Roadha Mihaaru
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި

ގާޑިއޯލާގެ ބަދަލުތަކާ އެކު ސިޓީ މޮޅުވެއްޖެ، ލިވަޕޫލަށް ދެ ގޯލުގެ ފައިދާއެއް

06 އެޕްރީލް 2022

މެންޗެސްޓާ (އޭޕްރީލް 5) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުތަކުން އިންގްލެންޑުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވެސް މޮޅު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޭޕްރީލް 5) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު މެޗުތަކުން އިންގްލެންޑުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވެސް މޮޅު ވެއްޖެ އެވެ.

މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ބަލިކުރީ 1-0 އިންނެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް ހަމަލާއެއް ފޮނުވައި ނުލެނުވެވެ. ސިޓީން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލަނޑެއް ނުޖެހުނެވެ. އެކަމަކު މެޗުގެ އޮއިވަރު ބަދަލުވީ 68 ވަނަ މިނިޓުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެއްފަހަރާ ގެނައި ތިން ބަދަލާ އެކު އެވެ.

އިލްކޭ ގުންޑޮގާން އާއި ރިޔާދް މަހްރޭޒް އަދި ރަހީމް ސްޓާލިންގެ ބަދަލުގައި، ޖެކް ގްރީލިޝް އާއި ފިލް ފޮޑެން އަދި ގެބްރިއެލް ޖީސަސް ކުޅެން ނުކުތުމާ އެކު ދެ މިނިޓު ތެރޭ ސިޓީއަށް ލަނޑު ޖަހައިދިނީ ކެވިން ޑިބްރޭނާ އެވެ. އޭނާ މި ލަނޑު ޖެހީ ފޮޑެން ހުސްކޮށްލާފައި އޭރިއާ ތެރެއަށް ދިން ޕާހަކުންނެވެ.

މިއީ ޑިބްރޭނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ. އަދި މިއީ މިދިޔަ ސީޒަނުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޕީއެސްޖީ ކޮޅަށް ޖެހި ލަނޑަށް ފަހު ޑިބްރޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލާއި ގަދަ 16 ޓީމު ވާދަކުރި ބުރުގައި ވެސް ޑިބްރޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.

ގްރީލިޝް ވެއްޓިފައި އޮތް ވަގުތު އެތުލެޓިކޯގެ ކޮރެއާ ބޯޅައިން ޖެހުމާ ގުޅިގެން، ގްރީލިޝް ތެދުވެ ޒުވާބު ކުރަން ފެށުމުން ގާޑިއޯލާ، ގްރީލިޝް ދުރުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގްރީލިޝް ވެއްޓިފައި އޮތް ވަގުތު އެތުލެޓިކޯގެ ކޮރެއާ ބޯޅައިން ޖެހުމާ ގުޅިގެން، ގްރީލިޝް ތެދުވެ ޒުވާބު ކުރަން ފެށުމުން ގާޑިއޯލާ، ގްރީލިޝް ދުރުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގިނަ ކާޑުތަކެއް ފެންނާނެ ކަމަށް ބެލެވުނު މި މެޗުގައި އެންމެ ފުރަތަމަ ކާޑު ދެއްކީ ވެސް ސިޓީގެ ބަދަލުތަކާ އެކު އެވެ. ގޯލު ޖެހުމުގެ ކުރިން ގްރީލިޝް އަށް ފައުލް ކޮށްގެން، ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އެތުލެޓިކޯގެ ރޮޑްރިގޯ ޑި ޕޯލް އަށް ރީނދޫ ކާޑެއް ދެއްކި އެވެ. ދެން ކާޑު ދެއްކީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އެންހެލް ކޮރެއާ އަށެވެ. އޭނާ އަށް ކާޑު ދެއްކީ އެތުލެޓިކޯގެ ބެންޗް ކުރިމަތިން ޓަޗް ލައިނާ ދިމާލުން ކްރޮއޭޝިއާ ފުލްބެކް ސިމޭ ވާސަލީކޯ ގްރީލިޝް އަށް ފައުލް ކުރުމުން އޭނާ ވެއްޓިފައި އޮއްވައި ބޯޅައިން ގްރީލިޝް ގައިގައި ޖެހުމުންނެވެ.

ޖެކް ގްރީލިޝް އަށް ފައުލް ކޮށްގެން، މެޗުގެ އިތުރު ވަގުތުގައި ވާސަލީކޯ އަށް ވެސް ވަނީ ކާޑު ދައްކައިފަ އެވެ. މީގެ އިތުރުން ސިޓީގެ ޖީސަސް އާއި ކީޕަރު އެޑަސަން އަށް ކާޑު ދެއްކީ އެތުލެޓިކޯ ކުޅުންތެރިންނާ ޒުވާބު ކޮށްގެންނެވެ. ޖީސަސް އަށް ދެއްކި ކާޑާ އެކު، އޭނާ އަށް ވަނީ މުބާރާތުގައި ދެ ރީނދޫ ކާޑު ހަމަވެފަ އެވެ. އެހެންވެ އެތުލެޓިކޯ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

އެތުލެޓިކޯގެ ފޯވާޑް ލައިންގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެޓީމުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް މިރޭ މެޗުގައި އިނީ ބެންޗުގަ އެވެ. އެންޓޮއިން ގްރީޒްމަން އާއި ޔާއޯ ފީލިކްސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ނަމަވެސް ދެ ކުޅުންތެރިން ވެސް ވަނީ ފަހު ހާފުގައި ބަދަލު ކޮށްފަ އެވެ.

ދެވަނަ ލެގުގެ ކުރިން ލިވަޕޫލަށް ދެ ގޯލުގެ ފައިދާއެއް

ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ލިވަޕޫލް މިރޭ އެޓީމުގެ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކުރީ 3-1 އިންނެވެ.

އެންޑީ ރޮބަޓްސަން ނެގި ކޯނަރެއް ބޮލުން ޖަހައި ލިޕަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެޓީމަށް ބަދަލުވި ފްރާންސްގެ ޑިފެންޑަރު އިބްރާހިމް ކޮނާޓޭ، 22، އެވެ. މިއީ މިދިޔަ ހަތަރު ސީޒަންގައި ޖަރުމަންގެ އާރުބީ ލައިޕްޒިގަށް ކުޅުމަށް ފަހު ލިވަޕޫލަށް ބަދަލުވެ މިހާތަނަށް ކުޅުނު 20 މެޗުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި އޭނާާ ޖެހި ފުރަތަމަ ލަނޑު ވެސް މެ އެވެ.

ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނުމަށް ފަހު ކޮނާޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނުމަށް ފަހު ކޮނާޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ދެވަނަ ލަނޑު 34 ވަނަ މިނިޓުގައި ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. ޓެރެންޓް އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ލުއިސް ޑިއާޒް ބޮލުން ދިން ބޯޅަ މާނޭ ވަނީ ފަސޭހަ ކަމާއެކު ގޯލަށް ފޮނުވާލައި، މި ސީޒަނުގައި އޭނާގެ 15 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މި ހާފު ނިމެނިކޮށް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އާނޯލްޑް އަރިމަތިން ހުސްކޮށްލާފައި މަތިން ދިން ބޯޅައެއް މުހައްމަދު ސަލާހު ހޯދައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ދިފާއުކުރީ ގޯލްކީޕަރު އޮޑީސީ ވްލަޗޯޑިމޯސް އެވެ. ހަމަ އެ ބޯޅައިގައި ބެންފީކާއިން އަވަސް ކައުންޓާ އެޓޭކެއް އުފެއްދި އެވެ. ނަމަވެސް މިޑްފީލްޑަރު ރަފާ ސިލްވާ އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި ބެންފީކާ އިން ވަނީ ލަނޑެއް ޖަހައި އުންމީދު އާކުރި އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހި ކޮނާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ކަޅިއަޅަމުންދާ އުރުގުއޭގެ ޒުވާން ފޯވާޑް ޑާވިން ނޫނޭޒް، 22، އެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް ނޫނޭޒް އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ ލުއިސް ޑިއާޒް އެވެ. ނަބީ ކެއިޓާ ދިން ބޯޅައެއް ހޯދައި އޭނާ މި ލަނޑު ޖެހީ ގޯލްކީޕަރު ކައިރިން ވެސް ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ ކުރިން، އަންނަ އާދިއްތަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާނެ އެވެ. ސިޓީގެ ދަނޑުގައި ކުޅޭ މި މެޗް ވާނީ ލީގު ޗެމްޕިއަންކަން ކަނޑައެޅުމުގައި މުހިއްމު މެޗަކަށެވެ. އަދި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގު ކުޅުމަށް ފަހު ދެން އޮންނާނީ ވެމްބްލީ ސްޓޭޑިއަމްގައި މި ދެޓީމު ވާދަކުރާ އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލް މެޗެވެ.