Roadha Mihaaru
ނިލަންދޫ އެއާޕޯޓް އަޅަން އީއައިއޭ ހަދަން އެމްޓީސީސީއަށް

ނިލަންދޫގައި އެއާޕޯޓް އަޅަން އީއައިއޭ ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

04 ޖެނުއަރީ 2024

ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓް އެޅުމުގެ ކުރިން ބޭނުންވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓް އެޅުމުގެ ކުރިން ބޭނުންވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ނިލަންދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ނިލަންދޫ އަދި މަގޫދޫ ހުންނަ ދުރުމިން.

ނިލަންދޫ އަދި މަގޫދޫ ހުންނަ ދުރުމިން.

އެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައި ވަނީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 378،000،000ރ. އަށެވެ.

"މިއަދު މި ސޮއި ކުރެވިގެން ދަނީ އެ ކަންކަމަށް ބޭނުންވާ ސާވޭތަކާއި އީއައިއޭ ހެދުން. އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ ފާސްވެގެން. ފާސްވާން ވާއިރަށް، ތަނަށް ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ، ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، އެ ރަށުގައި އޮތީ އެއާޕޯޓް އަޅަން ނިންމައި ބަޖެޓް ވެސް ކަނޑައަޅައިފަ އެވެ. އޭރު އީއައިއޭގެ މަސައްކަތް ނިންމުމަށްފަހު، އެ ސަރަހައްދުގައި ހުރި ރުއް ގަސްތަކަށް ބަދަލު ދޭނެ އަގު ވެސް ކަނޑައެޅި އެވެ.

މިދިޔަ ސަރުކާރުގެ ކުރީކޮޅު ވެސް ނިލަންދޫ އެއާޕޯޓަށް ބަޖެޓް ކަނޑައެޅި އެވެ. އެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު އެމްޓީސީސީއާއެކު އޭރު ވެސް ސޮއިކުރި އެވެ. އެ ދެ މަޝްރޫއަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ.

ނަމަވެސް، އޭރުގެ ސަރުކާރުގެ ވިސްނުން ބަދަލުވެ، އެ މަޝްރޫއު ބަދަލުކުރީ އެ ރަށުން، ލަކުޑި ފެރީއެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ މަގޫދުއަށެވެ. ނިލަންދޫގައި އަނެއްކާ އެއާޕޯޓު އަޅަން ހަވާލުކުރިއިރު ވެސް، މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ އެވެ. ރީޖަނަލް އެއާޕޯޓް ކުންފުނިން އަންނަނީ ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.