Roadha Mihaaru
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު

ރައީސްގެ އެންމެ މުހިންމު މޮޓޯއަކީ ހިދުމަތްތައް ހަލުވިކުރުން، އެކަމުގައި ސިވިލް ސާވިސްގެ ދައުރު ބޮޑު: ނައިބު ރައީސް

09 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކުރުން ކަމަށް ވާތީ، އެކަން ހާސިލް ކުރުމުގައި ސިވިލް ސާވިސްގެ ދައުރު ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކުރުން ކަމަށް ވާތީ، އެކަން ހާސިލް ކުރުމުގައި ސިވިލް ސާވިސްގެ ދައުރު ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އުފެއްދި ފަހުން 17 އަހަރުވީ އިރު، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ދެމިއޮވެ، އެ ކޮމިޝަނުން ވަރަށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.

"މިދިޔަ 17 ވަރަކަށް އަހަރުގެ ރާސްތާއިން އަޅުގަނޑަށް ފެންނަނީ ހިދުމަތްތެރިން ބިނާކުރުމާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ވަރަށް ކާމިޔާބު، ވަރަށް އީޖާދީ މަސައްކަތްތަކެއް ދިވެހި ސިވިލް ސާވިސް އިން ކުރައްވާފައި ވާތީވެ،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ މިއަދު ފެށި ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް އިން ގައުމާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު.

ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު.

އެއިރަކު އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒަކަށް ގައުމު ގެންގޮސްދީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ސިވިލް ސާވިސް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއްގެ ވެސް އަމާޒުތައް ހާސިލްކޮށްދިނުމުގައި ގައުމީ ލޯބީގައި، ވަރަށް މުރާލި ކަމާއި ޖޯޝާ އެކީގައި އައްސަރިބަހާއި ސާބަސް ތަކުރާރު ކުރަން ޖެހޭނެ ބޮޑެތި ހިދުމަތްތަކެއް ދިވެހި ސިވިލް ސާވިސް އިން އަންނަނީ ކޮށްދެމުން. އެ ކަމަށްޓަކައި ދިވެހި ސިވިލް ސާވިސްގެ އެންމެހާ މެމްބަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން،" ހުސައިން ވިދާޅުވި އެވެ.

ސަރުކާރެއް ހިންގުމުގައި ސިވިލް ސާވިސްގެ ދައުރު ވަރަށް މުހިންމު ކަމަށާއި ސިވިލް ސާވިސްގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުއިކުރެއްވުން، ޒަމާނީ ކުރެއްވުން. ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދޭން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރެއްވުން. އަދި ރައީސް ފައްޓަވާފައިވާ މި ވާ ގައުމީ މަސައްކަތްފުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސާވިސް އިން ފުރިހަމަ އަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވިސް ޑިޖިޓަލައިޒްކޮށް، ކުރިއެރުވުމަށް ބޭނުންވާ އިލްމީ އަދި ފަންނުވެރި ހިޔާލާއި މައުލޫމާތު ހޯދުމާއި ދިވެހި ސިވިލް ސާވިސްގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިދުމަތްދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި ކޮންފަރެންސްގެ އިވެންޓުތައް ބާއްވަނީ މިއަދާއި މާދަމާ އެވެ.