Roadha Mihaaru

ކޮރަޕްޝަން ނައްތާލުމާ ދެކޮޅު ނުހަދައި، ޑިޖިޓަލް ދަތުރުގައި ބައިވެރިވާން އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައްވައިފި

ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަމާ ދެކޮޅު ނުހަދައި، އެ ދަތުރުގައި ޒިންމާދާރުކަމާ އެކު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފި އެވެ.

ޑިޖިޓަލް ދަތުރުގަ ބައިވެރިވާން އިދިކޮޅަށް ގޮވާލައްވައިފި

ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަމާ ދެކޮޅު ނުހަދައި، އެ ދަތުރުގައި ޒިންމާދާރުކަމާ އެކު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފި އެވެ.

ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިގޮތުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް 2.0"ގެ ނަމުގައި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުން ބޭނުންނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް ކަމަށެވެ.

"ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްގީ ވާނުވާގައި. އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

އަދި އެމްޑީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް އެކޭ އެއްގޮތަށް، ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ތައްޔާރުވަނީ އިންތިހާބުތައް އޮޅުވައިލަން ކަމަށް ޝާހިދު ވެސް ތުހުމަތުކުރެއްވި އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެވެ.

އަދި މި ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ދެ ފުށް ފެންނަ އަވަސް، ލުއި ފަސޭހަ، މަތީ ފެންވަރުގެ ހިދުމަތެއް ގާއިމުކުރުމުގެ އިތުރަށް، ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދިޔުމާއެކު ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،" އެ މަނިކުފާނު ގޮވައިލެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުުން ކަމަށެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.