Roadha Mihaaru

ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރަން އިންވެސްޓަރުންނަށް އެހީވާން ތައްޔާރު: އުރީދޫ

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ރާއްޖެ އަށް އަންނަ އިންވެސްޓަރުންނަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.

"ޑިޖިޓަލް ރާއްޖެއަކަށް އިންވެސްޓަރުންނަށް އެހީވާނަން"
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 ޖުލައި 2025

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ރާއްޖެ އަށް އަންނަ އިންވެސްޓަރުންނަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްޑީ ހަމާދީ ފާހަގަކުރެއްވި ގޮތުގައި ކަނެކްޓިވިޓީއަކީ އިންވެސްޓްމަންޓަށް ބާރުދޭ ވަރަށް މުހިންމު ވަސީލަތެކެވެ. އަދި ރާއްޖެއަކީ ހަރުދަނާ، މިނިވަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާއެއް އެކުލެވިގެންވާ ގައުމެއް ކަމަށާއި ބައިނަލްއަގުވާމީ ހަ ސަބްމެރިން ކޭބަލުން ރާއްޖެ މުޅި ދުނިޔެއާ ގުޅާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ޑިޒާސްޓާ ރިކަވަރީ ފެސިލިޓީތަކާ އެކު، ޒަމާނީ ވިޔަފާރިތަކުން ޑިމާންޑްކުރާ ރިލައިބިލިޓީ އާއި ސްކެލެބިލިޓީ އަޅުގަނޑުމެން ނަށް ފޯރުކޮށްދެވޭނެ. އުރީދޫ ގްރޫޕްގެ އެންވީޑިއާ ފަދަ ގްލޯބަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އޭއައި އާއި ޖީޕީޔޫ އަށް ތައްޔާރުވެފައިވާ އިންފްރާސްޓްރަކްޗަރާ އެކު އުރީދޫ މިއޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ގާއިމް ކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި ފޯރަމްގައި ހަމާދީ ވިދާޅުވީ އެ ކުންފުނީގައި ހުރި ޓެކްނޮލަޖީއާ ވަސީލަތްތަކާ އެކު ރާއްޖެ އަށް އަންނަން ބޭނުންވާ އިންވެސްޓަރުންނަށް ކަނެކްޓިވިޓީގެ ރޮނގުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށެވެ.

އުރީދޫގެ އެމްޑީގެ އިތުރުން އެ ޕެނަލްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އޭރިއަލް ބޭންކް އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ތޯމަސް އެޑެމާ އާއި ޕޮންޓިއަކް ލޭންޑް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑޭވިޑް ސަންގް އާއި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ބައިވެރިވެވަޑައިގަތެވެ.

މި ޕެނަލުގައި ދެމެހެއްޓެނިވި އިގުތިސޯދީ ކުރިއެރުމާއި ޓޫރިޒަމްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި އެކި ދާއިރާތަކުން އިނޮވޭޝަނަށް ބާރުއެޅުމަށް ހަ ސަބްމެރިން ކޭބަލް ސިސްޓަމާއި އެންމެ މަތީ ފަންތީގެ ޑޭޓާ ސެންޓަރުގެ ގާބިލުކަމުގެ އެހީގައި ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ރާއްޖޭގެ ކުރިއަރާފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ބޭނުން ހިފޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރި އެވެ.