Roadha Mihaaru

ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ސަލާމަތީ ގޮތުން ވަރަށް ބަލިކަށިކޮށް: އިހުސާން

މި ވެރިކަން ފެށިއިރު، ދިވެހި ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް، އާދަޔާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
އިފްރާޒް އަލީ
އިފްރާޒް އަލީ

11 މެއި 2025

މި ވެރިކަން ފެށިއިރު، ދިވެހި ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް، އާދަޔާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އިފުތިތާހުކުރި "މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ.

އިހުސާން ވިދާޅުވީ ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދޭ ހިދުމަތް ޕޯޓަލްއެއް މެދުވެރިކޮށް ނުވަތަ ފޯމުތައް ފުރައި އީ-މެއިލް މެދުވެރިކޮށް ހިދުމަތަށް އެދެވޭ ގޮތް ހަދައިފައި ކަމަށެވެ. އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ސެޓްފިކެޓުގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭ ކަމަށާއި އަދި އެ ވެރިފައި ކުރުމަށް ދެ އިދާރާގެ މެދުގައި އަނެއްކާ މުއާމަލާތްތައް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހިދުމަތަށް އެދުމަށް ފަހުގައި ދަންނަ މީހާ ނުވަތަ ފައިސާ އަށް އަވަސްކޮށްދީފާނެ ކަމަށް ގަބޫލުކުރެވޭ މީހާއަށް ގުޅަން ޖެހޭ ސިޔާސަތެއް އޮތީ ފުޅާ ދާއިރާއެއްގައި ހިނގާފައި،" އިހުސާން ވިދާޅުވި އެވެ.

"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

އިހުސާން ވިދާޅުވި ގޮތުގައި، ދައުލަތުގެ ކޮންމެ އިދާރާއެއްގައި ހުންނަނީ ވަކި ޑޭޓާބޭސްއެކެވެ. ކޮންމެ އިދާރާއެއްގައި ވަކި ފިޒިކަލް ސާވާތަކާއި ޑޭޓާ ސްޓޯރޭޖުގެ ނިޒާމުތައް ހުރީ ހަދައިފަ އެވެ. ދައުލަތުގެ ޑިޖިޓަލް ނިޒާމުގެ ދޯދިޔާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި މައުލޫމާތު ރިޕީޓުވެ، ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫސާނޭމް ހަދައިފަ އެވެ. އެކި މީހުން އެކި ފަހަރު މަތިން އެ ޔޫސާ އެކައުންޓްތައް ބޭނުންކޮށްގެން ސިސްޓަމްތަކަށް ވަންނަމުން ދެ އެވެ. އެ ނިޒާމުގެ ޓްރޭސިބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރެވެ އެވެ.

"ސިސްޓަމްތަކުގެ ހުރިހާ ޑޭޓާއެއް ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ އެކު ހުރިކަން ކަށަވަރެއް ނުކުރެވޭ. ސިސްޓަމްތަކުގެ ސްޓެބިލިޓީ އަދި ސެކިއުރިޓީ ގާއިމްކުރެވިފައި ހުރީ އެ ތަނެއްގައި އެ ވަގުތަކު މަސައްކަތްކުރަމުން ދިޔަ މީހުން ގާބިލުކަން ހުރި ވަރަށް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް 2.0 ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް 2.0 ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މުޅި ދައުލަތުގެ ވަކި ސްޓޭންޑާޑެއް ނެތް، ކުރުކޮށް ދަންނަވާ ނަމަ ހުރީ ވަކިވަކި ސައިލޯތަކެއް، ވަކިވަކި ނިޒާމުތަކެއް އަދި ވަކިވަކި ސިސްޓަމްތަކެއް. މިއީ ހަރަދު ބޮޑު، އަދި ދެފުށް ނުފެންނަ، ސަލާމަތީ ގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް. މިއީ ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް. އަދި މިއީ މިއަދުގެ ގަބޫލުކުރާ މިންގަނޑެއް ނޫން. މިއީ ޒަމާނަށް ފެތޭ ނިޒާމެއް ވެސް ނޫން."

އިހުސާން ވިދާޅުވީ ރައީސް މުއިއްޒު "މޯލްޑިވްސް 2.0"ގެ ސިޔާސަތު ގެންނެވީ އަދި މި ތަންފީޒުކުރަން ފެއްޓެވީ އެ ސަބަބުތަކާ ހެދި މިހާރުގެ ހާލަތު ބަދަލުކުރުމަށް ކަމަށެވެ.

"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މި ސިޔާސަތު ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ކޮންމެހެން މުހިންމު ވަނީ މިހެންވެގެން. މޯލްޑިވްސް 2.0 ގައި އަޅުގަނޑުމެން ގާއިމްކުރާނީ ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއް. އެއްވެސް ރަށެއް ފަރުދެއް ބާކީ ނުވާ ހިދުމަތް ދޭ ސިސްޓަމްތަކެއް. ދައުލަތުގެ ހުރިހާ ހިދުމަތެއް އެއް ސިސްޓަމަކުން ގުޅިފައިވާ، އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ނިޒާމެއް،" އިހުސާން ވިދާޅުވި އެވެ.