Roadha Mihaaru
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން

ރަޝިޔާ އިން ދަނީ ސީރިއާގެ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން: އެމެރިކާ

12 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 12) - ކެމިކަލް ހަމަލާގެ ޒިންމާ ސީރިއާގެ ބޮލުގައި ނޭޅޭނެ ގޮތަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 12) - ކެމިކަލް ހަމަލާގެ ޒިންމާ ސީރިއާގެ ބޮލުގައި ނޭޅޭނެ ގޮތަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ވައިޓް ހައުސްގެ އޮފިޝަލުން ބުނީ ކެމިކަލް ހަމަލާ ދިނީ ސީރިއާ ކަމަށް އިންޓެލިޖެންސް ރިޕޯޓްތައް ކަށަވަރުކޮށްދޭ ކަމަށެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް މި މަހު 4 ވަނަ ދުވަހު ދިން ހަމަލާގައި 89 މީހުން ވަނީ މަރުވެފަ އެވެ.

ކެމިކަލް ހަމަލާ ދިން ކަމަށް ސީރިއާ އިން ދޮގުކުރެ އެވެ. ރަޝިޔާ އިން ވަނީ އެ ހަމަލާގެ ޒިންމާ އިދިކޮޅު ހަނގުރާމަވެރިންގެ ބޮލުގައި އަޅުވައިފަ އެވެ.

ކެމިކަލް ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިން ސީރިއާ އަށް ވަނީ 59 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލައިފަ އެވެ. މި ހަމަލާތަކުގައި ސީރިއާގެ ހަނގުރާމަ މަތީ ޖެޓްތަކުގެ 20 ޕަސެންޓް ހަލާކުކޮށްލެވުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް

ވައިޓް ހައުސްގެ އޮފިޝަލުން ބުނީ ކެމިކަލް ހަމަލާއާ ބެހޭ މައުލޫމާތު ބައިނަލްއަގުވާމީ މުޖްތަމަ އަށް އޮޅުވާލުމަށް ސީރިއާ އާއި ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ ކެމިކަލް ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ ސަރުކާރުކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ ސީރިއާގެ ރައީސް ބައްޝާރަށް ރަޝިޔާ އިން ކުރާ ތާއީދު ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މޮސްކޯ އަށް ވަޑައިގެންފަ އެވެ.