Roadha Mihaaru
ލިވަޕޫލުން، އެކަކު މަދުކޮށްކުޅުނު އެތުލެޓިކޯ ބަލިކޮށްފި

ސަލާހުގެ ދެ ގޯލުން، 10 ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯ ބަލިކޮށްފި

20 އޮކްޓޯބަރ 2021

މެޑްރިޑް (އޮކްޓޯބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ދެ ގޯލާ އެކު، އެކަކު މަދުކޮށް ކުޅުނު އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް 3-2 އިން ކުރި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (އޮކްޓޯބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ދެ ގޯލާ އެކު، އެކަކު މަދުކޮށް ކުޅުނު އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް 3-2 އިން ކުރި ހޯދައިފި އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ ވަރަށް ކުރީކޮޅު ލީޑު ވެސް ނަގައިފަ އެވެ. ލިވަޕޫލުން ލީޑު ނެގީ މެޗުގެ އަށްވަނަ މިނިޓުގައި އޭރިއާގެ ބޭރުން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސަލާހު ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައަކުންނެވެ. އޭގެ 13 މިނިޓު ފަހުން ލިވަޕޫލުން ލީޑު ފުޅާކުރީ ނަބީ ކެއިޓާ ގެ ގޯލަކުންނެވެ.

ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ލީޑު ހިފަހައްޓާލެވުނީ އެންމެ ވިއްސަކަށް މިނިޓަށެވެ. މެޗުގެ 20 ވަނަ މިނިޓާއި 34 ވަނަ މިނިޓުގައި ގޯލު ޖަހައިގެން އެތުލެޓިކޯއަށް އެއްވަރު ކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ގްރީޒްމަން ފުރަތަމަ ލަނޑު ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

ގްރީޒްމަން ފުރަތަމަ ލަނޑު ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ އެތުލެޓިކޯގެ ގްރީޒްމަން އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ މަތިން އައި ބޯޅައަކަށް ފައި ދިއްކުރުމުން ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ ބޮލުގައި ޖެހުމުންނެވެ.

އެތުލެޓިކޯ މެޗު ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ލިވަޕޫލުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސަލާހެވެ. މި ޕެނަލްޓީއަކީ އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ޖޮޓާ ކުރި ފައުލަކަށް އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ. ގްރީޒްމަން އާއި ޔާއޯ ފެލިކްސްގެ އިތުރުން ޔަނިކް ކަރާސްކޯ އަދި ތޯމަސް ލެމާ މެޗުގައި ގިނަ ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ކީޕަރު އެލިސަން ބެކާ ވަނީ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު، ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ގުރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެތުލެޓިކޯ އޮތީ ދެވަނައިގަ އެވެ. އެތުލެޓިކޯއާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ރޭ 1-0 އިން އޭސީ މިލާން ބަލިކުރި ޕޯޓޯ އެވެ. އޭސީ މިލާން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.