Roadha Mihaaru
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ

ވަޒީރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ސީއެސްސީން އެދިއްޖެ

13 ފެބުރުއަރީ 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓްރީތަކަށް ދަތިތައް ކުރިމަތިވެ އަދި ބައެއް ކަންކަމާ މެދު އެ ކޮމިޝަނާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެން ބައެއް ކަންކަން ހުއްޓިފައި ހުރި ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ގިނަ ވަޒީރުންތަކެއް ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފަ އެވެ. ވަޒީރުންނާ އެކު، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ފަހު، ދެން އޮތް ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ ސީއެސްސީގެ ބައެއް މެމްބަރުން މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ. އެކަމަކު، އެ މެމްބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމަކަށް ނުފޮނުވަ އެވެ.

ސީއެސްސީން ވަކިކުރަން ކޮމިޓީން ފާސްކުރީ، އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގާއި މެމްބަރު ޒަކަރިއްޔާ ހުސައިން އެވެ.

މި މައްސަލައިގައި، ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެތައް ހާސް ސިވިލް ސާވިސް މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ބައެއް ވަޒީރުން ފާޅުކުރެއްވި ކަންކަމާ ގުޅިގެން އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެ ކޮމިޝަނުން އެދިފައިވާ ކަމަށް ސީއެސްސީން ބުނެ އެބެ. މިނިސްޓްރީތަކުގެ ކަންބޮޑުވުންތައް ދެނެގަތުމަށްޓަކައި ވަޒީރުންނާ ބައްދަލު ކުރަން ބޭނުންވާތީ އެ ފުރުސަތަށް ވެސް ވަޒީރުންގެ ކިބައިން އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ސީއެސްސީގެ ނޫސްބަޔާން

އެ ބަޔާނުގައިވާ ގޮތުން، ސީއެެސްސީން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރެއިންނެވެ. އަދި އޮފީސްތަކުގެ މަސައްކަތްތައް އަވަސް ކުރަން އެ ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުން ދެމުންދާ ކަމަށާއި އެކަމަކު ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހޯދައި ނުދެވުމާއި ސިޔާސީ މާހައުލު އޮތްގޮތުން މުވަައްޒަފުންގެ ސުލޫކީ މިންގަނޑު ހިފަހައްޓަން އެ ކޮމިޝަނަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.