Roadha Mihaaru

ކޮންޓެންޓް ކްރިއޭޓަރުންގެ ހާއްސަ ލޯނަށް ދެ ހަފުތާތެރޭގައި ހުޅުވާލަން ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމް ޑިޒައިންކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުޅުވާލަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންޓެންޓް ކްރިއޭޓަރުންގެ ލޯނަށް ހުޅުވާލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމް ޑިޒައިންކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުޅުވާލަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ވިދާޅުވީ، ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމް ހުޅުވައިލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

"މި ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އެ ލޯނު ދޫކުރާނީ މީޑިއާ ކޮންޓެންޓާއި އޯޑިއޯ/ވީޑިއޯ އިމޭޖް ޕްރޮޑަކްޝަނާއި އެންޓަޓެއިންމަންޓުގެ އިތުރުން ސޭލްސް އާއި މާކެޓިން އަށް ހާއްސަ ކޮންޓެންޓުގެ ދާއިރާ އަށް ފުރުސަތު ލިބޭ ގޮތަށެވެ.

ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރޭގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.