Roadha Mihaaru
ރޮނާލްޑޯ، މޮރާޓާ: ޑެހެއާ އާއި 210 މިލިއަން ޔޫރޯ!

ރޮނާލްޑޯ އާއި މޮރާޓާ: ބަދަލުގައި ޑެހެއާ އާއި 210 މިލިއަން ޔޫރޯ

18 ޖޫން 2017

ޓިއުރިން، އިޓަލީ (ޖޫން 18) – ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ ގެނައުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން 210 މިލިއަން ޔޫރޯ އާއި ގޯލްކީޕަރު ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން، އިޓަލީ (ޖޫން 18) – ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ ގެނައުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން 210 މިލިއަން ޔޫރޯ އާއި ގޯލްކީޕަރު ޑޭވިޑް ޑެހެއާ ރެއާލް މެޑްރިޑަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކްސް އަށް މަކަރު ހެދިކަމުގެ ދައުވާ ރޮނާލްޑޯގެ މައްޗަށް ސްޕެއިނުން ކުރާނެކަން އިއުލާންކުރުމާ އެކު ރޮނާލްޑޯ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އެއާ އެކު ފުޓްބޯޅައިގެ ޓްރާންސްފާގެ މަސްރަހަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

މީގެ ކުރިން މޮރާޓާ ގަތުމަށް ޔުނައިޓެޑް އޮތީ މެޑްރިޑާ އެކު ގާތްގަނޑަކަށް 80 މިލިއަން ޔޫރޯ އަށް އެއްބަސްވެފަ އެވެ. އަދި ޔުނައިޓެޑުން ޑެހެއާ ވިއްކާނުލާނެތީ މެޑްރިޑުން ވިސްނާފައި އޮތީ އޭސީ މިލާނުގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ގެންނާށެވެ.

އެކަމަކު ރޮނާލްޑޯއާ އެކު ހުރިހާ ކަމެއް މި ވަނީ ބަދަލުވުމުގެ މަގުމަތީގަ އެވެ. އިޓަލީގެ ޓުޓޯސްޕޯޓްސް އިން ބުނާ ގޮތުގައި ޔުނައިޓެޑުން ދެން މަސައްކަތްކުރާނީ މޮރާޓާ އާއި ރޮނާލްޑޯ ގަތުމަށެވެ. އެގޮތުން 210 މިލިއަން ޔޫރޯ އާއި ޑެހެއާ ދޭން އެ ކްލަބް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ސްޕެއިން ގައުމީ ޓީމުގެ ކީޕަރު ޑެހެއާ އަކީ މެޑްރިޑުން ނުހަނު ބޭނުންވާ ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާ ލިބިއްޖެ ނަމަ ޑޮއްނަރުއްމާ ގަތުމުގެ ވިސްނުން އެ ކްލަބް ދޫކޮށްލާނެ އެވެ. އެއާ އެކު ޑޮއްނަރުއްމާ ގަތުމުގެ ފުރުސަތު ޔުވެންޓަސް އަށް ލިބޭނެ އެވެ. އަންނަ ސީޒަނަށް ފަހު ޖިއަންލުއިޖީ ބުފޮން ކުޅުން ހުއްޓާލާނެތީ ޔުވެންޓަސް އިން އަންނަނީ ކީޕަރަކަށް ބަލަމުންނެވެ.

މިލާނުގެ ކޮންޓްރެކްޓް އާނުކުރާނެކަން ޑޮއްނަރުއްމާ އިއުލާންކުރިއިރު އޭނާ ހޯދަން މަސައްކަތްކުރަމުން އައީ މެޑްރިޑާއި ޕީއެސްޖީންނެވެ. މެޑްރިޑުން 30 މިލިއަން ޔޫރޯ ހުށަހަޅާއިރު ޕީއެސްޖީ އޮތީ 40 މިލިއަން ޔޫރޯ ދޭން ތައްޔާރަށެވެ. އަދި ޔުވެންޓަސް ވެސް ވަނީ އޭނާ ހޯދުމަށް ރަސްމީކޮށް މަސައްކްކުރާނެކަން އިއުލާންކޮށްފަ އެވެ. އެކަމަކު މިލާނުން ބުނަނީ ޑޮއްނަރުއްމާ އަކީ ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެހެންވެ ބެލެވެނީ އެ ޓީމުން ވިސްނަނީ ކޮންޓްރެކްޓުގައި ބާކީ އިން އެއް ސީޒަނުގައި އޭނާ ބެންޗުގައި ބެހެއްޓުމަށެވެ. އޭރުން އޭނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

މިލާނުން ވާދަވެރި ޓީމަކަށް ޑޮނަރުއްމާ ވިއްކާލުމުގެ ފުރުސަތު ކުޑައިރު ފަހަރުގައި ޑެހެއާ ނެތްތަން ފޫބައްދަން ޔުނައިޓެޑުން ޑޮއްނަރުއްމާ ގެންނަން މަސައްކަތްކޮށްފާނެ އެވެ. އެ ކްލަބުން އޭނާ ހޯދަން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ.

ރޮނާލްޑޯ ގަތުމަށް ވެސް ޕީއެސްޖީން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓް އުވާލެވޭނީ 400 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އެކަމަކު ރޮނާލްޑޯގެ ރުހުމުގައި ކްލަބް ބަދަލުކުރާނަމަ މެޑްރިޑުން އެއަގު ކުޑަކުރާނެ އެވެ. އިއްޔެ ސްޕެއިނުގެ ނޫސްތަކުން ބުނި ގޮތުގައި މެޑްރިޑުން 130 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރޮނާލްޑޯގެ ނިންމުން ބަދަލުނުކުރާނެ ކަމަށް ޕޯޗުގަލްގެ ނޫސްތަކުން ބުނާއިރު އެހެންވެއްޖެ ނަމަ ރެއާލް މެޑްރިޑުން ދެން ގެންނާނީ މޮނާކޯގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ކަމަށް ލަފާކުރެވެ އެވެ. މޮނާކޯ އިން އޭނާ ވިއްކާލަން ކިޔާ އަގު ވަނީ 100 މިލިއަން ޔޫރޯ އަށް ވުރެ މަތީގަ އެވެ.