Roadha Mihaaru

ކޮރަޕްޝަން ނައްތާލަން ގައުމު ޑިޖިޓަލް ކުރަންޖެހޭ: ރައީސް

ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ކޮރަޕްޝަން ނައްތާލަން ގައުމު ޑިޖިޓަލް ކުރަންޖެހޭ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 މެއި 2025

ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް 2.0" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އެ މަންޒިލަށް ވާސިލުވުމަށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާ އެވެ. އެ މަނިކުފާނު ވިދާޅުވީ ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބައޮތް ކަމަށާއި ޑިޖިޓަލްކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަށް ގައުމު ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިންސާނުންގެ ބައިވެރިވުން ކުޑަކުރެވުނު މިންވަރަކަށް ކޮރަޕްޝަނުން ސަލާމަތް ކުރެވޭނެ ކަމަށެވެ.

"ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިސާލެއްގެ ގޮތުގައި ރައީސް މުއިއްޒު ދެއްކެވީ އެ މަނިކުފާނު ދާދި ފަހުން ވަޑައިގެންނެވި އެސްޓޯނިއާ އެވެ. އެއީ ޑިޖިޓަލް ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށާއި އެ ގައުމަކީ ކޮރަޕްޝަން ނައްތާލާފައިވާ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ކުރީގައި އުޅޭ ގައުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ދެ ކާމިޔާބުގެ ފަހަތުގައި ވަނީ ޑިޖިޓަލް ދުނިޔޭގައި އެ ގައުމަކީ ކުރީގައި އުޅޭ ގައުމަކަށް ވުމެވެ. އެހެންވެ، އެސްޓޯނިއާ ފަދަ ގައުމަކަށް ރާއްޖެ ހެދުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން---ފޮޓޯ: ރައީސް އޮފީސް

"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން---ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލް ކުރުމުގެ ސަބަބުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވާނެ ކަމަށާއި ފަސޭހަކަމާ އެކު، އަވަހަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ.

އެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑަކީ ސްމާޓް ކާޑަކަށް ބަދަލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްވަރަށް މިކަމަކީ ރާއްޖެ އަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު "މޯލްޑިވްސް 2.0" މިރޭ އިފުތިތާހު ކޮށްދެެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު "މޯލްޑިވްސް 2.0" މިރޭ އިފުތިތާހު ކޮށްދެެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ހިންގުމުގެ ނިޒާމު ބަދަލުކުރުމަކީ ވަކި އުސްމިން ކުޑަ ކަމެއް ނޫން. ދެފުށް ފެންނަ އަވަސް މިނުގައި ހިދުމަތް ދެވޭ، އެއްވެސް ކަހަލަ ބެރިއާއެއް ނެތި މައުލޫމާތު ދެވޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ބޭނުންވާ ތަމްރީނުތައް ދީގެން އެކަމަށް މީހުން އަހުލުވެރި ކުރެވޭނެ އެވެ. އަދި މުޅި މަޝްރޫއުއާ ގުޅޭ ގާނޫނަކާއި އޭގެ ދަށުން އަންނަ ގާނޫނުތަކެއް ވެސް ހަދަންޖެހޭ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެން ބަލައިގަންނަ ފެންވަރުގެ ހިދުމަތް ދިނުމާއި ހިންގުމުގެ ނިޒާމު ހަރުދަނާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.