01 ޖޫން 2020
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެކަން ބަލައި ދިނުމަށް ގާނޫނީ ވަކީލަކު ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެކަން ބަލައި ދިނުމަށް ގާނޫނީ ވަކީލަކު ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަނުން ސާކިއުލާއެއް ނެރުނީ މެއި، 17ގަ އެވެ. އެ ސާކިއުލާއާ ގުޅިގެން ކަންބޮޑުވުންފާޅުކުރަނިކޮށް، ފަހުން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.
އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ގެނައި ބަދަލާ މެދު ކޮވިޑް-19އާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިން ވެސް ކަންބޮޑުވުންފާޅުކުރި އެވެ.
އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލް ހައްވާ ޝަފީއާ ރިޒާ، މަޖިލީހުގެ ރައީސް، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ސާކިއުލާގައި، އިއުލާންކޮށްފައިވާ ބަދަލުތަކުގައި ގާނޫނާ ޚިލާފު، ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ސިވިލް ސާވިސްގެ ގަވާއިދާ ހަވާލާދީ، އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވައި، ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ވުރެން އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް އޮއްވައި އެއާ ހިލާފަށް، އަދި ގަވާއިދު ވެސް ބަދަލުނުކޮށް ސާކިއުލާތަކެއް މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެނައީ ގަވާއިދާ ހިލާފަށް ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެ ބަދަލު ގެނައީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ބާރެއްގެ ދަށުންނެވެ.
"ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާއަކީ، ވަޒީފާ ދޭ ފަރާތުން އިތުރު ގަޑީގެ ފައިސާ ދޭން ލާޒިމްވާނެ މުއްދަތު ބަޔާންކޮށްދިނުމާ ބެހޭ މާއްދާއެއް ނޫން ކަމާއި، އެ މާއްދާގައި، އިތުރު ގަޑީގައި ނުހިމެނޭ ގޮތުން، ހަފްތާއަކު މީހަކު ލައްވައި 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އެ ވަނީ، މުވައްޒަފަކު ލައްވައި އެންމެ ގިނަވެގެން ހަފުތާއަކު މަސައްކަތްކުރުވޭނެ ވަގުތު ބަޔާންކޮށްދިނުމުގެ މަޤްޞަދުގައި ކަން އެ މާއްދާގެ ސީދާ ނައްސަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރަމެވެ." ސިޓީގައި ވިދާޅުވެފައިވެ އެވެ.
"މީގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނުގައި އިތުރު ގަޑީގެ ފައިސާ ދިނުމާ ބެހޭ ކަންކަން ބަޔާންކުރާ ވަކި މާއްދާއެއް، އެ ގާނޫނުގެ 37 ވަނަ މާއްދާގެ ގޮތުގައި ހިމެނިފައި އޮތް ކަން ފާހަގަކުރަމެވެ. މި ސަބަބަށްޓަކައި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ އަލީގައި ބެލި ނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ 48 ގަޑިއިރަކީ އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅުވޭނެ ކަމެއް ނޫން ކަން އެނގެން އޮންނަ ކަން ފާހަގަކުރަމެވެ."
ޝަފީއާ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަކީ ވަޒީފާއާ ބެހޭ ކަންކަމުގެ އަސާސީ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނަށްވާ އިރު އެ ގާނޫނާ ހިލާފުވާ ގޮތަށް ފިޔަވަޅު އެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ 32 ވަނަ މާއްދާއާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގެ ދަށުން އިތުރު ގަޑީގެ ފައިސާ ދެވޭނެ އުސޫލު ބަދަލުކޮށްފައިވާއިރު، އެއީ، ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާއާ ހިލާފުވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައި، ބުނެފައި ވަނީ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މެނުވީ މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ދޭންވާނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭން ޖެހޭނީ ސިވިލް ސާވިސް ގަވާއިދުގެ 163 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާއިރު އެއީ، ދުވާލަކަށް ކަނޑައެޅިފައިވާ ރަސްމީ ގަޑީގެ އިތުރުން ހިނގާ ކޮންމެ ގަޑިއަކަށެވެ. އެހެންކަމުން ހަފްތާއަކު 48 ގަޑިއިރު ހަމަނުވި ނަމަވެސް އެ ދުވަހެއްގެ ރަސްމީ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ އެ ދުވަހެއްގެ އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭނެ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޝަފީއާ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަކީ ވަޒީފާއާ ބެހޭ ކަންކަމުގެ އަސާސީ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނަށްވާ އިރު އެ ގާނޫނާ ހިލާފުވާ ގޮތަށް ފިޔަވަޅު އެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.
"މިސާލަކަށް، ދިވެހިރާއްޖޭގައި މިވަގުތު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހިމެނޭ މެޑިކަލް އޮފިސަރުންނާ އެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެއްބަސްވެފައިވާ ދިވެހި ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި، އިތުރު ގަޑީގައި މަސައްކަތްކުރުވައިފި ނަމަ ދިވެހި ސިވިލް ސާވިސް ގަވާއިދު 2014 ގެ 163 ވަނަ މާއްދާގެ ދަށުން އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ." ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދިނުމެއް ނެތި މަސައްކަތްކުރުވުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ހުއްދަކުރާ ކަމެއް ނޫންކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
މި ކަންބޮޑުވުންތަކާ އެކު ޝަފީއާ އެދިވަޑައިގަތީ އެކަން ހިނގައި ދިޔަ ގޮތް ސާފު ކުރައްވައި އެކަން ކުރެއްވި ފަރާތްތައް ޖަވާބުދާރީ ކޮށްދެއްވުމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައި ފިޔަވަޅު އެޅުއްވުމަށް އޭނާގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑި ދޭންޖެހޭ:ވިސާމް
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
މަޖިލީހަށް ގާބިލު މީހުން ދާން އޮތް ދޮރު ބަންދު!
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!