Roadha Mihaaru

ލިވަޕޫލުން ހެދި ގޯސްތަކާ މެދު ސްލޮޓް ހިތްހަމަނުޖެހިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް އަތުން 3-2 އިން ބަލިވި މެޗުގައި ހެދުނު ގޯސްތަކާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް ފުލަމް ފަދަ ރަނގަޅު ޓީމަކާ ދެކޮޅަށް އެފަދަ ކަމެއް ވެދާނެ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

ލިވަޕޫލުން ހެދި ގޯސްތަކާ މެދު ސްލޮޓް ހިތްހަމަނުޖެހިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް އަތުން 3-2 އިން ބަލިވި މެޗުގައި ހެދުނު ގޯސްތަކާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް ފުލަމް ފަދަ ރަނގަޅު ޓީމަކާ ދެކޮޅަށް އެފަދަ ކަމެއް ވެދާނެ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

މެޗުގެ 14 ވަނަ މިނިޓުގައި އެލެކްސިސް މެކް އަލިސްޓާ ކާމިޔާބު ކުރި ގޯލުން ލިވަޕޫލް ލީޑު ކުރަނިކޮށް ފުލަމް ވަނީ 14 މިނިޓުތެރޭ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެންޑީ ރޮބާޓްސަން އާއި ކާޓިސް ޖޯންސް އަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ފުލަމްގެ ލަނޑުތައް ޖަހައިދިނީ ރަޔާން ސެސެނިޔޯން އާއި އެލެކްސް އިވޯބީ އަދި ރޮޑްރިގޯ މުނީޒް އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލަށް ފަރަގު ކުޑަ ކޮށްދިން ލަނޑު ޖަހައިދިނީ ލުއިސް ޑިއާޒް އެވެ.

"ފުލަމް ކަހަލަ ރަނގަޅު ޓީމަކާ ދެކޮޅަށް އެވަރު ކަމެއް ވެދާނެ. ގޯސް ހަދާ ނަމަ އޭގެ ބޭނުން ހިފުމުގެ ކޮލިޓީ އެ ޓީމު ކިބައިގައި އެބަހުރި. އެއީ ގޯސް 45 މިނިޓޭ ބުނެވޭކަށް ނެތް، ހަމައެކަނި މައްސަލައަކީ ހެދުނު ގޯސްތައް. އެއީ އަހަރެމެން އާއްމުކޮށް ހަދާ ގޯސްތަކެއް ވެސް ނޫން،" ސްލޮޓް ބުންޏެވެ.

"ދެ ވަނަ ހާފުގެ ކުޅުން ވަރަށް ބޮޑަށް ވެސް ރަނގަޅު، އެކަމަކު ފުރަތަމަ ހާފުގައި ތިން ގޯލު ބައިކޮޅަށް ވަނުމުން މެޗުން މޮޅުވުމަކީ މި ލެވެލްގައި އުނދަގޫ ކަމެއް. ނަސީބު ދެރަކަމުން ތިންވަނަ ގޯލެއް ޖަހަން އަހަރެމެންނަށް ވަގުތު މަދުވީ. މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ އެކަމަކު ފުލަމްއާ ދެކޮޅަށް ކުޅުމަކީ ގިނަ ޓީމުތަކަށް އުނދަގޫ ކަމެއް."

މިއީ ލީގުގައި ލިވަޕޫލް މި ސީޒަންގައި ބަލިވި ދެ ވަނަ މެޗެވެ. ލީގުގައި ބާކީ ހަތް މެޗު އޮއްވައި، ލިވަޕޫލް އެ އްވަނައިގައި އޮތީ ދެވަނައިގައި އޮތް އާސެނަލް އަށް ވުރެ 11 ޕޮއިންޓް ކުރީގަ އެވެ. ލިވަޕޫލަށް 31 މެޗުން 73 ޕޮއިންޓް ލިބިފައި ވާއިރު އާސެނަލް އާސް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް އަމިއްލަ ބާރުގައި ލީގު ޔަގީން ކުރަން، ބާކީ ހަތް މެޗުން 11 ޕޮއިންޓް ބޭނުންވެ އެވެ.