Roadha Mihaaru
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު

އެމެރިކާގެ ހަމަލާތަކުގައި މަހެއްގެ ތެރޭ ސީރިޔާގެ 472 އާންމުން މަރުވި

24 ޖޫން 2017

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމުންގެ 472 މީހަކު މަރުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމުންގެ 472 މީހަކު މަރުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުގައި މަރުވި މީހުން އަދަދު ކަށަވަރު ނުވިޔަސް، މިދިޔަ މަހުގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި 137 ކުޑަކުދިން ވެސް ހިމެނެ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި، މެއި 23 އާއި ޖޫން 23 އާ ދެމެދު ހޭދަވި މުއްދަތަކީ، އެމެރިކާއާ ގުޅިފައިވާ ލަޝްކަރުގެ ހަމަލާތަކުގައި އާންމުން އެންމެ ގިނައިން މަރުވި ދުވަސްތައް ކަމަށެވެ.

ސީރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމައިގައި އެމެރިކާ ބައިވެރިވެ އިދިކޮޅު ފަރާތްތަކަށް ވާގިވެރި ވާން ފެށީ ސެޕްޓެމްބަރު 23، 2014ގަ އެވެ. އޭރުން ފެށިގެން މިހާތަނަށް އެންމެ ގިނަ އަދަކަށް އާންމުން މަރުވެފައިވަނީ ރައްގާ އާއި ދޭރް އައްޒޫރް އިންނެވެ. މީގެ ތެރެއިން ރައްގާ އަކީ، ސީރިޔާ އަށް ވެރިވެގަނެ އަމިއްލަ ވެރިކަމެއް އިއުލާންކުރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ސަހަރެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ 2011 ގައި ފެށުނު ފަހުން މިހާތަނަށް މަރުވި މީހުންގެ އަދަދު 320،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އެމެރިކާ އިން ވާގިވެރިވާ ޖަމާއަތްތަކުގެ ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދު 1،953 އަށް އަރާ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެމެރިކާގެ ގުޅިފައިވާ ލަޝްކަރުން ބުނާ ގޮތުގައި އެމީހުން ހަމަލާތައް ދެނީ އާންމުންނަށް އެއްގޮތަކަށް ވެސް ގެއްލުން ނުވާނެ ގޮތްތަކަށް ބަލައިގެންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާއަތްތަކަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އަރަބި ބައެއް ގައުމުތަކުން ވެސް އެހީވެ އެވެ. ބައްޝާރުގެ ސަރުކާރަށް ވަފާތެރި ހަނގުރާމަވެރިންނާ އެކުގައި މަސައްކަތް ކުރަމުން ދަނީ ރަޝިޔާ އާއި އީރާނެވެ.