Roadha Mihaaru
މޮރާޓާގެ ގޯލުން ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

މޮރާޓާގެ ގޯލުން ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

06 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 5) - ދެ ވަނަ ހާފުގައި އަލްވާރޯ މޮރާޓާ ވައްދާލި ގޯލާ އެކު ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން 1-0 އިން ކުރި ހޯދައިފި އެވެ.

ލަންޑަން (ނޮވެމްބަރު 5) - ދެ ވަނަ ހާފުގައި އަލްވާރޯ މޮރާޓާ ވައްދާލި ގޯލާ އެކު ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން 1-0 އިން ކުރި ހޯދައިފި އެވެ.

މިއަދު އާސެނަލް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް މިއަދު ކުޅުނު މެޗުން ވަނީ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޗެލްސީ މިރޭގެ މޮޅާ އެކު ވަނީ 11 މެޗުން 22 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތަރަކަށް އަރައިފަ އެވެ.

މިރޭގެ މެޗު ކުރިން މޮރާޓާ އެންމެ ފަހުން ލީގުގައި ލަނޑެއް ކާމިޔާބުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ޗެލްސީ އަށް ކާމިޔާބު ކޮށްދިން އަށް ވަނަ ގޯލު މޮރާޓާ ޖެހީ މެޗުގެ 56 ވަނަ މިނިޓްގައި ސެސާ އަޒްޕިލިކުއޭޓާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. މީގެ އިތުރުން ވެސް ލީޑުފުޅާކުރަން އެޑެން ހަޒާޑާއި ޓިއެމް ބަކަަޔޯކޯ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑުގެ މަރުއާން ފެލައިނީ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ވެސް ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މި މެޗުން މޮޅުވުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އޮތް ޕްރެޝަރު ވަނީ ކުޑަވެފަ އެވެ. ޗެލްސީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 16 މެޗުން ބަލިވެފައިވަނީ އެންމެ ފަހަރަކު އެވެ.

މިރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ އުނދަގޫތަކަކަށް ފަހު ޗެލްސީ މި މެޗަށް ނުކުތީ ވަރަށް ވިސްނައިގެން ކަމަށާއި މޮޅުވުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"އަނިޔާގެ މައްސަލަތަކާ އެހެން ކަންތައްތަކުގެ ސަބަބުން އަހަރެމެންނަށް ވަރަށް އުނދަގޫތަކާ ކުރިމަތިވެފައި ވަނިކޮށް މި މެޗާ ކުރިމަތިލާން މި ޖެހުނީ. މި ހާލަތުގައި މި ލިބުނީ ވަރަށް ބޮޑު މޮޅެއް،" ކޮންޓޭ ބުންޏެވެ.

އާސެނަލާ ދެކޮޅަށް މިރޭ ސިޓީ އަށް ލީޑުނަަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ދެ ވަނަ ހާފުގައި ސާޖިއޯ އަގުއޭރޯގެ ޕެނަލްޓީން ސިޓީ ލީޑުފުޅާކޮށްފައިވަނިކޮށް އާސެނަލަށް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ލަކަޒެޓޭ އެވެ. ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ޖީސޫސް މި ލަނޑު ޖެހީ ޑޭވިޑް ސިލްވާ ދިން ބޯޅައަކުންނެވެ. އޭރު ސިލްވާ ހުރީ އޮފްސައިޑްގައި ކަމަށް ބުނެ އާސެނަލް ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ.