Roadha Mihaaru

ޖެހިޖެހިގެން ދެ ދުވަހު، ދެ ބައްރެއްގައި ލިވަޕޫލް ކުޅެނީ

ލިވަޕޫލް (ނޮވެމްބަރު 6) – ދުނިޔޭގެ ކްލަބް ފުޓްބޯޅައިގައި އަންނަ މަހު އާދަޔާހިލާފު ކަމެއް ހިނގާނެ އެވެ. އިނގިރޭސި ގަދަބާރު ލިވަޕޫލުން ތަފާތު ދެ މުބާރާތެއްގައި ޖެހިޖެހިގެން ދެ ދުވަހު، ދެ ބައްރެއްގައި ދެ މެޗު ކުޅެން ޖެހުނީ އެވެ. އެ ކްލަބުން ދެ މެޗަށް ނެރޭނީ ވަކި ދެ ޓީމެކެވެ.

ޖެހިޖެހިގެން ދެ ދުވަހު ދެ ބައްރެއްގައި ލިވަޕޫލް ކުޅެނީ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 ނޮވެމްބަރ 2019

ލިވަޕޫލް (ނޮވެމްބަރު 6) – ދުނިޔޭގެ ކްލަބް ފުޓްބޯޅައިގައި އަންނަ މަހު އާދަޔާހިލާފު ކަމެއް ހިނގާނެ އެވެ. އިނގިރޭސި ގަދަބާރު ލިވަޕޫލުން ތަފާތު ދެ މުބާރާތެއްގައި ޖެހިޖެހިގެން ދެ ދުވަހު، ދެ ބައްރެއްގައި ދެ މެޗު ކުޅެން ޖެހުނީ އެވެ. އެ ކްލަބުން ދެ މެޗަށް ނެރޭނީ ވަކި ދެ ޓީމެކެވެ.

މިގޮތަށް ހަދަން މަޖުބުރޫވީ ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ގަތަރުގެ ވެރިރަށް ދޯހާގައި ޑިސެމްބަރު 18 ވަނަ ދުވަހު ކުޅޭ މެޗުގެ ކުރިން، 17 ވަނަ ދުވަހު އޮންނަ އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި އެސްޓަން ވިލާއާ ދެކޮޅަށް ވެސް އެ ޓީމު ވާދަކުރަން ޖެހުމުންނެވެ.

އެހެންވެ ލިވަޕޫލުން މަސައްކަތްކުރީ ލީގު ކަޕް މެޗު ފަސްކުރެވޭތޯ އެވެ. އެކަމަކު ޑިސެމްބަރު މަހު ޕްރިމިއާ ލީގުގައި ހަފުތާގެ މެދުތެރޭގެ މެޗުތަކެއް ހުރުމާއި ލިވަޕޫލުން ކްލަބް ވޯލްޑް ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރާތީ، ޖެނުއަރީ ކުރީކޮޅަށް ޝެޑިއުލްކޮށްފައިވާ ލީގު ކަޕުގެ ސެމީ ފައިނަލް މެޗުތަކުގެ ކުރިން ކުއާޓާ ކުޅޭނެ އެހެން ދުވަހެއް ނެތީ އެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނީ އިތުރު ގޮތެއް ނެތުމުން، ދެ މުބާރާތަށް ދެ ސްކޮޑް ނެރޭގޮތަށް ނިންމާފައިވާ ކަމަށެވެ. ލިވަޕޫލުން ލީގު ކަޕުގައި މިހާތަނަށް ކުޅުނު ދެ މެޗަށް ވެސް، އެމްކޭ ޑޮންސް އާއި އާސެނަލާ ދެކޮޅަށް ނެރުނީ ޒުވާން ސްކޮޑެކެވެ. އެހެންވެ މި ހާލަތް މެދުވެރިނުވީ ނަމަވެސް ކުއާޓާގައި ވެސް ލިވަޕޫލުން ބޭނުންކުރީހީ ޒުވާން ސްކޮޑެކެވެ. އެކަމަކު ކޯޗު ޔާގެން ކްލޮޕަށާއި އަދި އެ ނޫން ވެސް ބައެއް ސީނިއާ ކުޅުންތެރިންނަށް މެޗުގައި އެއްވެސް ވަރަކަށް ބައިވެރިނުވެވުމަކީ އެ ޓީމަށް އޮތް ކަންބޮޑުވުމެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ގެންކް އަތުން 2-1 އިން މޮޅުވެ ގްރޫޕުގެ އެއް ވަނަ އަށް އެރި މެޗަށް ފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކޮންމެ އަހަރަކު މިފަދަ ގޮތަކަށް ކުރިއަކަށް ނުދެވޭނެ ކަމަށާއި މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެކަމަކު ފީފާ އާއި އިނގިރޭސި ލީގާ މައްސަލަ ޖެހެން ބޭނުންނުވާ ކަމަށާއި އެހެންވެ މި ފަހަރު އެ ދެ މުބާރާތަށް ވެސް އިހުތިރާމްކުރާނެ ކަމަށް ކްލޮޕް ބުންޏެވެ.

"ކްލަބް ވޯލްޑް ކަޕުގައި ކުޅެވެނީ ޗެމްޕިއަންސް ލީގު ކާމިޔާބުވެއްޖެއްޔާ. އެކަމެއް ހަޔާތުގައި ނުވާނެ ފަސް މިލިއަން ފަހަރަކު. އެހެންވެ އެ ފުރުސަތުގެ ބޭނުން ހިފަން ޖެހޭ. އަހަރެމެން ދާނަން އެތަނަށް އަދި ގޮސް ހުރިހާ މެޗެއް ކުޅޭނަން،" ކްލޮޕް ބުންޏެވެ.

މީގެ ކުރިން މިފަދަ ބައެއް ހާލަތްތައް އެހެން ޓީމުތަކަށް ދިމާވެފައިވެ އެވެ. އެގޮތުން 2001 ވަނަ އަހަރު އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ޖެހިޖެހިގެން ދެ ދުވަހު ދެ މެޗު ކުޅުނެވެ. އާސެނަލް އެ ފަހަރު ލީގުގައި ޗާލްޓަން އަތުން 4-2 އިން ބަލިވެ ޖެހިގެން އައި ދުވަހު ލީގު ކަޕުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 އިން މޮޅުވި އެވެ. ޔުނައިޓެޑް ލީގުގައި އޭގެ ކުރީ ދުވަހު ލިވަޕޫލް އަތުން 3-1 އިން ބަލިވީ އެވެ.