Roadha Mihaaru

ޒުވާން ކުޅުންތެރިން ނުގެނެވޭ ގޮތަށް ލިވަޕޫލަށް އަދަބު ދީފި

ލިވަޕޫލް (އޭޕްރިލް 6) - ގަވާއިދާ ހިލާފަށް ސްޓޯކް ސިޓީގެ ޒުވާން ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރުމުން އިނގިރޭސި އެފްއޭ އިން ލިވަޕޫލަށް ހަރުކަށި އަދަބެއް ދީފި އެވެ.

ޒުވާން ކުޅުންތެރިން ނުގެނެވޭ ގޮތަށް ލިވަޕޫލަށް އަދަބެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

06 އެޕްރީލް 2017

ލިވަޕޫލް (އޭޕްރިލް 6) - ގަވާއިދާ ހިލާފަށް ސްޓޯކް ސިޓީގެ ޒުވާން ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރުމުން އިނގިރޭސި އެފްއޭ އިން ލިވަޕޫލަށް ހަރުކަށި އަދަބެއް ދީފި އެވެ.

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިވަޕޫލުން ސްޓޯކްގެ އުމުރުން 12 އަހަރުގެ ކުޅުންތެރިއަކު ގެންނަން އޭނާ އަށް ހުށަހަޅާފައިވަނީ ސްޓޯކަށް އެނގުމެއް ނެތި، ގަވައިދާ ހިލާފަށެވެ. އިނގިރޭސި އެފްއޭ އިން މި މައްސަލަ ބެލުމަށް ފަހު ނިންމީ ދެ އަހަރު ވަންދެން ލިވަޕޫލަށް އެކެޑަމީ ކުޅުންތެރިއަކު ނުގަނެވޭ ގޮތަށް އަދަބު ދިނުމުގެ އިތުރުން 100،000 ޕައުންޑުން ޖޫރިމަނާ ކުރުމަށެވެ.

މީގެ އިތުރުން އެފްއޭ އިން ވަނީ ލިވަޕޫލްގެ ސަސްޕެންޝަންގެ ދެ ވަނަ އަހަރުގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ އިތުރު ތިން އަހަރަށް ސަސްޕެންޝަން އިތުރު ކުރުމަށް ނިންމައިފަ އެވެ.

ސްޓޯކް ކުޅުންތެރިއާގެ އާއިލާއާ މަޝްވަރާ ކުރުމަށް ފަހު ލިވަޕޫލުން ހުށަހެޅީ އޭނާގެ ސްކޫލު ފީ ދެއްކުމުގެ އިތުރުން ކިޔެވުމުގެ އިތުރު ހަރަދުތަކާ ވެސް ހަވާލުވުމަށެވެ. އެކަމު އެ ވަގުތު އެ ކުޅުންތެރިއާގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން އައީ ސްޓޯކުންނެވެ. ސްޓޯކުން މި މައްސަލަ އިނގިރޭސި އެފްއޭ އަށް ހުށަހަޅަން ނިންމީ ލިވަޕޫލުން ޒުވާން ކުޅުންތެރިންގެ އާއިލާ އަށް ނުފޫޒު ފޯރުވައިގެން ކުޅުންތެރިން ގެންދަން މަަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

އިނގިރޭސި އެފްއޭގެ ގަވާއިދު ބުނާގޮތުން ޒުވާން ކުޅުންތެރިއަކު ގެންދަން ކްލަބާ ވާހަކަ ދެއްކުމުގެ ކުރިން އާއިލާއާ ވާހަކަ ނުދެއްކޭނެ އެވެ.

ލިވަޕޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުން މި މައްސަަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އެޕީލްނުކުރާނެ ކަމަށެވެ.

ފާއިތުވި ހަތަރު ވަރަކަށް ސީޒަނުގެ ތެރޭގައި ލިވަޕޫލުން ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފަ އެވެ. ލިވަޕޫލުން އަންނަނީ އިންޑިއާ އާއި ތައިލެންޑުގައި އެ ޓީމުގެ އެކެޑަމީތައް ހިންގަމުންނެވެ. އިންޑިއާ ގައުމީ ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ލަލިއަންޒުއާލާ ޗަންގްޓޭ އަކީ ވެސް ލިވަޕޫލް އެކެޑަމީ އިން ތަމްރީން ވަމުން އަންނަ ކުޅުންތެރިއެކެވެ.