުރީ ކްލަބް ދޫކޮށްލަން ތައްޔާރަށް ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ޔުވެންޓަސް އަށް ގެންދިޔައީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ޔުވެންޓަސްގައި އޭނާ ހޭދަކުރި ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

މޮރާޓާ ނުލިބިއްޖެ ނަމަ ޓޮރިނޯގެ އިޓަލީ ފޯވާޑް އަންދްރޭ ބެލޮއްޓީ ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރާނެ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ. މިލާނުން ވެސް މޮރާޓާ ނުލިބިއްޖެ ނަމަ ދެން ސަމާލުކަން ދޭނީ ބެލޮއްޓީ ނުވަތަ ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ-އެމެރިކް އޯބަމަޔަން އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބެލޮއްޓީ ގެންދަން ބޭނުން ނަމަ ޖެހޭނީ 100 މިލިއަން ޔޫރޯ ދެއްކުމަށް ފަހު ކޮންޓްރެކްޓް އުވާލާށެވެ. އެއަށް ވުރެ ކުޑަ އަގަކަށް އޭނާ ވިއްކާލަން ޓޮރިނޯ އިން އެއްބަސްވާނެ ކަމަށް ނުބެލެވެ އެވެ.