Roadha Mihaaru
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ

ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ސީއެސްސީން ބަލަނީ

06 އޮކްޓޯބަރ 2024

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އަދި އެ މިނިސްޓްރީގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރު ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅެ އަދި އެ މިނިސްޓްރީގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރު ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަން ފަށައިފި އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު "މިހާރު" އަށް ވިދާޅުވީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފަކާ މެދުގައި ތަފާތުކުރުން ގެންގުޅުނު ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޝޫޒާއާ މެދުގައި މިނިސްޓްރީގެ ވެރިން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނާ މައްސަލަ ފެންމަތިވީ، މިނިސްޓްރީގެ އިސް މުވައްޒަފުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އޭނާ އެ ވާހަކަ ދައްކަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުންނެވެ.

އެއީ، އެ މިނިސްޓްރީގެ "އެލްޑާލީ ޑިޕާޓްމަންޓް" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމުމުމުން ބޭއްވި ފެއާވެލް ބައްދަލުވުމެއްގައި އޭނާ ދެއްކެވި ވާހަކަ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ކައުންސެލަރެއްގެ ވަޒީފާއަށް 2007 ގައި ޓްރެއިނީއެއްގެ ގޮތުގައި ގުޅިވަޑައިގެން، އަދި ފަހުން އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝޫޒާ ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ މަސައްކަތަށް މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި ހުރަސް އެޅި އެވެ.

"ޑިސެމްބަރު 2023 އާ ހަމައަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އަޅުގަނޑު ކުރަމުން އައި ހުރިހާ މަސައްކަތެއް އަޅުގަނޑު އަތުން އަތުލައި، މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސް ވެރިންގެ މީޓިންތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އަޅުގަނޑު ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލު ކޮށްފައި،" ޝޫޒާ ވިދާޅުވި އެވެ.

"އެއްވެސް އުޒުރެއް ނެތި، އެއްވެސް ސަބަބެއް ނުދައްކައި، ވީ ގޮތެއް ނޭނގިގެން މި ކަންތައް ސާފުކުރަން އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓު ކުރިން. އެޕޮއިންޓްމަންޓެއް ވެސް ނުދިން."

އޭނާގެ އިތުރުން މިނިސްޓްރީގެ އެހެން ސިވިލް މުވައްޒަފުންނާ މެދުގައި ވެސް މިނިސްޓްރީގެ ވެރިން ތަފާތުކުރުން ގެންގުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އެ މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ "އެލްޑާލީ ޑިޕާޓްމަންޓު" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު، އެތަނުގައި ތިބި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ކަމަށެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ވަޒީފާ އާއި މަސްއޫލިއްޔަތުތަކުން ޝޫޒާ އެކަހެރިކުރި ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަތަކަށް ވެސް މިނިސްޓްރީން ރައްދު ދިނެވެ.

"މި ނިންމުމާ އެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވޭ. އަދި އެފަދަ މަޖުބޫރު ކަމެއް ވެސް އެއްވެސް ސްޓާފަކާ ދޭތެރޭ ގެންގުޅެފައެއް ނުވޭ،" މިނިސްޓްރީން ބުންޏެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފަކާ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރިއިރު، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމް އިސްވެ ހުންނަވައި އެތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި އެ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް ސީއެސްސީއަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

ސީއެސްސީގެ ރައީސް ނާސިހް މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

އާތިކާގެ މައްޗަށް ކުރި ތުހުމަތުތައް އޭނާ އާއި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. މިދިޔަ މަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާދަމް ނަސީރު ވިދާޅުވި ގޮތުގައި، އާތިކާއަކީ އެ މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ފަރުވާތެރި އަދި ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފެކެވެ. އަދި އާތިކާއާ ގުޅޭ މައްސަލަ ރަސްމީ ސިފައެއްގައި މިނިސްޓަރަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.