Roadha Mihaaru
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު

ތުރުކީގެ ވައިގެ ސަރަހައްދު އޮތީ ރަޝިޔާ އަށް ބަންދުކޮށްފައި

24 އެޕްރީލް 2022

ރަޝިޔާ އާއި ސީރިޔާއާ ދެމެދު ދަތުރުކުރާ ރަޝިޔާގެ މަތިންދާބޯޓުތަކަށް، ތުރުކީ ވިލާތުގެ ވައިގެ ސަރަހައްދު އޮތީ ބަންދުކޮށްފައި ކަމަށް، ތުރުކީ ވިލާތުން ބުނެފި އެވެ.

ރަޝިޔާ އާއި ސީރިޔާއާ ދެމެދު ދަތުރުކުރާ ރަޝިޔާގެ މަތިންދާބޯޓުތަކަށް، ތުރުކީ ވިލާތުގެ ވައިގެ ސަރަހައްދު އޮތީ ބަންދުކޮށްފައި ކަމަށް، ތުރުކީ ވިލާތުން ބުނެފި އެވެ.

ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު މައުލޫދު ޖާވިޝް އޯގްލޫއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރަޝިޔާ އާއި ސީރިޔާއާ ދެމެދު ދަތުރުކުރާ ރަޝިޔާގެ ހުރިހާ ބާވަތެއްގެ މަތިންދާބޯޓުތަކަށް ވެސް ތުރުކީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވަނީ މިދިޔަ މާޗް މަހުން ފެށިގެންނެވެ. އަދި އެކަން ތިން މަސްދުވަހުގެ މުއްދަތަށް ދެމިއޮންނާނެ ކަމަށް ވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ތުރުކީ ވިލާތުގެ އެ ނިންމުން، ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މެދުވެރިކުރައްވައި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަނީ އަންގަވައިފަ އެވެ. އޭގެ ދެތިން ދުވަސް ފަހުން، ރަޝިޔާގެ ރައީސް ޕުޓިން ވަނީ، ސީރިޔާއާ ދެމެދު ދަތުރުކުރާ އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަދަނީ މަތިންދާބޯޓުތައް ވެސް ތުރުކީ ވިލާތުގެ ވައިގެ ސަރަހައްދަށް ނުވަނުމަށް އަމުރު ކުރައްވައިފަ އެވެ.

ތުރުކީ ވިލާތުގެ މި ނިންމުމާ ގުޅޭ ގޮތުން ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ރަޝިޔާ ސިފައިން، ސީރިޔާ ސަރުކާރުގެ ސިފައިންނަށް އަސްކަރީ ގޮތުން މަދަދު ފޯރުކޮށްދިން އިރު، ތުރުކީ ވިލާތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ، ސީރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމަ ހިނގި ދުވަސްވަރު، 2015 ވަނަ އަހަރުގެ ތެރޭގައި ތުރުކީ ވިލާތާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ދަތުރުކުރި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓަކަށް ތުރުކީ ސިފައިން ހަމަލާ ދީ ވައްޓައިލުމުން، ތުރުކީ ވިލާތާއި ރަޝިޔާގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި އެވެ.

ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ތުރުކީ ވިލާތުން ރަޝިޔާ އަށް ތާއީދުކުރަން ފެށުމުން، ދެ ގައުމުގެ ގުޅުން އަންނަނީ ބަދަހިވަމުންނެވެ. ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ތުރުކީ ވިލާތުން ބުނެފައިވަނީ ރަޝިޔާއަކީ ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށާއި ޑިޕްލޮމެޓިކް ގޮތުން ވެސް ވަރަށް އެކުވެރި ގައުމެއް ކަމަށެވެ.

ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ތުރުކީ ވިލާތުން ވަނީ، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްހައިގެ ވާހަކަތަކެއް ވެސް އިންތިޒާމުކޮށް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ބާއްވައިފަ އެވެ. އޭގެ އިތުރުން ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާގެ ބައްދަލުވުމެއް ވެސް ތުރުކީ ވިލާތުގައި ބޭއްވި އެވެ.

އެއިން އެއްވެސް ބައްދަލުވުމަކުން ނަތީޖާއެއް ނުނެރެވި ނާކާމިޔާބުވުމާ އެކުގައިވެސް، ތުރުކީ ވިލާތުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ބައްދަލުވުމެއް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ބޭއްވުމަށެވެ.