ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިރޭ އިފުތިތާހުކުރި "މޯލްޑިވްސް 2.0" އާއެކު 2028 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
09 މެއި 2025
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިރޭ އިފުތިތާހުކުރި "މޯލްޑިވްސް 2.0" އާއެކު 2028 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް ފަސްޓް ނޭޝަން" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނުގެ ސަބަބުން އޮފީހުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެެވެ. އެ ބަދަލު ގެންނާނީ 2028 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިން ނަމަވެސް ކޮންމެ މަހަކު ވެސް ވަކި ވަގުތެއް އޮފީހުގައި ހޭދަކުރަންޖެހޭ ކަހަލަ ގޮތަކަށް ނިޒާމު ބަދަލުކުރުމުގެ ވިސްނުންފުޅު އެ މަނިކުފާނު ގެންގުޅުއްވަ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ އަދި މި ތަނުގައި މިއަދު ކަނޑަނޭޅިޔަސް އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުވާ މިންވަރަކުން 2028 ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގަ ތިއްބެވި 49،000 މުވައްޒަފުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި [ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން] ވޯކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ގާނޫނުގެ އުސޫލުގެ ދަށުން ބަދަލުކުރުން. މަހަކު 30 ގަޑިއިރު ނޫނީ ވަކި ވަރެއް އޮފީހަށް އައިސްގެން ވަކި ވަގުތެއް ހަމަކުރަންޖެހޭ ކަހަލަ ގޮތަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް 2.0" ލޯންޗުކޮށްދެއްވަނީ.
ރައީސް ވިދާޅުވީ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހޯދައިދިން ނަމަވެސް ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ މީހުން ވަޒީފާ އަށް ނުކުންނަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރިން ފާހަގަކުރެއްވި އެވެ.
އެ ގެންނަ ބަދަލުގެ ސަބަބުން އެ މަނިކުފާނު ވިދާޅުވީ މުވައްޒަފުންނަށް ކުރާ ހަރަދުތައް މަދުވާނެ ކަމަށެވެ. އަދި އޮފީހަށް ދާން ނުޖެހުމަކީ މާލޭގެ ޓްރެފިކަށް ވެސް ލުޔެއް ލިބޭނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ވެހިކަލްތަކުން ނުކުންނަ ވިހަ ދުމުގެ އަސަރު ވެސް ކުޑަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އެ މަންޒިލަށް ވާސިލުވުމަށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރުމެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށެވެ.
ކޮރަޕްޝަން ނައްތާލުމަށް ގައުމު ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮރަޕްޝަން ނައްތާލުމުގެ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމުގައިވާ އެސްޓޯނިއާއަކީ ވެސް ޑިޖިޓަލައިޒޭޝަންގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށް ވިދާޅުވެފަ އެވެ. އެއީ ޑިޖިޓަލައިޒޭޝަންގެ ނަތީޖާ ކަމަށާއި ޑިޖިޓަލްކޮށް ހިދުމަތްދޭނެ ނިޒާމެއް ގާއިމުކުރުމުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ކުރާނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ.
މޯލްޑިވްސް 2.0 ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--
އެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑަކީ ސްމާޓް ކާޑަކަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ކުރީގައި އުޅޭ ގައުމެއް ކަމަށާއި މިކަންކަން އެ ގައުމަށް ވެސް ހާސިލުވީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ.
ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްކުރެވޭނެ،"--- ރައީސް
ރައީސް މުއިއްޒު ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްވަރަށް މިކަމަކީ ރާއްޖެއަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ.
"ހިންގުމުގެ ނިޒާމު ބަދަލުކުރުމަކީ ވަކި އުސްމިން ކުޑަ ކަމެއް ނޫން. ދެފުށް ފެންނަ އަވަސް މިނުގައި ހިދުމަތް ދެވޭ، އެއްވެސް ކަހަލަ ބެރިއާއެއް ނެތި މައުލޫމާތު ދެވޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން..." އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ބޭނުންވާ ތަމްރީނުތައް ދީގެން އެކަމަށް މީހުން އަހުލުވެރި ކުރެވޭނެ އެވެ. މުޅި މަޝްރޫއުއާ ގުޅޭ ގާނޫނަކާއި އޭގެ ދަށުން އަންނަ ގާނޫނުތަކެއް ވެސް ހަދަންޖެހޭ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަސައްކަތްޕުޅު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިކަން ފަށައިގަންނަނީ ލޯކަލް ކައުންސިލްތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް ވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެން ބަލައިގަންނަ ފެންވަރުގެ ހިދުމަތް ދިނުމާއި ހިންގުމުގެ ނިޒާމު ހަރުދަނާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގަތެވެ.
އޯވަޓައިމް ހޯދަން ރަސްމީގަޑީގެ ބޭރުން މަސައްކަތް ނުކުރޭ
އެންމެ ފުރަތަމަ ޑިޖިޓަލް ކުރަނީ ސިއްހީ ދާއިރާ: ރައީސް
"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
ޑިޖިޓަލް ދަތުރުގަ ބައިވެރިވާން އިދިކޮޅަށް ގޮވާލައްވައިފި
"މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން"
"ކޮރަޕްޝަން ނައްތާލަން ގައުމު ޑިޖިޓަލް ކުރަންޖެހޭ"
މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް