Roadha Mihaaru
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ

ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ

22 މާޗް 2017

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު މިހާރު ވެސް ދަނީ ގަދަ ވަމުން ކަމަށް އެ ގައުމުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެފި އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު މިހާރު ވެސް ދަނީ ގަދަ ވަމުން ކަމަށް އެ ގައުމުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެފި އެވެ.

ވެރިރަށް ދިމިޝްގުގެ ރަށްބޭރު ސަރަހައްދުގައި ތިބި ހަނގުރާމަވެރިންނާ ދެކޮޅަށް ސަރުކާރު ސިފައިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވިޔަސް، އެ ސަރަހައްދުގައި ހުރި ސަރުކާރުގެ ބައެއް އިމާރާތްތައް އަނެއްކާ ވެސް ވަނީ ހަނގުރާމަވެރިން ހިފައިފަ އެވެ. ވެރިރަށާ މިހާ ކައިރީގައި ހަނގުރާމަވެރިންގެ ބާރު އިތުރަށް ވަރުގަދަ ވަމުންދާތީ، ސީރިޔާ ހަނގުރާމަ ނިމުމަކާ އަދި ގާތް ވެސް ނުވާ ކަމަށް ލަފާ ކުރެވެ އެވެ.

މި ދުވަސްވަރު އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން ދަނީ ދިމިޝްގުގެ އިރު އުތުރުގައި އޮންނަ ސިނާއީ ސަރަހައްދުގަ އެވެ. އެ ސަރަހައްދު އަދިވެސް އޮތީ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގަ އެވެ. އޭގެ ތެރޭގައި ހަރުކަށި އިސްލާމީ ޖަމާއަތްތަކާއި، އަލްގާއިދާއާ ގުޅުން އޮންނަ ޖަމާއަތްތައް ހިމެނެ އެވެ.

މި ސަރަހައްދުގައި ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، ސީރިޔާގެ އެހެން ސަރަހައްދުތަކުގައި ވެސް ހަނގުރާމަވެރިން ދަނީ ސަރުކާރު ސިފައިންނާ ދެކޮޅަށް ހަމަލާ ދެމުންނެވެ. ސީރިޔާގެ ހަނގުރާމައިގައި ސަރުކާރާ އެއްކޮށް ހަނގުރާމަ ކުރަމުން ދަނީ ޝީއީ ހަނގުރާމަވެރި ޖަމާއަތްތަކެވެ. އޭގެ އިތުރުން އީރާނާއި ރަޝިޔާގެ މަދަދާއި އެހީތެރިކަން ލިބެ އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނެނީ ސުންނީ ޖަމާއަތްތަކުގެ އިތުރުން އިސްލާމިކް ސްޓޭޓް އެވެ. އޭގެ އިތުރުން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކާއި ސުންނީ އަރަބި ގައުމުތައް ވެސް ބައިވެރިވެ އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސަރުކާރު ސިފައިން ފަށާފައިވާ ހަމަލާތަކުގައި މިދިޔަ އަހަރު ވަނީ ހަލަބްގެ އިރުމަތީ ސަރަހައްދު މިނިވަންކޮށްފަ އެވެ. ނަމަވެސް އިތުރު ސަރަހައްދުތަކުން ހަނގުރާމަވެރިން ފައްސާލުމުގައި ސީރިޔާ ސަރުކާރަށް މާ ބޮޑު ކާމިޔާބެއް ނުލިބެ އެވެ.