28 ޑިސެމްބަރ 2023
ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން އަބަދުމެ ކުރާ ޝަކުވާގައި ދެކޮޅު އޮވެ އެވެ. މަޖިލީހުގައި ތައުލީމީ ގާބިލު މީހުން ނުތިބޭ ކަމެވެ. ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކެއް ކަނޑައަޅަން ގޮވާލާ ގޮވާލުމެވެ. އެހެން ބުނާ މީހުންނާ ދިމާއަށް އޭގެ އަނެއް ކޮޅުން ދޭ ރައްދަކީ، ތައުލީމީ ގާބިލު މީހުން މަޖިލީހަށް ކުރިމަތި ނުލަނީ ކީއްވެ ހެއްޔޭ އެވެ؟
ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން އަބަދުމެ ކުރާ ޝަކުވާގައި ދެކޮޅު އޮވެ އެވެ. މަޖިލީހުގައި ތައުލީމީ ގާބިލު މީހުން ނުތިބޭ ކަމެވެ. ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކެއް ކަނޑައަޅަން ގޮވާލާ ގޮވާލުމެވެ. އެހެން ބުނާ މީހުންނާ ދިމާއަށް އޭގެ އަނެއް ކޮޅުން ދޭ ރައްދަކީ، ތައުލީމީ ގާބިލު މީހުން މަޖިލީހަށް ކުރިމަތި ނުލަނީ ކީއްވެ ހެއްޔޭ އެވެ؟
އެ ސުވާލަށް އޮތް ޖަވާބުގެ ބޮޑު ބައެއް، ގާނޫނުގައި އޮތް ބާގަނޑަކުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ.
އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރިމަތިވަމުން އަންނަ ސުވާލަކަށް އެކްސްގައި ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން އާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީހުގެ ހަ މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.
"އަދި މަގާމުން އިސްތިއުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފި ނަމަ، އެ މުވައްޒަފަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސާވިސް ގާނޫނު ބުނޭ،" ހަބީބް ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ އިން ބަޔަކު ނުކުންނަނީ. --ފައިލް ފޮޓޯ: މިހާރު
އެކަމަކު އެ ބޭއިންސާފަށް ހައި ކޯޓުން ވަނީ ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދީފަ އެވެ. އެ ކޯޓުން ކުރި ހުކުމެއްގައި ވަނީ ހަ މަސްދުވަސް ކުރިން ވަޒީފާއިން އިސްތިއުފާ ދޭން ޖެހުމަކީ އަސާސީ ހައްގަކަށް ދެވޭ އުނި ކަމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އޭގެ މާނައަކީ، ސިވިލް ސާވަންޓެއްގެ ވަޒީފާ ދެން ގެއްލޭނީ ނޫނީ އިސްތިއުފާ ދޭން ޖެހޭނީ، މަޖިލިސް އިންތިހާބެއްގައި ވާދަކުރަން އިލެކްޝަނަށް ފޯމު ހުށަހެޅުމާ ހަމައިން ކަމެވެ.
ނަމަވެސް، ހައި ކޯޓުގެ އެ ހުކުމް ވެސް ގާނޫނަކުން 30،000 އެއްހާ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްފައި އޮތް ބޮޑު ތަފާތުކުރުމަށް ފުރިހަމަ ހައްލެއް ނާދެ އެވެ.
ސަބަބަކީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓެއް، އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ އޭނާ ހުރި ވަޒީފާ އަނބުރާ ލިބޭތީ އެވެ. އެކަމަކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓަކަށް އެ ހައްގެއް ނޯވެ އެވެ. އިންތިހާބުން ބަލިވެއްޖެ ނަމަ، އަނބުރާ ވަޒީފާއެއް ނުލިބެ އެވެ.
"ކިހާ ބޮޑު ތަފާތު ކުރުމެއްތޯ މިއީ. ކައުންސިލް އިންތިހާބު އަދި މަޖިލިސް އިންތިހާބަކީ ވެސް ހަމަ ގައުމީ އިންތިހާބު. އެކަމަކު ދެ އިންތިހާބެއްގައި އަމަލުކުރަން މި އޮންނަނީ ދެ ގޮތަކަށް،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޔާސީ ކަންކަން އެތުރިފައިވާ ގޮތަށް ބަލާ އިރު، މަޖިލީހަކީ ސިޔާސީ ތަނެއްގެ ގޮތުގައި ކަނޑައަޅާނަމަ، ލޯކަލް ކައުންސިލުތައް ސިޔާސީ ނޫނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފައިލް ފޮޓޯ: މިހާރު
އެކަމަކު އޭނާ ވެސް ފާހަގަކުރައްވާ ފަދައިން، އެ ގޮތަށް އެކަން އޮންނާތީ، މަޖިލީހުގައި ބައިތިއްބަން ރައްޔިތުން ބޭނުންވާ ފަދަ ތައުލީމީ ގާބިލު މީހުންގެ ތެރެއިން ގިނަ ބަޔަކު އެކަމާ ކުރިމަތިލާން ވެސް މި ޖެހެނީ އެ މީހެއްގެ މުޅި ކެރިއަރު ރިސްކު ކޮށްފަ އެވެ.
އޭގެ މިސާލު ހަބީބް ނެންގެވީ އަންނަ މަޖިލީހަށް ވާދަކުރަން ހިތު އަޅައިގެން ތިބި ދެ މީހަކު ކުރި އޭނާއަށް ކުރި ފޯނު ކޯލްތަކުންނެވެ.
"އަޅުގަނޑަށް ގުޅި ދެ އަންހެން ބޭފުޅުން. އެކަކަކީ 25 އަހަރު ސިވިލް ސާވިސަށް ހިދުމަތް ކުރައްވާ ބޭފުޅެއް. ދެން ގުޅި ޒުވާން ކުއްޖެއް، ސިވިލް ސާވިސްގައި އުޅޭތާ ހަތް އަހަރު ވެފައިވާ ކުއްޖެއް،" ހަބީބް ކިޔައިދެއްވި އެވެ.
"ގާނޫނުގަ އޮތް ގޮތް ކިޔައިދިނީމަ، ފުރަތަމަ ގުޅި މީހާ ބުނީ ދެން ތިމަންނަގެ 25 އަހަރުގެ ކެރިއަރު ރިސްކު ކުރަންވީހޭ؟ އިންތިހާބުން ބަލިވެއްޖެއްޔާ ތިމަންނަ ސުމަކުން ނޫންހޭ ފަށަންޖެހޭނީ. އަނެއް ކުއްޖާ ބުނީ ވަރަށް ވަރުންނޭ ތިމަންނަ ސަރުކާރުގެ ވަޒީފާއެއް މި ހޯދީ. ދެ މީހުން ވެސް ބުނީ ކުރިމައްޗެއް ނުލާނަމޭ އެހެންވީމަ. އެ ވަރުގެ ރިސްކެއް ނުނެގޭނެއޭ."
ހަބީބް ވިދާޅުވި ގޮތުގައި އަންހެނުންނާއި ޒުވާނުން މަޖިލީހަށް ވައްދަން ބޭނުންވާ އިރު، އޭގެ ތެރެއިން ގިނަ ބަޔަކު ތިބި ސިވިލް ސާވިސްއަށް އެ ދޮރު އޮތީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ހިދުމަތް ކުރަން ހިތު ނިޔަތް ގަނެގެން ތިބި މީހުންގެ މުޅި ދިރިއުޅުމާއި ހަޔާތުގެ ބޮޑު ބައި ހޭދަކުރި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮންނާތީ އެވެ.
"އާދައިގެ މީހާގެ ހިދުމަތުގެ އެއްވެސް އަގެއް ނެތީ ނޫންތޯ؟ އެކަމަކު މަޖިލިސް މެމްބަރަކު އެންމެ ދައުރެއް ފުރިހަމަ ކުރިޔަސް މުސާރަ އާއި އިންޝުއަރެންސާއި އެތައް އިނާޔަތްތަކެއް މުޅި އުމުރަށް އެބަ ލިބޭ. އެކަމަކު 25 އަހަރު ހިދުމަތްކުރާ ސިވިލް ސާވަންޓު މި ދާންޖެހެނީ ހުސް އަތާ ގެއަށް،" ހަބީބް ވިދާޅުވި އެވެ.
19 ވަނަ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
މި ތަފާތުކުރުން ހައްލުކުރަން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު އިލެކްޝަންސްއަކީ މިނިވަން މުއައްސަސާއެއް ވިޔަސް، ގާނޫނެއް އިސްލާހު ކުރަން ހުށަހެޅެނީ ބަންޑާރަ ނައިބު އޮފީހަށް ފޮނުވައިގެން ކަމަށްވާ އިރު، އޭނާ ވިދާޅުވި ގޮތުގައި އެއީ ވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ.
ސަބަބަކީ އިލެކްޝަންސްއިން ކިތަންމެ ބޭނުންވިޔަސް، ބަންޑާރަ ނައިބުގެ އޮފީހުން އިސްކަންދޭނީ އޭރަކު އޮންނަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އަށް ކަމަށްވާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އިސްލާހު ކުރުމުގެ އިތުރުން ސިޔާސީ ޕާޓީތައް މެދުވެރިކޮށް ވިޔަސް ނޫނީ ސަރުކާރުން ވިޔަސް، އިންތިހާބުތަކުގައި ވާދަކުރާ މީހުންނަށް ކޮންމެވެސް ކަހަލަ ގްރާންޓެއް ވިޔަސް ހަމަޖައްސައިދޭންޖެހެ އެވެ. އެހެންނޫނީ، އިންތިހާބީ މަގާމުތަކަށް އަންނާނީ މުއްސަނދިން ނޫނީ ކޮންމެވެސް މަހުޖަނެއްގެ ނުފޫޒު އޮތް މީހުންނެވެ.
ހަގީގަތަކީ މިކަން މި ގޮތަށް އޮތްހާ ދުވަހަކު، ރާއްޖޭގައި ތިބި ތައުލީމީ އަދި ގާބިލު މީހުން އެންމެ ގިނަ ބަޔަކު ތިބި ސިވިލް ސާވިސް އަށް މި އޮތީ ސިޔާސީ ދާއިރާއަށް ނުކުމެ ހިދުމަތެއް ކުރުމުގެ ފުރަތަމަ އޮޅި ވެސް ގިރާނުކުރެވޭހާ އުސްކޮށް ކަމެވެ. އެންމެ ކުޑަމިނުން މިކަން ހައްލުނުކޮށް، މަޖިލީހުގައި ތައުލީމީ މީހުން ނެތް ކަމުގެ ޝަކުވާ ކުރެވޭކަށް ނެތެވެ.
މަޖިލީހަށް ވާދަކުރާ ސިވިލް ސާވަންޓުންގެ ވަޒީފާ ގެއްލޭނެ
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
އިތުރު ގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް
ބިލް އޮތީ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭ ގޮތަށް
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
މިނިސްޓަރުގެ ލަފަޔާ އެކު ޕީއެސް ނެގުން ބަދަލުކުރަނީ
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!