10 ފެބުރުއަރީ 2020
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެ، މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެ، މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ވަޒީރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރީ ސިވިލް ސާވިސް ކޮމިޝަނާ ގުޅޭ މަޝްވަރާ އަކަށެވެ. މިއީ، މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވާ ކޮމިޓީ އަށް ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ދައުވަތު ދީގެން ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މަޖިލީހުން ބުނީ މިނިވަން މުއައްސަސާތަކުން ވަޒީރުންނާ ބައްދަލުކުރީ، މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލް ސަވިސް ކޮމިޝަންގެ އެއްބާރުލުން ލިބެމުންދާ މިންވަރާ ގުޅޭގޮތުން މަޝްވަރާ ކުރަން ކަމަށެވެ.
ކޮމިޓީގައި ގިނަ ވަޒީރުން ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަންގައި ހައްލުކުރަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެ ކޮމިޝަންގައި، ކުރީގެ ސަރުކާރުގެ ސިޔާސީ ފިކުރަށް ތާއީދުކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންތަކެއް ތިއްބެވުމަކީ ވެސް ވަޒީރުންތަކެއް ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަ އެކެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން. --ފޮޓޯ/މަޖިލިސް
ވަޒީފާ އަށް މުވައްޒަފުން ނެގުމާއި މިނިސްޓްރީތަކުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ވެސް ސިވިލް ސާވިސްގެ ދުވެލި ލަސްވެ، ބައެއް ކަންކަމަށް އެއްބަސްނުވެވި މަސައްކަތްތައް ހުއްޓިފައި ހުންނަ ކަމަށް ބައެއް ވަޒީރުން ވިދާޅުވި އެވެ.
ކޮމިޓީން ބައްދަލުވުން ބޭއްވިއިރު، ސިވިލް ސާވިސް ކޮމިޝަނާ މެދު ބޮޑެތި ތުހުމަތުތަކެއްކޮށް، ކޮމިޓީން އަންނަނީ މައްސަލަތަކެއް ވެސް ބަލަމުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން. --ފޮޓޯ/މަޖިލިސް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒުގެ ދަށުވެ، މަސައްކަތް ކުރި ކަމަށް ތުހުމަތުކުރާ ކޮމިޝަންގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން ވެސް ހިމެނެ އެވެ. އެ ތުހުމަތުތައް ކޮމިޓީން ބަލަމުން އައި ނަމަވެސް މިހާތަނަށް ބައެއް މައްސަލަތަކުގައި ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސިވިލް ސާވިސް ކޮމިޝަންގައި ހުރި މައްސަލަތައް ދައްކަވަން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިސާލު ނެންގެވީ ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަކިކުރުމުގައި ދިމާވި މައްސަލަ އެވެ. މުވައްޒަފުންތަކެއް ތަކުރާރުކޮށް ގަޑި ޖެހޭ މައްސަލައިގައި ފިޔަވަޅު އަޅަން ހުށަހެޅުމުން ކޮމިޝަނުން ލަފާ ދިން އިޖުރާއަތުތައް ފުރިހަމަކޮށް ހުށަހެޅުމުން ވެސް ހަ މަސް ކޮމިޝަންގައި ހޭދަވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސިވިލް ސާވިސްގެ ހުރިހާ މެމްބަރުން ވާން ޖެހޭނީ ސަރުކާރުގެ މިނިސްޓްރީތައް ހިންގަން ފަސޭހަކޮށްދޭން ޖެހޭ މެމްބަރުންގެ ގޮތުގައި. ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ މިކަން ހިނގަނީ މިހެން ނޫން ކަން،" --ނަހުލާ
މިނިސްޓަރު ނަހުލާ ކޮމިޓީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ އޮނިގަނޑަކާއި ކުރަން ޖެހޭ މަސައްކަތްތަކާ ދިމައެއް ނުވެ އެވެ. މި ސަރުކާރުގެ ވައުދުތައް ތަންފީޒުކުރަން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެ މިނިސްޓްރީގެ އޮނިގަނޑެއް އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނާ އެކު ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ބައްދަލުވުން ބާއްވައިގެން ވެސް އިދާރީ އޮނިގަނޑާ މެދު އެއްބަސްނުވެވި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ލަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގެނީ ކުރަން ހަވާލުކޮށްފައި ހުރި މަސައްކަތް. އަޅުގަނޑުމެންނަށް އެނގެނީ އަދާކުރަން ޖެހޭ ޒިންމާ. ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުންގެ ވިސްނުމާ، އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތާ ދިމާނުވެެގެން ހިނގައިގަންނާނެ ގޮތެއް ނޭނގި އެތައް ދުވަހަކު ތިބެން ޖެހުނު،" އިމްރާން ވިދާޅުވި އެވެ.
ކޮމިޝަނުގެ ލަސްކަމާ ހެދި މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށް ވިދާޅުވެ އިމްރާން ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
"މި ދައްކަނީ ފަހަރެއްގައި ވެސް ސިވިލް ސާވަންޓުންގެ ވާހަކައެއް ނޫން. އެ ބޭފުޅުންގެ ހިތްވަރާއި ގުރުބާނީން މި މަސައްކަތް އަޅުގަނޑުމެންނަށް މި ކުރެވެނީ. އަޅުގަނޑު މި ދައްކަނީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުންތަކުގެ ވާހަކަ، އެތާ ތިއްބެވި ބޭފުޅުންގެ ވާހަކައެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، މިހާރު އޮތީ ސިޔާސީ ފިކުރުތަކާ އެކު އުފެދިފައި އޮތް ސިވިލް ސާވިސް ކޮމިޝަނެކެވެ. ވަކި ވިސްނުންތަކަކާ އެކު އައި ބަޔަކަށް ކޮމިޝަނާ ހެދި ހިންގަން ދަތި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން ބަދަލުކޮށްގެން ނޫނީ ކޮމިޝަން ރަނގަޅެއް ނުކުރެވޭނެ އެވެ.
"އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ސިވިލް ސާވިސް ކޮމިޝަންގެ ތެރެއިން ލަސްވެގެންދާ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން ދައްކަން. އަޅުގަނޑު ހިތުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އަޅުގަނޑުމެންނަށް އާ ވިސްނުމަކަށް ދެވޭނީ، މެނިފެސްޓޯގައި ހުރި ވައުދުތައް އެ ސްޕީޑުގައި ޑެލިވާ ކުރެވޭނީ އާ ވިސްނުންތަކެއް ސިވިލް ސާވިސް ކޮމިޝަނަށް ވެސް އައިސްގެން،" އަމީރު ވިދާޅުވި އެވެ.
"އެ އާ ވިސްނުންތައް ކޮމިޝަނަށް ގެނެވެން އޮތީ ތި ބޭފުޅުންނަށް [ކޮމިޓީއަށް]. މި ވާހަކަތަކަކީ އިތުރަށް ދައްކަންޖެހޭ ވާހަކަަތަކެއް ކަމަކަށް ވެސް އަޅުގަނޑެއް ނުދެކެން."
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ ކަންބޮޑުވުމަކީ ވަޒީފާތަކަށް އައްޔަންކުރާ މުވައްޒަފުންނަށް މާކްސް ދޭނެ ރަނގަޅު، ހަމަޖެހޭ އުސޫލެއް ނެތުމާއި ވަޒީފާތަކަށް މުވައްޒަފުން ނަގާ މީހުންނަށް އުސޫލު އޮޅުން ނުފިލައި އޮތުމެވެ. އެއާ އެކު، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކަމުނުދިޔަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރަމުން ދިއުން ވެސް މައްސަލައެއްގެ ގޮތުގައި ކޮމިޓީ އަށް އޭނާ ހުށަހެޅުއްވި އެވެ.
ކޮމިޝަންގެ ރައީސަކަށް ހުންނެވި ޑރ. އަލީ ޝަމީމަކީ ކުރިން ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި އުޅުއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި މަލީހް ވިދާޅުވީ އެ ތުހުމަތާއި ސިޔާސީ ކަންކަމުގެ ތެރެއަށް މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވެންނެވުން ހުއްޓުވައި އިތުބާރު ދަމަހައްޓައިދޭން ޖެހޭ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ ފުރަތަމަ ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅުއްވީ ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ނިސްބަތުން ކުޑަވުމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މުސާރަ ދަށްވުން ހައްލު ހޯދަން ޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
"ކަމަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ސިޓީ އެބަފޮނުވަން، ވަރަށް އަވަސް، ނުވަތަ ސިއްރު ޖަހާފައި. އެކަމަކު އަޅުގަނޑަށް ފާހަގަވަނީ އެ ސިޓީ ސިވިލް ސާވިސް ކޮމިޝަނާ ހަމައަށް ދާތާ، ގަޑިއެއްގެ ތެރޭގައި އެ ސިޓީ ރައްދުވާ މީހާއާ ހަމައަށް މައުލޫމާތު އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮމިޓީގައި މިނިސްޓަރު އާތިފާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ ފަންނީ މުވައްޒަފުންގެ މުސާރައިގެ މައްސަލަ އަކީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ. ސިވިލް ސާވިސްގެ މުސާރަ ދަށްވުމުން ކުންފުނިތަކަށް ފަންނީ މުވައްޒަފުން ބަދަލުވުމަކީ މަސައްކަތުގައި ދިމާވާ ދައްޗެއް ކަމަށް ވިދާޅުވި އެވެ.
"ސިވިލް ސާވިސްގެ ފަންނީ މުވައްޒަފުންނަށް މުސާރަ މިވަރަށް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް މިނިސްޓްރީއެއް ތަރުތީބެއް ނުކުރެވޭނެ. ފައިލް ދޫކޮށްލާފައި ދިއުމުން އޭގައި މާދަން އަތްލާން މި ޖެހެނީ އެހެން ކުއްޖެއް. ފަންނީ މީހުންނަށް ކުރިއަރައިގެން ދެވޭނެ ގޮތް އޮނިގަނޑުގެ ތެރެއިން ފެންނަން އެބަޖެހޭ. ވަކި ހިސާބަކުން ހުއްޓި މީހާގެ ފަންނީ ސިފަ އެކީގައި ގެއްލިގެން މިދަނީ،" އާތިފާ ވިދާޅުވި އެވެ.
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
ސީއެސްސީގެ އާ ރައީސަކަށް ނާސިހު
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
އިތުރު ގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
މިނިސްޓަރުގެ ލަފަޔާ އެކު ޕީއެސް ނެގުން ބަދަލުކުރަނީ
އެންމެފަހުން ސީއެސްސީގެ ރައީސާއި މެމްބަރުން ވަކިކުރަނީ
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް
މިނިސްޓަރުގެ ލަފަޔާއެކު ޕީއެސް އައްޔަންކުރަން ނިންމައިފި