Roadha Mihaaru
ހުޅުލެ-ހުޅުމާލޭގެ ލިންކް ރޯޑު ހަދަން ބަޔަކު ހޯދަނީ

ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑު ހަދައިދޭނެ ބަޔަކު ހޯދަނީ

13 ފެބުރުއަރީ 2017

ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއު ކުރިޔަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16ގެ ކުރިން ބީލަން ފޮތް ގަތުމަށް ފަހު ބީލަން ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ޑޮލަރާ އެކު އަންނަ މާޗް 12 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.

މާލޭ/ހުޅުލޭ ބްރިޖް ނިމެންވާ އިރަށް ހަދަން ޖެހޭ މަގުގެ މަޝްރޫއާ ބެހޭ ގޮތުން ޕްރީ ބިޑް މީޓިންއެއް މި މަހު 23 ގައި އެޗުޑީސީ އޮފީހުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ހުޅުލެ އާއި ހުޅުމާލޭ ގުޅުވައިދޭ ހައިވޭ ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެޗްޑީސީއާ އެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމަށް މިދިޔަ ޑިސެމްބަރު 26 ގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތް ނިމޭ އިރު، އެ ބްރިޖުން ފަސޭހަ އިން ހުޅުމާލެ އަށް ދެވޭނެ މަގެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެންވެ، އެޗްޑީސީން ހަރަދުކޮށްގެން ހަދާ މި މަގުގެ މަސައްކަތް އޭޕްރީލް 2018 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެފައި ވަނީ ބްރިޖުގެ ޑިޒައިން ހެދި ފަންނީ ބޭފުޅުންނާއި އެޗްޑީސީގެ ފަންނީ ޓީމަކުން މަސައްކަތްކޮށްގެން މިހާރު ވަނީ އެ މަގުގެ ކޮންސެޕްޓް ޑިޒައިނެއް ހަދާފައި ކަމަށެވެ. "އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މި ބަލަނީ،" މި މަޝްރޫއަށް ހޭދަވާ ފައިސާގެ އަދަދު އެނގޭނީ ކުންފުނިތަކުން ހުށަހަޅާ އަގުތަކަށް ބެލުމަށް ފަހު ކަން ފާހަގަކުރައްވައި، ސައިމަން އޭރު ވިދާޅުވި އެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅާ ދިމާލުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. މި ހައިވޭ ހަދާ އިރު، އެ މަގު ފުޅާ ކުރަން ބިން ހިއްކަައި އެ ސަރަހައްދުގައި އަލުން ތޮށިލާން ވަނީ ނިންމައިފަ އެވެ. އެކަމަކު ސައިމަން ވިދާޅުވީ އެ މަގާ ގުޅޭ އިތުރު މައުލޫމާތު ދެވޭނީ ތަފްސީލީ ކުރެހުންތައް ނިމުމުން ކަމަށެވެ.