12 ސެޕްޓެމްބަރ 2024
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމް އިސްވެ ހުންނަވައި އެތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަން ނިންމައިފި އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމް އިސްވެ ހުންނަވައި އެތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަން ނިންމައިފި އެވެ.
އެ މައްސަލާގައި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް، ސީއެސްސީ އަށް އިއްޔެ ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އެ ކޮމިޝަނުން މިއަދު "މިހާރު" އަށް ބުނީ ޕެޓިޝަން ލިބިފައިވާ ކަމަށާއި އެހެންވެ މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
އެ ޕެޓިޝަންގެ ކޮޕީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެކަމަކު، ޕެޓިޝަންގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން "މިހާރު" އިން އާތިކާއާ އަށް މެސެޖުކޮށް، ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ސިވިލް މުވައްޒަފުންގެ ޕެޓިޝަންގައި ބުނީ އެ ޕެޓިޝަން ހުށަހަޅަން މަޖުބޫރުވީ މިނިސްޓްރީގެ ވެރިންގެ ގޮތުގައި ސީއެސްސީން ކަނޑައަޅާފައިވާ ބައެއް ވެރިން، ހާއްސަކޮށް، އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓަ ޖެނެރަލް އާތިކާ އެ ތަނުގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި، އުސޫލުތަކުގެ ބޭރުން އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ރިއާޔަތް ކުރުމެއް ނެތި ބުލީކުރުމުގެ އުސޫލުން ކަންކަން ކުރަމުން ގެންދާ ކަމަށެވެ.
ބުލީކުރުމުގެ އުސޫލުން، އެ ވަގުތަކު ބޭނުންވާ މީހަކު ލައްވައި ބޭނުން ކަމެއް ކުރުވަމުން ގެންދިއުމުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުންބޮޅުންވެ، މަސައްކަތްކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސްއަކަށް އާތިކާ ހަމަޖެއްސިތާ އަދި މާ ގިނަ ދުވަހެއް ވެސް ނުވެ އެވެ. ވަގުތީ ގޮތުން އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހުގެ 29 ގަ އެވެ.
އާތިކާއަކީ ކުރިން ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުގައި ހުންނެވި އިރު ވެސް ބައެއް ފަނޑިޔާރުން ބޭނުންވާ ކަންކަން ކޯޓު ތެރޭގައި ނުފޫޒު ބޭނުންކޮށްގެން ކުރުވަނީ އާތިކާ މެދުވެރިކޮށް ކަމަށް މުވައްޒަފުން ތުހުމަތު ކުރުމުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ފިޔަވަޅު އެޅި އިރު ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައް ވެސް އޭނާ އަދާކުރެއްވި އެވެ. ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވަމުން އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް އާތިކާ މަސައްކަތް ކުރެއްވި އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ސިވިލް މުވައްޒަފުން ވަނީ އެ ޕެޓިޝަންގައި 11 މައްސަލައެއް ފާހަގަކޮށްފަ އެވެ. އެއީ؛
• މީޓިންތަކަށް ސައި ތައްޔާރުކުރުމަކީ ސަޕޯޓް ސްޓާފުންގެ މަސައްކަތަކަށް ވިޔަސް "ބައެއް ބޭފުޅުންނަށް" ސައި ތައްޔާރުކުރާ ވަރަށް ވުރެ އެ މުވައްޒަފުން އެކަށީގެން ނުވާ ކަމަށް ބުނެ، އެޑްމިނިސްޓްރޭޓިވް ސްޓާފުން ލައްވައި ގަދަކަމުން ސައި ތައްޔާރުކުރުވުން.
• އެއް ލެވެލްއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތް ހަވާލުކުރުމުގައި ތަފާތުކޮށް ވަކިވަކި މުވައްޒަފުންނަށް އިސްކަންދިނުން.
• ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ދުރާލައި އިންތިޒާމު ކުރުމެއް ނެތި ވަކި ހާއްސަ ހާލަތަކާ ނުލައި މުވައްޒަފުންނަށް ދަތިވާ ގޮތަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން އޮފީހަށް ނުކުތުމަށް މަޖުބޫރުކުރުން.
• ވަކިވަކި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލުން.
• އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތްތަކުގައި ޝާމިލުކޮށްގެން ގެންގުޅުން.
• ރިޕޯޓިން ހައިރާކީ އޮޅޭ ގޮތަށް މަސައްކަތް ހަވާލުކުރުން.
• ކޯޕަރޭޓް ޑިޕާޓްމަންޓުގެ ސިޔާސީ އިސް ބައެއް ބޭފުޅުންނާ އެކު، އެކްޓިން ޕީއެސް އިންނަވައިގެން އިސްލާމްދީނުގެ ހަމަތަކާއި ދިވެހިންގެ ރީތި އާދަތަކާއި ސަގާފަތަށް ބުރޫއަރާ ގޮތަށް އޮފީހުގެ އެހެން ބައެއް މުވައްޒަފުންގެ ސިފަޔާއި ބުރުސޫރައަށް މަލާމާތް ރައްދުވާ ގޮތަށް ނެތިމޮށުން.
• އޮފީހުގެ މުވައްޒަފުންނަށް ކުރެވޭ ކަހަލަ ބައެއް މަސައްކަތް ހަވާލުނުކޮށް ބޭރުން މީހުން ގެނެސްގެން ކުރުވުން.
• މުވައްޒަފުންނަށް އެނގުމަކާ ނުލައި، ވަކި ސަބަބެއް ބަޔާންކުރުމެއް ނެތި، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ވަކި ބޭފުޅަކު އަންގަވައިގެން ކަމަށް ބުނެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރުން.
• ގަވާއިދާ ހިލަފާށް އަމަލުކުރަން އެންގުމާއި އެ ކަހަލަ ކަންކަމުގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓް ތައްޔާރުކުރުމަށް އެއްބާރުލުން ނުދިނުން.
• މިގޮތަށް އެކްޓިން ޕީއެސް ކުރައްވާ ހުރިހާ ކަމަކީ ސީދާ މިނިސްޓަރު ވިދާޅުވެގެން ކުރާ ކަމެއް ކަމަށް މުވައްޒަފުންނަށް އަންގައި ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވުން.
އެ ޕެޓިޝަންގައި ބުނީ އެ އޮފީހުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި މިނިސްޓަރު ހުންނަވައި، މިނިސްޓަރުގެ އިރުޝާދުގެ ދަށުން އޮފީސް ހިންގަވަން ހުންނެވި އެކްޓިން ޕީއެސްގެ މި އަމަލުތަކުގެ ސަބަބުން ދައުލަތާއި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރާއި ސީއެސްސީ ބަދުނާމު ވާތީ، އެ ކޮމިޝަންގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މުވައްޒަފުން ތަހައްމަލުކުރަމުން މިދާ ނަފުސާނީ ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަށާއި އިހުތިރާމާ އެކު މުވައްޒަފުން މަސައްކަތް ކުރާ ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލަކަށް ހޯދައިދިނުމެވެ،" އެ ޕެޓިޝަންގައި ބުންޏެވެ.
އެ ޕެޓިޝަންގެ ކޮޕީއެއް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ހިއުމަން ރައިޓް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅުކުރަން ހިޔާލު ހޯދަނީ
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
އޯޓީ ފައިސާ ދިނުމުގައި ބަދަލުތަކެއް ގެނެސްފި