Roadha Mihaaru

ލިވަޕޫލް ސަޕޯޓަރުން ބޭއަދަބީގޮތަކަށް ސިމިއޯނީއާ ފުރައްސާރަކޮށް ރުޅިއަރުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އަތުން 3-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކުރި މެޗުގައި ލިވަޕޫލްގެ ސަޕޯޓަރެއް ބޭއަދަބީ ވައްތަރުތަކެއް ޖައްސައި، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ރުޅިއަރުވާލައިފި އެވެ.

ސިމިއޯނީއާ ފުރައްސާރަކޮށް ރުޅިއަރުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އަތުން 3-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކުރި މެޗުގައި ލިވަޕޫލްގެ ސަޕޯޓަރެއް ބޭއަދަބީ ވައްތަރުތަކެއް ޖައްސައި، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ރުޅިއަރުވާލައިފި އެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު މިނިޓުގެ ތެރެއިން، ދެ ވަނަ މިނިޓުގައި ކެޕްޓަން ވާޖިލް ވެން ޑައިކް ލިވަޕޫލް މޮޅު ކޮށްދިން ގޯލު ޖެހުމާ އެކު، ސިމިއޯނީ އޭނާގެ ފަހަތުގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންގެ ތެރޭން މީހަކާ ދިމާއަށް ދުއްވައިގަނެ، އޭނާއާ ކުރިމަތިލާން މަސައްކަތް ކުރުމުން އޭނާ ދުރުކުރަން ޖެހުނީ ދަނޑުގެ ސެކިއުރިޓީން ވެގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ހިނގި މި ހާދިސާއާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ސިމިއޯނީއަށް ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

ރެފްރީ ސިމިއޯނީއަށް ރަތް ކާޑު ދެއްކުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ރެފްރީ ސިމިއޯނީއަށް ރަތް ކާޑު ދެއްކުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން މިތިބީ ރައްދުގައި ޖަވާބުދެވޭނެ މަގާމަކު ނޫން. އަދި ޓީމުގެ މެނޭޖަރަކު އެފަދަ ކަންކަމަށް ރައްދު ދިނުމަކީ ވެސް ރަނގަޅު ގޮތެއް ނޫން. އެމީހުން ތިން ވަނަ ގޯލު ޖެހީމައި އަހަރެން އެނބުރުނު ވަގުތު އޭނާ [އަތުގެ އިޝާރާތުން ވައްތަރު ޖައްސައި] އަހަރެންނަށް ފުރައްސާރަކުރީ، އަހަރެންނަކީ ވެސް އިންސާނެއް،" މެޗު ފެށިގެން ނިމެންދެން އެތުލެޓިކޯގެ ބެންޗު ފުރަގަހުން ލިވަޕޫލް ސަޕޯޓަރުންގެ ފުރައްސާރަ ތަހަންމަލް ކުރި ކަން ހާމަކުރަމުން ސިމިއޯނީ ބުންޏެވެ.

"އަހަރެން އަމަލުކުރީ ރަނގަޅަށް ނޫން ކަން ގަބޫލުކުރަން. އެކަމަކު މުޅި 90 މިނިޓު އަހަރެން އެ ފުރައްސާރަތަކަށް ކެތް ކުރިން. ފަހު ވަގުތު އިދިކޮޅު ޓީމުން ގޯލު ޖެހީމަ އެނބުރުނު ވަގުތު އެއަށްވުރެ ގަދަޔަށް އެ ވައްތަރުތައް ޖައްސާތަން ފެނުމުން ފަސޭހައެއް ނުވި، ކެތް ނުކުރެވުނީ."

ލޮރެންޓޭ އެތުލެޓިކޯއަށް އެއްވަރު ކޮށްދިން ގޯލަށް ފަހު ސިމިއޯނީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލޮރެންޓޭ އެތުލެޓިކޯއަށް އެއްވަރު ކޮށްދިން ގޯލަށް ފަހު ސިމިއޯނީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރަތަމަ ހަ މިނިޓުތެރޭ އެންޑީ ރޮބާޓްސަން އާއި މުހައްމަދު ސަލާހުގެ ގޯލުތަކުން ލިވަޕޫލް ލީޑު ކުރަމުން ދަނިކޮށް އެތުލެޓިކޯ ނަތީޖާ އެއްވަރު ކުރީ މާކޮސް ލޮރެންޓޭގެ ދެ ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޮރެންޓޭ ފުރަތަމަ ގޯލު ޖެހި އިރު އެއްވަރު ކުރި ލަނޑު ޖެހީ 81 ވަނަ މިނިޓުގަ އެވެ.

"ރެފްރީއަށް އެ ހާލަތު ވިސްނުނު. އުންމީދު ކުރަނީ ލިވަޕޫލް ފަދަ ޓީމަކަށް މިކަހަލަ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށް. އެ ސަޕޯޓަރު ފާހަގަ ކުރެވުމުން އޭނާއަށް ހައްގު އަދަބު ވެސް ލިބެން ޖެހޭނެ،" ސިމިއޯނީ ބުންޏެވެ.