Roadha Mihaaru
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް

ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް

24 އެޕްރީލް 2023

އަސްކަރީ ކަންކަމަށް އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ނުކުރާ ވަރުގެ ހޭދައެއް، ދުނިޔޭގެ ގައުމުތަކުން މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އަސްކަރީ ކަންކަމަށް އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ނުކުރާ ވަރުގެ ހޭދައެއް، ދުނިޔޭގެ ގައުމުތަކުން މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސްވިޑްންގައި ހުންނަ ދިރާސާކުރާ މަރުކަޒެއް ކަމަށްވާ ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރްއައި) އިން އިއްޔެ ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އަސްކަރީ ހޭދަ ވަނީ 2.24 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި މިއީ އަސްކަރީ ހޭދައިގެ މިންވަރު ޖެހިޖެހިގެން މައްޗަށް ދިޔަ އަށް ވަނަ އަހަރު ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެސްއައިޕީއާރްއައި އިން ބުނާ ގޮތުގައި މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި އަސްކަރީ ގޮތުން ކުރި ހޭދަ، ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވަނީ، ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީވާން ފެށުމުންނެވެ. އަދި ޔޫރަޕްގެ ގައުމުތަކުން މިދިޔަ އަހަރުގެ ތެރޭގައި ކުރި އަސްކަރީ ހޭދަ، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުރި އަސްކަރީ ހޭދަތައް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ގުޅިފައިވަނީ ޔޫކްރޭން ނުވަތަ ރަޝިޔާއާ އެވެ. ނަމަވެސް އެހެން ގައުމުތަކުން ވެސް، މިދިޔަ އަހަރުގެ ތެރޭގައި ކުރި އަސްކަރީ ހޭދަ ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި، ރަޝިޔާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމުގެ ގޮތުން، އެހެން ގައުމުތަކުން އަޅާފައިވާ ދިފާއީ ފިޔަވަޅުތަކުގެ ހަރަދުތައް ވެސް ހިމެނެ އެވެ.

އެސްއައިޕީއާރްއައި ގެ އިސް ބޭފުޅެއް ކަމަށްވާ ނާން ޓިއާން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން މިދިޔަ އަހަރުތަކުގައި އަސްކަރީ ކަންކަމަށް ކުރި ހޭދަ އަހަރުން އަހަރަށް އިތުރުވުމުން އެނގެނީ، ބައިނަލްއަގުވާމީ މުޖްތަމައު މިއަދު އޮތީ ރައްކާތެރިކަމެއް ނެތް ވެއްޓެއްގައި ކަމެވެ. އަދި ކައިރި ކުރިމަގެއްގައި ވެސް ރައްކާތެރި މާހައުލެއް ފެންނާނެ ކަމުގެ ޔަގީންކަން ކުޑަވުމުން، ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ ގޮތުން އަސްކަރީ ދިފާއީ ހޭދަ އިތުރުކުރަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ވަށައިގެންވާ ސަރަހައްދަށް ބަލާއިރު، ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭންގެ ކްރީމިއާ ސަރަހައްދު ހިފުމާ ގުޅިގެން، އެ ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ، އަސްކަރީ ދިފާއީ ހޭދަ އިތުރުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ ގުޅިގެން، މިދިޔަ އަހަރުގެ ތެރޭގައި ޔޫކްރޭނުން އަސްކަރީ ކަންކަމަށް ކުރި ހޭދަ ވަނީ، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، ހަ ގުނަ އިތުރުކޮށްފަ އެވެ.

ޔޫކްރޭންގެ ޖީޑީޕީގެ ނިސްބަތުން، 2021 ވަނަ އަހަރު އަސްކަރީ ކަންކަމަށް ހޭދަކޮށްފައިވަނީ ޖީޑީޕީގެ އެންމެ 3.2 ޕަސެންޓެވެ. ނަމަވެސް މިދިޔަ އަހަރު ޖީޑީޕީގެ 34 ޕަސެންޓް ވަނީ އަސްކަރީ ކަންކަމަށް ހޭދަކޮށްފަ އެވެ.

ރަޝިޔާގެ އަސްކަރީ ހޭދަ ވެސް، 2022 ވަނަ އަހަރު ވަނީ މައްޗަށް ގޮސްފަ އެވެ. އެ އަހަރުގެ ތެރޭގައި ރަޝިޔާގެ އަސްކަރީ ހޭދަ ވަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 9.2 ޕަސެންޓް އިތުރުކޮށްފަ އެވެ. އަދި 2021 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ޖީޑީޕީގެ 3.7 ޕަސެންޓް، އަސްކަރީ ކަންކަމަށް ހޭދަކުރި އިރު، މިދިޔަ އަހަރު އަސްކަރީ ކަންކަމަށް ހޭދަކޮށްފައިވަނީ ޖީޑީޕީގެ 4.1 ޕަސެންޓެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ވެސް 2022 ވަނަ އަހަރު އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކުރީ އެމެރިކާ އެވެ. އެ ގައުމުގެ މިދިޔަ އަހަރުގެ އަސްކަރީ ހޭދަ، އޭގެ ކުރީ އަހަރަށް ވުރެ 0.7 ޕަސެންޓް އިތުރުވި އިރު، އެއީ ޖުމްލަ 877 ބިލިއަން ޑޮލަރެވެ. އެއީ މުޅި ދުނިޔޭގެ އަސްކަރީ ހޭދައިގެ 39 ޕަސެންޓެވެ.

އެމެރިކާ އިން މިދިޔަ އަހަރުގެ ތެރޭގައި ކުރި އަސްކަރީ ހޭދައިގެ ތެރޭގައި، ޔޫކްރޭނަށް ފޮނުވި އަސްކަރީ އެހީގެ ޖުމްލަ މިންވަރު 19.9 ބިލިއަން ޑޮލަރަށް އަރަ އެވެ.

ދުނިޔޭގެ ނިސްބަތުން، އަސްކަރީ ކަންކަމަށް ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޗައިނާ އިންނެވެ. ޗައިނާގެ މިދިޔަ އަހަރުގެ އަސްކަރީ ހޭދައިގެ ޖުމްލައަކީ 292 ބިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 1.2 ޕަސެންޓް އިތުރު މިންވަރެކެވެ.

ނިސްބަތުން އަސްކަރީ ކަންކަމަށް ހޭދަކުރާ މިންވަރު ކުޑަ ގައުމެއް ކަމަށްވާ ޖަޕާނުން ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރެކޯޑް މިންވަރަކަށް އަސްކަރީ ހޭދަ އިތުރު ކޮށްފަ އެވެ. ޖަޕާނުން މިދިޔަ އަހަރުގެ ތެރޭގައި، އަސްކަރީ ކަންކަމަށް 46 ބިލިއަން ޑޮލަރު ހޭދަކުރި އިރު، އެއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 5.9 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި މިއީ 1960 ވަނަ އަހަރަށް ފަހު، އެ ގައުމުގެ އަސްކަރީ ހޭދަ މިހާ މައްޗަށް ދިޔަ ފުރަތަމަ އަހަރެވެ.