Roadha Mihaaru
ބްރިޖާ ގުޅާލާ މަގު ހަދަން ޗައިނާ ކުންފުންޏަކަށް

ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރަނީ

19 އެޕްރީލް 2017

ބްރިޖާ އެކު ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބްރިޖާ އެކު ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކުރަން 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ އިން ބްރިޖާ ހަމަޔަށް ހަދާ ހަތަރު ކިލޯމީޓަރުގެ މަގުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހަތަރު ލޭން ހިމެނޭ ގޮތަށް ބްރިޖާ އެއް ފުޅާމިނެއްގައި ހަދާ އެ މަގުގެ މަސައްކަތް ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"އެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުލޭގެ ފަޅުން ބައެއް ހިއްކަން ޖެހޭ. އަދި ހިއްކާ ސަރަހައްދުގެ ބައެއް ޝީޓްޕައިލް ކުރުމާއި ތޮށިލުން ވެސް ހިމެނޭ. އޭގެ އިތުރުން މަގުގައި ފެން ހޮޅި އެޅުމާއި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ،" އެޗުޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީން މިދިޔަ ފެބްރުއަރީ މަހު ނެރުނު އިއުލާންގައިވާ ގޮތުން އެ މަޝްރޫއު ކުރިޔަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. އެހެންކަމުން ސަރުކާރުން ފަހުން އަގު އަދާކުރާ ގޮތަށް އެ މަގަށް 24 މިލިއަން ޑޮލަރު ހޭދަކުރާނީ ހުނާން އިންޖިނިއަރިންގެ ފަރާތުންނެވެ.

ހުޅުލެ އާއި ހުޅުމާލޭ ގުޅުވައިދޭ ހައިވޭ ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެޗްޑީސީއާ އެވެ.

އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރަން މިދިޔަ ޑިސެމްބަރު 26 ގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ނިމޭ އިރު، އެ ބްރިޖުން ފަސޭހަ އިން ހުޅުމާލެ އަށް ދެވޭނެ މަގެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެންވެ، އެޗްޑީސީން ހަރަދުކޮށްގެން ހަދާ މި މަގުގެ މަސައްކަތް އޭޕްރީލް 2018 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އާ ހައިވޭ ހަދާ އިރު، އެ މަގު ފުޅާކުރަން ބިން ހިއްކަައި އެ ސަރަހައްދުގައި އަލުން ތޮށިލާން ވަނީ ނިންމައިފަ އެވެ.