Roadha Mihaaru

ކްރިސްޓަލް ޕެލަސްގެ ކެޕްޓަން ލިވަޕޫލަކަށް ނުގެންދެވުނު

ލިވަޕޫލް (ސެޕްޓެމްބަރު 2) - ކްރިސްޓަލް ޕެލަސްގެ ކެޕްޓަން މާކް ގޭއީ ގެންނަން ހުރިހާ ކަމެއް ފައިނަލް ވެފައި ވަނިކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ޑީލް ކެންސަލް ވެއްޖެ އެވެ.

ކްރިސްޓަލް ޕެލަސްގެ ކެޕްޓަން ލިވަޕޫލަކަށް ނުގެންދެވުނު

ލިވަޕޫލް (ސެޕްޓެމްބަރު 2) - ކްރިސްޓަލް ޕެލަސްގެ ކެޕްޓަން މާކް ގޭއީ ގެންނަން ހުރިހާ ކަމެއް ފައިނަލް ވެފައި ވަނިކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ޑީލް ކެންސަލް ވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ އިނގިރޭސި ޑިފެންޑަރު ގޭއީ ލިވަޕޫލަށް ބަދަލުވާން ނިންމީ 35 މިލިއަން ޕައުންޑް (47 މިލިއަން ޑޮލަރު) އަށެވެ. މީގެ އިތުރުން 10 ޕަސެންޓް ސެލް-އޮން ކްލޯސް އެއް ކޮންޓްރެކްޓުގައި ވަނީ ހިމަނައިފަ އެވެ.

ލިވަޕޫލް ވަނީ ނިއުކާސަލްގެ ފޯވާޑް އެލެކްޒެންޑާ އީސާކް ގެންނަން އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް އެއްބަސްވެފަ އެވެ. މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލް ވަނީ ފްލޯރިއަން ވިއެޓްޒް ގެންނަން އެ ކްލަބްގެ ރެކޯޑް މުގުރާލައިފަ އެވެ. އޭނާ ގެނައީ 100 މިލިއަން ޕައުންޑްގެ އިތުރުން އެޑޯންގެ ގޮތުގައި 16 މިލިއަން ޕައުންޑް ހިމަނައިގެންނެވެ.

ޕެެލަސް އިން ގޭއީ ދޫނުކުރަން ނިންމީ، އޭނާގެ ބަދަލުގައި އެ ޓީމަށް ކުޅުންތެރިއެއް ގެންނަން އުނދަގޫވުމުންނެވެ. އެ ޓީމުން ބްރައިޓަންގެ ޑިފެންޑަރު އީގޯ ހޫލިއޯ ގެންދަން މަސައްކަތް ކުރި ނަމަވެސް ވެސްޓް ހޭމް ޔުނައިޓެޑުން އަންނަނީ އޭނާ ހޯދުމުގައި ކުރި ހޯދަމުންނެވެ.

ގޭއީ ވަނީ އެންމެ ފަހުން ލީގުގައި ޕެލަސް އިން 3-0 އިން އެސްޓަން ވިލާ ބަލި ކުރި މެޗުގައި ކެޕްޓަންގެ ގޮތުގައި ކުޅެ ލަނޑު ވެސް ޖަހައިފަ އެވެ. އެއީ އޭނާ ޕެލަސް އަށް ކުޅެދިން 162 ވަނަ މެޗެވެ. މި ސީޒަންގެ ކޮމިއުނިޓީ ޝީލްޑް މެޗުން ލިވަޕޫލް ބަލިކޮށް ޕެލަސް ކާމިޔާބު ކުރީ ގޭއީގެ ކެޕްޓަން ކަމުގަ އެވެ.

އީސާކް އަދި ވިއެޓްޒްގެ އިތުރުން ވެސް ކުޅުންތެރިން ގެންނަން މި މާކެޓުގައި ލިވަޕޫލް ވަނީ އެޑޯންތައް ނުހިމަނައި، ޕްރިމިއާ ލީގުގެ ރެކޯޑް ޖުމްލަ އަގެއް ކަމަށްވާ 416.2 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. މީގެ ކުރިން 400 މިލިއަން ޕައުންޑަށް ވުރެ ގިނައިން ސަމާ ޓްރާންސްފާ ބާޒާރެއްގައި ހޭދަކޮށްފައި ވަނީ 2023 ގައި ޗެލްސީ އެވެ. އެ ފަހަރު އެ ޓީމުން 401.2 މިލިއަން ޕައުންޑް ހޭދަކުރި އެވެ.

ލިވަޕޫލުން ކުޅުންތެރިން ގަންނަން ބޮޑު ހޭދައެއް ކޮށްފައި ވިއަސް، އެ ޓީމުން ވަނީ ލުއިސް ޑިއާޒް އާއި ޑާވިން ނޫނޭޒް އަދި ތްރެންޓް އެލެކްޒެންޑާ އާނޯލްޑާއި ޖަރޭލް ކުއަންސާ ފަދަ ކުޅުންތެރިން ވިއްކައިގެން މިހާރު ވެސް 190 މިލިއަން ޕައުންޑް ހޯދައިފަ އެވެ.