Roadha Mihaaru
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން

ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން: އެމެރިކާ

26 ސެޕްޓެމްބަރ 2016

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - ސީރިއާ މައްސަލާގައި ރަޝިޔާ އިން ހަދަނީ މުޅިން ދޮގު ކަމަށާއި އެ ގައުމުން ދަނީ ސީރިއާގައި ވަރަށް "ނާތަހުޒީބު" އަމަލުތައް ހިންގަމުން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - ސީރިއާ މައްސަލާގައި ރަޝިޔާ އިން ހަދަނީ މުޅިން ދޮގު ކަމަށާއި އެ ގައުމުން ދަނީ ސީރިއާގައި ވަރަށް "ނާތަހުޒީބު" އަމަލުތައް ހިންގަމުން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ސަމަންތާ ޕަވާ ވިދާޅުވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ގާތް ގުޅުމެއް އޮންނަ ރަޝިޔާ ބޭނުން ވަނީ ސުލްހައިގެ ބަދަލުގައި ހަނގުރާމަ ކަމަށެވެ.

"ސީރިއާ އަށް އެހީ ދިނުމުގެ ބަދަލުގައި ރަޝިޔާ އާއި އަސަދު ދަނީ ހޮސްޕިޓަލްތަކަށް ބޮން އަޅަމުން،" ޕަވާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރަޝިޔާ އިން ދަނީ ސީރިއާގެ ހަލަބުގެ އިރުމަތީގައި ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ކަމަށެވެ. އެކަމަކު ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް އދ.ގައި ވިދާޅުވެފައި ވަނީ އެ ގައުމުން ސީރިއާގައި ސުލްހަ ބޭނުންވާ ކަމަށެވެ.

އެހީ ހިފައިގެން ދަތުރުކުރި ވެހިކަލްތަކަށް ދިން ހަމަލާގައި 18 ވެހިކަލް ވަނީ ހަލާކުވެފައި. --ފޮޓޯ:އޭޕީ

އެހީ ހިފައިގެން ދަތުރުކުރި ވެހިކަލްތަކަށް ދިން ހަމަލާގައި 18 ވެހިކަލް ވަނީ ހަލާކުވެފައި. --ފޮޓޯ:އޭޕީ

ޕަވާ ވިދާޅުވީ ސީރިއާގައި ދޭ ހަމަލާތަކުގެ ޒިންމާ ވާން ޖެހޭނީ ކޮން ބައެއްކަން ބުނުމުގެ ހިތްވަރު ސަލާމަތީ މަޖީލީހުގައި ހުންނަން ޖެހޭނެ ކަމަށާއި އަދި ހަމަލާތައް ހުއްޓާލުމަށް އެއް އަޑަކުން ގޮވާލަން ޖެހޭނެ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގިނަ މަންދޫބުން ވަނީ ހަލަބު ސިޓީއާ ކައިރީގައި އެހީ ހިފައިގެން ދިޔަ ވެހިކަލްތަކަށް ހަމަލާ ދިނުމަކީ ރަޝިޔާ އިން ހިންގި ޖަރީމާއެއް ކަމަށް ބުނެފަ އެވެ. އެކަމަކު ރަޝިޔާ އިން ވަނީ ހަމަލާ ނުދޭ ކަމަށް ބުނެފަ އެވެ. މިދިޔަ ހޯމަ ދުވަހު ދިން ހަމަލާގައި ވަނީ އެހީ ހިފައިގެން ދަތުރުކުރި 31 ވެހިކަލްގެ ތެރޭން 18 ވެހިކަލް ހަލާކުވެފަ އެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބޭއްވީ އެމެރިކާ، އިނގިރޭސި ވިލާތް އަދި ފްރާންސް އިން އެދިގެންނެވެ.

ސީރިއާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ ޚާއްސަ މަންދޫބު ވިދާޅުވީ އެންމެ ފަހުގެ ހަމަލާތަކުގައި އާއްމުންގެ 213 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭން ގިނައީ ކުޑަ ކުދިން ކަމަށް ވެސް ވިދާޅުވި އެވެ.

ސޭވް ދަ ޗިލްރަން އިން އިއްޔެ ބުނީ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނެރެފައިވާ މީހުންގެ ދެބައިކުޅަ އެއް ބަޔަކީ ކުޑަ ކުދިން ކަމަށެވެ. އަދި އެއް ހޮސްޕިޓަލުން އިއްޔެ ފަރުވާ ދިން މީހުންގެ 43 ޕަސެންޓަކީ ކުޑަ ކުދިން ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.