Roadha Mihaaru
"ރަސްމީ ފާލަން މަސް ދުވަހުގެ ތެރޭގައި ނިމޭނެ"

ރަސްމީ ފާލަމުގެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމޭނެ: މުއްތަލިބު

01 ޖެނުއަރީ 2025

މާލޭގެ ރަސްމީ ފާލަން ރޫޅާލުމަށް ފަހު އަލުން އެތަން ހަދަމުން އަންނައިރު، އެތަނުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ރަސްމީ ފާލަން ރޫޅާލުމަށް ފަހު އަލުން އެތަން ހަދަމުން އަންނައިރު، އެތަނުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެތަން ހެދުމަށް ކުރީގެ ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 11.7 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަސައްކަތް ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅެވެ. އެ މަސައްކަތަށް ކުރިން ހެދި ފާލަން އެއްކޮށް ރޫޅާލި ނަމަވެސް އާ ފާލަން ހެދުމުގެ މަސައްކަތް ލަސްވީ އެތަން ހެދުމަށް ބޭނުންވާ ތަކެތި ލިބުން ދިގުލައިގެން ދިއުމުން ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެ އެވެ.

އެކަމަކު މިހާރު ފާލަމުގެ އޯވަހެޑް ސްޓްރަކްޗާ ނިމި، ކުރަމުންދަނީ ފުރާޅުގެ މަސައްކަތެވެ.

އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު އެ ސަރަަހައްދަށް ވަޑައިގެން ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި ފާލަން ރޫޅާލީ، އޭރު އެތަނަށް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ އެތަނުގެ ބައިތައް ވެއްޓި މީހަކަށް ގެއްލުމެއް ވެދާނެތީ އެވެ.

އެކަމަކު އެތަން ބަންދުކޮށްފައި ބޭއްވުމަކީ މާލެއަށް އަރައި މީހުންނަށް ވެސް ފާހަގަކުރެވޭ އަދި މާލޭގެ ރީތިކަން ވެސް ގެއްލޭ ކަމަކަށްވާތީ އެތަނުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އިއްޒުއްދީން ފާލަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ބައްލަވާލައްވަނީ.

އިއްޒުއްދީން ފާލަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ބައްލަވާލައްވަނީ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމީ ފާލަން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 2015 ގަ އެވެ. އެ ފާލަން ހުޅުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ގަ އެވެ.

މުއްތަލިބު ކުރިން ވިދާޅުވި ގޮތުގައި ފާލަން އޭރު ހަދާފައި ހުރި ގޮތުން މެއިންޓެއިން ކުރަން ވެސް އުނދަގުލެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ދަގަނޑުތައް ހުރީ ދަބަރު ޖަހައި ވަރަށް ބޮޑަށް ބާވެފަ އެވެ.

މިފަހަރު ރަސްމީ ފާލަން ހަދަނީ 1950 ގައި އެ ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.