Roadha Mihaaru

އެކްސްޕޯއިން ފެންނަނީ ރާއްޖޭގެ ކްރިއޭޓް އިކޮނޮމީގެ ވައުދު ހާސިލުވާނެކަން: ރައީސް

މިހާރު ކުރިއަށް ގެންދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ފެންނަނީ ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިކޮނޮމީ އިން ހާސިލުކުރާ ބަޔަަކަށް ހެދުމަށް ކުރާ އުއްމީދު މާ އަވަހަށް ހާސިލުވާނެ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ފެންނަނީ ކްރިއޭޓް އިކޮނޮމީގެ ވައުދު ފުއްދޭނެކަން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 މެއި 2025

މިހާރު ކުރިއަށް ގެންދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ފެންނަނީ ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިކޮނޮމީ އިން ހާސިލުކުރާ ބަޔަަކަށް ހެދުމަށް ކުރާ އުއްމީދު މާ އަވަހަށް ހާސިލުވާނެ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ 2030 ގެ ކުރިން ރާއްޖޭގެ މުޅި ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ އެއްޗަަކަށް ހައްދަވާނެ ކަމަށް އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވަފައި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިދިޔަ ހުކުރު ދުވަހު ފެށި ދިވެހިންގެ އުފެއްދުންތެރިިކަމުގެ މައުރަޒަށް ދެ ވަނަ ފަހަރަށް ރޭ ޒިޔާރާތް ކުރެއްވުމަށް ފަހު، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ މެދުކަނޑުމަކަށް ފަހު ބޭއްވި އެ މައުރަޒުން ދިވެހިން އުފެއްދުންތެރިކަމަށް އޮތް ތަރުހީބު ފެނިވަޑައިގެންފައިވާ ކަމަށެވެ.

އެތަން ހުޅުވި ދުވަހުގެ ރޭ ވެސް ރައީސް މުއިއްޒު ވަނީ ބައެއް ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ދިވެހިންގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ. އެކަމަކު ރޭ އެ މަނިކުފާނު ވަނީ އައިޓީ އާއި ޑިޖިޓަލް ދާއިރާގެ ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި، އެ މީހުންގެ މަސައްކަތް ވެސް ބައްލަވާލައްވައިފަ އެވެ.

އެ ތަނުގައި ހުންނަވައި، ރައީސް ވިދާޅުވީ ޑިޖިޓަލް ދާއިރާއަށް އޮތް ޝައުގުވެރިކަމާ އެކު އެ މަނިކުފާނުގެ ކެމްޕެއިން މެނިފެސްޓޯގައި ހިމެނޭ ވައުދު 2030 ގެ ކުރިން ހާސިލުކުރެވޭނެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް މުއިއްޒު ރޭ ޒިޔާރަތް ކުރައްވައި ސްޓޯލަކުން މައުލޫމާތު ހޯއްދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް މުއިއްޒު ރޭ ޒިޔާރަތް ކުރައްވައި ސްޓޯލަކުން މައުލޫމާތު ހޯއްދަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ޑިޖިޓަލް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިއްމު މެނިފެސްޓޯގެ ވައުދެއް. މުޅި ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީން ކޮންޓްރިބިއުޓު ކުރާ އެއްޗަކަށް ހަދަން އަޅުގަނޑު އޮންނާނީ އިއުލާނު ކޮށްފައި 2030 އާ ހަމަށް. އެ އަށް ވުރެ ވެސް ކުރިން އެޗީވް ކުރެވޭނެ މި ފެންނަ ޝައުގުވެރިކަމަށް ބަލާއިރު،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުނަރުވެރި ކުދިންނަށް ފުރުސަތު ހޯދައިދިނުމަަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެެވެ. އޭގެ ތެރޭގައި ޕޭމަންޓް ގޭޓްވޭތައް ގާއިމުކުރުން ފަދަ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެ އުފައްދާ ޕްރޮޑަކްޓްތައް ރާއްޖެ އާއި އެހެން ގައުމުތަކަށް ވިއްކޭނެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް މަސައްކަތްޕުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ފުރުސަތުތައް އެބަ ހުއްޓެވެ. އެތަނުގައި އޮތެންޓިކް މޯލްޑިވްސް ޕްލެޓްފޯމްގައި ފުރުސަތުތައް އެބަހުރި ކަމަށާއި އެ ފުރުސަތުތައް އިތުރު ކޮށްދެއްވަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލީ ކެބިނެޓް މަޝްވަރާތައް ބޭއްވުމުގެ ތައްޔާރީތައް ވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް ދަންނަވާފައިވާ ކަމަށެވެ. އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައި، ޕްލޭންތަކާ އެކު ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ވައުދުތައް ހާއްސަކޮށް ޖީޑީޕީގެ 15 ޕަސެންޓް އެޗީވްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އުފެއްްދުންތެރިކަމުގެ މައުރަޒުގައި އެކި ދާއިރާތަކުން ތަކެތި އުފައްދާ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ކާބޯތަކެއްޗާއި ގަހަނާ އާއި އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް މިތަނުގައި ހިމެނެ އެވެ.

މި ފަހަރުގެ މައުރަޒުގައި ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ޑިސްޕްލޭ ކުރަން ފުރުސަތު ދީފައިވާއިރު މިއީ އުފެއްދުންތެރިކަމުގެ މައުރަޒުގައި އަލަށް ހިމެނި ބައެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މައުރަޒުގައި ބައިވެރިވެ އެވެ. މިއީ 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މައުރަޒެކެވެ. މި ފަހަރުގެ މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ހުރީ ލިޔެލާ ޖެހުމުގެ އުފެއްދުންތަކެވެ.

މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭއަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެެވެ. ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް އެވޯޑު ހަވާލުކޮށްފައިވެ އެވެ.

މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ގެންދާނެ އެވެ.