Roadha Mihaaru
އެތުލެޓިކޯ އަތުން ބަލިވެ ޗެމްޕިއަން ލިވަޕޫލް ކަޓައިފި

އެތުލެޓިކޯ އަތުން ބަލިވެ ޗެމްޕިއަން ލިވަޕޫލް ކަޓައިފި

12 މާޗް 2020

ލިވަޕޫލް (މާޗް 12) – ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ރޭ ކަޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލިވަޕޫލް (މާޗް 12) – ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ރޭ ކަޓައިފި އެވެ.

އެތުލެޓިކޯއާ އެކު ކުއާޓާ ފައިނަލުން ރޭ ދެން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން ބަލިކޮށް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދި ފްރާންސްގެ ޕީއެސްޖީ އެވެ. ޑޯޓްމަންޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ ނޭމާ އާއި ހުއާން ބާނާޓެވެ.

އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުން ލިވަޕޫލް ބަލިކުރީ 1-0 އިންނެވެ. އެހެންވެ ރޭގެ މެޗުގެ 43 ވަނަ މިނެޓުގައި ލިވަޕޫލުގެ ޖޯޖީނިއޯ ވައިނަލްޑަމް ޖެހި ލަނޑާ އެކު ފުރިހަމަ ވަގުތު ހަމަވިއިރު ލިވަޕޫލް 1-0 އިން ކުރީގައި އޮތުމާ އެކު ދެ ޓީމު އެގްރިގޭޓުން 1-1 ހަމަހަމަވީ އެވެ.

އެކަމަކު ފުރިހަމަ ވަގުތުގެ ތެރޭގައި ނަތީޖާ ނެރެން ލިވަޕޫލަށް ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ އަދި އެލެކް އޮކްސްލޭޑް ޗެމްބަލައިންގެ ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަޗް މަތަކުރިއިރު އެންޑްރޫ ރޮބަޓްސަން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ.

ދެ ޓީމު އެގްރިގޭޓުން ހަމަހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނިއޯ ލަނޑު ޖަހައި ލިވަޕޫލަށް ކުރި ހޯދައިދިނެވެ. އެއާ އެކު އެގްރިގޭޓުން ލިވަޕޫލަށް ކުރި ލިބުނެވެ. އެކަމަކު އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ އަނިޔާގައި ހުރުމުން ލިވަޕޫލުގެ ގޯލް ބެލެހެއްޓި އެޑްރިއެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެތުލެތިކޯގެ މާކޯސް ލޮރެންޓޭ 97 ވަނަ މިނެޓުގައި ލަނޑު ޖެހި އެވެ.

އަދި 105 ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ޖަހައި އަދި ފަހު މިނެޓުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑާ އެކު އެތުލެޓިކޯ ކުއާޓާ އަށް ދަތުރުކުރި އެވެ.

މި މެޗުގައި އެތުލެޓިކޯގެ ކީޕަރު އޮބްލަޗް މޮޅު ކުޅުމެއް ދެއްކިއިރު ލިވަޕޫލުގެ ކީޕަރުވީ އެ ޓީމުގެ ބަދުނަސީބަށެވެ. ޗެލްސީ އަތުން ބަލިވެ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ލިވަޕޫލް ދާދި ފަހުން ކެޓި މެޗުގައި ވެސް ޗެލްސީގެ ފުރަތަމަ ގޯލް ވިލިއަން ޖެހީ އެޑްރިއެން އަށް ހެދުނު ގޯހަކުންނެވެ.

މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ލިވަޕޫލަށް މިއީ ހިތްދަތި ދުވަސްކޮޅެވެ. އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުން ކެޓުމުގެ އިތުރުން ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން 3-0 އިން ބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފަ އެވެ. އެކަމަކު އެ ޓީމަށް ދެން އޮތީ އަނެއްކާ ވެސް ބޮޑު އުފާވެރިކަމެއް ލިބުމުގެ ވަގުތެވެ. އެ ޓީމަށް 30 އަހަރަށް ފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ނުވަ މެޗުން ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.