Roadha Mihaaru
ސީރިއާއަށް އެމެރިކާ ހަމަލާދިނުމުން ރަޝިޔާ ރުޅިގަދަވެއްޖެ

ސީރިއާ އަށް އެމެރިކާ ހަމަލާ ދިނުމުން ރަޝިޔާ ރުޅިގަދަވެއްޖެ

07 އެޕްރީލް 2017

މޮސްކޯ (އެޕްރީލް 7) - ސީރިއާ އަށް މިސައިލް ހަމަލާ ދިނުމުން ރަޝިޔާ ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އެޕްރީލް 7) - ސީރިއާ އަށް މިސައިލް ހަމަލާ ދިނުމުން ރަޝިޔާ ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޓޮމަހޯކް ކްރޫޒް މިސައިލުން އެމެރިކާ ހަމަލާ ދިނީ ސީރިއާގެ ވައިގެ މަރުކަޒަކަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން ވައިގެ ހަމަލާ ދިން މަރުކަޒީ ސީރިއާގައި ކެމިކަލް ހަމަލާ ދިނުމަށް ބޭނުންކުރި ތަން ކަމަށެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް އަންގާރަ ދުވަހު ދިން ކެމިކަލް ހަމަލާގައި ވަނީ 86 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މެޑިޓެރޭނިއަންގައިވާ އެމެރިކާގެ މަނަވަރުތަކުން ސީރިއާ އަށް މިސައިލް ހަމަލާ ދީފައި ވަނީ ކެމިކަލް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެމެރިކާ އިން ދިން 59 މިސައިލް ހަމަލާގައި ވަނީ ސީރިއާ އިން ހަ މީހުން މަރުވެފަ އެވެ. މިއީ އެމެރިކާ އިން ސީރިއާ އަށް ސީދާ ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާ އިން ބުނެފައި ވަނީ އެމެރިކާ އިން ވައިގެ ހަމަލާ ދިނުން ގަބޫލް ނުކުރެވޭނެ ކަމަށެވެ. އަދި ސީރިއާ މަތިން ވައިގެ ތެރޭގައި ހިނގައިފާނެ އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ގާއިމްކުރަން އުޅުނު އެއްބަސްވުން ވަނީ މަޑުޖައްސާލައިފަ އެވެ. ރަޝިޔާ އަކީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގައި ސީރިއާގެ ބައިވެރިއެކެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ އެމެރިކާގެ ވައިގެ ހަމަލާއަކީ މިނިވަން ގައުމަކަށް އަރައިގަތުން ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެމެރިކާ-ރަޝިޔާގެ ގުޅުމަށް ހީނަރުކަން އަތުވެދާނެތީ ރައީސް ޕުޓިން ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ހުޅަނގާ އަދި ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިނީ ސީރިއާ ސަރުކާރުން ކަމަށެވެ. އެކަމަކު ދިމިޝްގުން އެކަން ދޮގުކުރެ އެވެ.