ވ. ފުލިދޫގެ ގުދުރަތީ ރީތި ގޮނޑުދޮށް ހަލާކު ނުވެ، ރައްޔިތުން ބޭނުންވި ގޮތަށް ބަނދަރުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
19 ސެޕްޓެމްބަރ 2025
ވ. ފުލިދޫގެ ގުދުރަތީ ރީތި ގޮނޑުދޮށް ހަލާކު ނުވެ، ރައްޔިތުން ބޭނުންވި ގޮތަށް ބަނދަރުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅެއްގެ 31 ރަށަށް މިއަދު މެންދުރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ހަވީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޯކަލް ޓޫރިޒަމަށް މަޝްހޫރު ފުލިދޫގައި ބަނދަރުގެ ބަދަލުގައި މިހާރު ބޭނުންކުރަމުން އަންނަނީ ޖެޓީ އެކެވެ. ޖެޓީ ހަދާފައިވާ ސަރަހައްދުގައި ރީތި މޫދަކާއި ހުދު ދޮންވެލި ގަނޑެއް އޮވެ އެވެ. އެއީ ގިނަ އަދަދެއްގެ މޫދުގެ ދިރުންތައް ވެސް ޖަމާވާ ސަރަހައްދެކެވެ.
ވ. ފުލިދޫ ފަޅުގައި ލޯންޗުތައް އަޅާފައި.-- ފޮޓޯ: މިހާރު
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި ގިނަ މީހުން ބުނީ ބަނދަރެއް ނެތް ކަމުގެ އުނދަގޫ ކުރިމަތިލާން ވަރަށް ބޮޑަށް ޖެހޭ ކަމަށެވެ. މިއަދު ފެށި ބަނދަރު ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.
"މި ރަށުގެ ގުދުރަތީ ރީތިކަން ހަލާކު ނުކޮށް، ބަނދަރެއް ރައްޔިތުން ބޭނުންވަނީ. އެންމެ ކުރިއްސުރެ، މައުމޫނު އިރުގެ ކުރިން ފެށިގެން މި ރަށު މީހުން ކޮންމެ ސަރުކާރެއްގަ އެދޭ ބަދަރެއް ހަދައިދިނުމަށް. އެކަމަކު އެއްވެސް ސަރުކާރަކުން އެ ކަމެއް ނުކޮށްދިން،" ފުލިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މިއީ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދުށް ހުވަފެނެއް، މިއަދު ހަގީގަތަކަށް ވެގެން މި ދިޔައީ."
ރައީސް މުއިއްޒު މިއަދު ފުލިދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ފުލިދޫގެ އާ ބަނދަރާ އެކު، އެ ރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރަށަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ.
- މަސައްކަތަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން.
- މަސައްކަތުގެ އަގަކީ 63.4 މިލިއަން ރުފިޔާ
- ކޮންޓްރެކްޓުގެ މުއްދަތަކީ 465 ދުވަސް.
- ބަނދަރު ފުންކޮށް 334 މީޓަރުގެ ކީވޯލްއެއް ލާނެ. އަދި 351 މީޓަރުގެ ބޭރުތޮށި ހަދާނެ. މީގެ އިތުރުން 593 މީޓަރުގެ ރިވެޓްމަންޓު ޖަހާނެ.
- ބަނދަރުގެ ޕޭވްމަންޓާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގު ބައްތި އާއި ނެރުބައްތި ޖަހާނެ.
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ކެމްޕެއިންގެ ބޭރުން ވަޑައިގެންނެވި ރައީސަކަށް މުއިއްޒު
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކުރަނީ
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
"ރަސްމީ ފާލަން މަސް ދުވަހުގެ ތެރޭގައި ނިމޭނެ"
ރަސްމީ ފާލަމުގެ ސްޓްރަކްޗާ ފްރޭމް ނިމިއްޖެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"