Roadha Mihaaru

ޗެމްޕިއަންގެ ބެޖު ޖަހަން ލިވަޕޫލުން ހުއްދަ އަށް އެދެނީ

ލިވަޕޫލް (ޑިސެމްބަރު 25) - ފުރަތަމަ ފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލި ލިވަޕޫލުން އެ މުބާރާތުގެ ބެޖު ޖޯޒީގައި ޖަހަން އިނގިރޭސި އެފްއޭގެ ހުއްދަ އަކަށް އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެމްޕިއަންގެ ބެޖު ޖަހަން ލިވަޕޫލުން ހުއްދަ އަށް އެދެނީ

ލިވަޕޫލް (ޑިސެމްބަރު 25) - ފުރަތަމަ ފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލި ލިވަޕޫލުން އެ މުބާރާތުގެ ބެޖު ޖޯޒީގައި ޖަހަން އިނގިރޭސި އެފްއޭގެ ހުއްދަ އަކަށް އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖެހިގެން އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެހެން ޓީމެއް ހޯދަންދެން ޗެމްޕިއަން ބެޖް ބޭނުންކުރެވޭނެ އެވެ. މީގެ ކުރިން ރެއާލް މެޑްރިޑާއި ބާސެލޯނާ، ބަޔާން މިއުނިކް، އިންޓަ އާއި އޭސީ މިލާނުން ވަނީ އެ ޓީމުން ކުޅުނު ހުރިހާ މުބާރާތެއްގައި އެ ބެޖް ބޭނުންކޮށްފަ އެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދު އޮންނަ ގޮތަކުން އެ ބެޖް ލީގުގެ މެޗުތަކުގައި ބޭނުންނުކުރެވެ އެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ކްލަބް ވޯލްޑް ކަޕް ހޯދުމަށް ފަހު އިނގިރޭސި ލީގާއި ކަޕް މެޗުތައް ކުޅެން ޖެހުނީ އެ ބެޖް ނުޖަހަ އެވެ.

ޔުނައިޓެޑުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. ލިވަޕޫލާއި ޔުނައިޓެޑްގެ އިތުރުން އެހެން އިނގިރޭސި ކްލަބަކަށް މި މުބާރާތް ކާމިޔާބެއް ނުކުރެވެ އެވެ. ޗެލްސީން ވަނީ 2012 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން ބަލިވެފަ އެވެ. ލިވަޕޫލުން މި ފަހަރުގެ ތަށި އުފުލާލީ ފައިނަލުގައި ބްރެޒިލްގެ ފްލަމެންގޯ އަތުން 1-0 އިން މޮޅުވެގެންނެވެ. މީގެ ކުރިން 2005 ވަނަ އަހަރު ލިވަޕޫލް ވަނީ ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ފައިނަލުގައި 1-0 އިން ބަލިވެފަ އެވެ.

ރެއާލްގެ މިޑްފީލްޑަރު މޮޑްރިޗް ޗެމްޕިއަން ބެޖް ޖަހާފައިވާ ޖޯޒީއެއް ލައިގެން. -- ފޮޓޯ: ރެއާލް މެޑްރިޑް

ރެއާލްގެ މިޑްފީލްޑަރު މޮޑްރިޗް ޗެމްޕިއަން ބެޖް ޖަހާފައިވާ ޖޯޒީއެއް ލައިގެން. -- ފޮޓޯ: ރެއާލް މެޑްރިޑް

ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން ވަނީ ބެޖް ޖަހަން ހުއްދަ ހޯދަން އިނގިރޭސި އެފްއޭ އަށް ހުށަހަޅައިފަ އެވެ. އިނގިރޭސި އެފްއޭގެ ގަވާއިދު މިހާރު އޮންނަގޮތުން ޖޯޒީގައި ހާއްސަ ސަބަބެއްގައި ބެޖެއް ޖަހަން ހުއްދަ އޮންނަނީ ޗެރިޓީއާ ގުޅޭ ކަންކަމުގަ އެވެ. ލިވަޕޫލުން ހުށަހަޅާފައިވަނީ އެ ގަވާއިދު ރިވިއުކޮށް ދުނިޔޭގެ ފެންވަރުގައި އިނގިރޭސި ކްލަބްތަކުން ހޯދާ ކާމިޔާބީތަކުގައި އިނގިރޭސި އެފްއޭ އިން ބައިވެރިވެ ޗެމްޕިއަން ބެޖް ޖެހުމުގެ ހުއްދަ ދިނުމަށެވެ.

ލިވަޕޫލްގެ އޮފިޝަލަކާ ހަވާލާދީ ދި އެތުލެޓިކްގައި ރިޕޯޓްކޮށްފައިވާގޮތުން އިނގިރޭސި އެފްއޭ އިން ލިވަޕޫލްގެ ހުށަހެޅުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާފައި އާންމުކުރާނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ ލީގުގެ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ލިވަޕޫލަށް ކުރިން އިރުޝާދުދިން ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ކުޅޭ ލެސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ.