Roadha Mihaaru
ރަޝިޔާގެ ހަމަލާތަކުގައި ސީރިއާއިން 9300 މީހުން މަރު

ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ސީރިއާ އިން 9،300 މީހުން މަރުވެއްޖެ

02 އޮކްޓޯބަރ 2016

ދިމިޝްގު (އޮކްޓޯބަރު 2) - މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 އިން ފެށިގެން ރަޝިޔާ އިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިވީ އަހަރު ދުވަހުތެރޭ ސީރިއާ އިން 9،300 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮކްޓޯބަރު 2) - މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 އިން ފެށިގެން ރަޝިޔާ އިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިވީ އަހަރު ދުވަހުތެރޭ ސީރިއާ އިން 9،300 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގައި އާއްމުންގެ 3،000 މީހުން މަރުވެފައިވާ ކަމަށެވެ. އިނގިރޭސި ވިލާތުގައި ހިންގާ ޖަމާއަތުން ބުނީ މަރުވި މީހުންގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 2،700 ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ 2،800 މީހުން މަރުވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.

ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ސީރިއާ އިން 20،000 އާއްމުން ޒަޚަމްވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ. އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރާމީ އަބްދުލް ރަހުމާން ވިދާޅުވީ ރަޝިޔާގެ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރަޝިޔާ އިން ބުރާސްފަތި ދުވަހު ވަނީ އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި، ސީރިއާ އަށް ދޭ ވައިގެ ހަމަލާތައް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ރަޝިޔާ އިން ދަނީ ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެގެން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ކަމަށެވެ.

ސީރިއާގެ ފަަސް އަހަރުވީ ހަނގުރާމައިގައި ވަނީ ތިން ލައްކައާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފަ އެވެ.