Roadha Mihaaru
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާ އިން ސީރިއާ އަށް މިސައިލް ހަމަލާދީފި

07 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 7) - ސީރިއާ އިން ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ބަދަލު ހިފަން އެމެރިކާ އިން ސީރިއާ އަށް މިސައިލް ހަމަލާދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 7) - ސީރިއާ އިން ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ބަދަލު ހިފަން އެމެރިކާ އިން ސީރިއާ އަށް މިސައިލް ހަމަލާދީފި އެވެ.

މެޑިޓެރޭނިއަންގައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުން ވަނީ 59 ޓޮމަހޯކް ކްރޫޒް މިސައިލް ސީރިއާގެ ވައިގެ މަރުޒަރުތަކަށް ފޮނުވާލައިފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ދިން މިސައިލް ހަމަލާ އަރާފައި ވަނީ ޝޭރާތު ވައިގެ މަރުޒަށް ކަމަށެވެ. އަދި އެ ތަނަކީ އަންގާރަ ދުވަހު ކެމިކަލް ހަމަލާ ފޮނުވާލިތަން ކަމަށް ވެސް ވިދާޅުވި އެވެ.

ފްލޮރިޑާގައި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ ޚުދުމުޚްތާރު ވެރިއެއް ކަމަށާއި އޭނާ ވަނީ ކުށެއް ނެތް އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ކަމަށެވެ. އަދި ޓްރަމްޕް ވަނީ ސީރިއާގައި ހިންގާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެހެން ގައުމުތަކުން ވެސް ބައިވެރިވުމަށް ގޮވާލައްވައިފަ އެވެ.

މިއީ ސީރިއާއާ ދެކޮޅަށް ސީދާ އެމެރިކާ އިން ހަމަލާދިން ފުރަތަމަ ފަހަރެވެ. ސީރިއާގެ ރައީސް އަސަދަށް ވާގިވެރިވާ ރަޝިޔާ އިން ވަނީ އެމެރިކާގެ ވައިގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ އެމެރިކާގެ ހަމަލާއަކީ މިނިވަން ގައުމަކަށް އަރައިގަތުން ކަމަށެވެ.

އެމެރިކާ އިން ސީރިއާ އަށް ވައިގެ ހަމަލާދީފައި މިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް ކެމިކަލް ހަމަލާއެއްދީ އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ.