Roadha Mihaaru

ގަލުވަޑާމުގެ ސޫރަތުލް އިޚްލާސް: ވަނައެއް ނުލިބުނަސް ފުރިހަމަ

ކަވި، ބުރަ މަސައްކަތެކެވެ. އުފެއްދުންތެރިކަމުގެ މައުރަޒަށް މުހައްމަދު ހިސާން ހުށަހެޅީ، ގަލުގައި ކަނޑައި ނަގާފައިވާ ސޫރަތުލް އިޚްލާސް އެވެ. ތިން މަސް ދުވަސް ހޭދަކުރި އެ މަސައްކަތުން ފެންނަނީ އުވިގެންދާ، ގަލުވަޑާމުގައި އޭނާގެ ހުނަރެވެ.

ވަނައެއް ނުލިބުނަސް ގަލުވަޑާމުގެ މި މަސައްކަތް ފުރިހަމަ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 މެއި 2025

ކަވި، ބުރަ މަސައްކަތެކެވެ. އުފެއްދުންތެރިކަމުގެ މައުރަޒަށް މުހައްމަދު ހިސާން ހުށަހެޅީ، ގަލުގައި ކަނޑައި ނަގާފައިވާ ސޫރަތުލް އިޚްލާސް އެވެ. ތިން މަސް ދުވަސް ހޭދަކުރި އެ މަސައްކަތުން ފެންނަނީ އުވިގެންދާ، ގަލުވަޑާމުގައި އޭނާގެ ހުނަރެވެ.

ވަނައެއް ލިބުނު ކަމުގެ ޓްރޮޕީ ކައިރީގައި ނެތަސް އެއީ ފުރިހަމަ މަސައްކަތެއް ކަމުގެ ތައުރީފް ގިނަ ބަޔަކު އޭނާއަށް ކުރި އެވެ.

ހިސާން ބުނި ގޮތުގައި އެ އުފެއްދުމަށް ވަނައެއް ނުލިބުނީ ލޭޒާ ކަޓުން ކޮށްފައިވާ މަސައްކަތެއް ކަމަށް ޖަޖުންނަށް ހީވެގެންނެވެ. އެކަމަކު މުޅި އެ ސޫރަތް އެއީ އޭނާގެ އަތުން، ކަނޑައިނެގި މަސައްކަތެއް ކަމަށް ހިސާން ބުންޏެވެ.

އެވޭލާ ކަލެކްޝަންސްގެ ނަމުގައި ސޯޝަލް މީޑިއާގައި އޭނާގެ މަސައްކަތް ދައްކާލަމުން އަންނަ ހިސާން، "މިހާރު" އަށް ބުނި ގޮތުގައި ލޭޒާ ކަޓެއް ކަމަށް ޖަޖުކުރި މައްސަލަ މިހާރު ވަނީ ހުށަހަޅައިފަ އެވެ.

"މިއީ ފުލީ ހޭންޑް ކާވް. އެކަމަކު ޖެހިގެން މިއުޅެނީ ލޭޒާ ކަޓެއްގެ ގޮތުގައި ޖަޖުން ނިންމާފައި އިނީމަ އަޅުގަނޑު ޝަކުވާ ހުށަހަޅައިގެން މިއުޅެނީ،" ހިސާން ބުންޏެވެ.

މޯލްޑިވްސް އެކްސްޕޯއަށް ހިސާން ހުށަހެޅި، ގަލުގައި ކަނޑައިނެގި ސޫރަތުލް އިހްލާސް

މޯލްޑިވްސް އެކްސްޕޯއަށް ހިސާން ހުށަހެޅި، ގަލުގައި ކަނޑައިނެގި ސޫރަތުލް އިހްލާސް

އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ވެސް މި އާޓް ޕީސް ތައްޔާރުކުރުމުގެ އެކި މަރުހަލާތައް ދައްކާލި އެވެ. ގަލުގައި ސޫރަތް ލިޔެ، އޭނާ އެ ކެނޑުމުގެ މަސައްކަތް އެކި ދުވަސް މަތިން ކުރަމުންދިޔަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ރަސްމީ ވަޒީފާއެއްގައި އުޅޭ ހިސާން، ގަލުވަޑާމުގެ މަސައްކަތަށް ވަގުތު ދެނީ ރޭގަނޑު ލިބޭ ހުސްވަގުތުކޮޅުގަ އެވެ. މި އެކްސްޕޯގައި އެނާގެ ހުނަރު ދައްކާލަން ތައްޔާރުކުރި އާޓަކީ ވެސް މިގޮތަށް ލިބުނު ހުސް ވަގުތުތަކުގައި ކުރި ބުރަ މަސައްކަތެވެ. ތިން މަސް ވަންދެން، ކޮންމެ ރެއަކު ތިން ހަތަރު ގަޑިއިރު އެކަމަށް ހޭދަކުރި ކަމަށް ހިސާން ބުންޏެވެ.

ގަލުގައި ކަނޑާ ނަގައިގެން އެކި ކަހަލަ އާޓްތައް އޭނާ ހަދަން ފެށީ، މިކަން ރާއްޖޭގައި އުވިގެންދާތީ އެެވެ.

"ގަލުގައި ކަނޑާ ނަގަން ފެށީ ރާއްޖޭގައި އުވިގެންދާ މަސައްކަތެއްވީމަ ދިރުވާ އާލާކުރަން ވެގެން. ޔޫޓިއުބް އިން ވީޑިއޯތައް ބެލީ އެކި މީހުން ލަކުޑި ކަނޑައިގެން ނަގާ ގޮތް. ދެން އަޅުގަނޑު ހަމަ އެގޮތަށް ގަލުގައި އެ މަސައްކަތް މިކުރަނީ،" މާލެ އަށް އުފަން، ހިސާން ބުންޏެވެ.

ދަސްކޮށްގެން އޭނާ ކުރިއަރުވާ ހުނަރު، އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ދައްކާލަމުންނެވެ.

ހިސާންގެ ގަލުވަޑާމުގެ މަސައްކަތް، "އަންވެއިލިން ވިޝަން 2024" ގެ ނަމުގައި އާޓް ގެލަރީގައި ބޭއްވި އެގްޒިބިޝަންގައި ވެސް ބައިވެރިކުރި އެވެ. އޭނަ ވަނީ ކަނޑުގެ ދިރުންތަކާއި އިހުގެ ޑިޒައިންތަކާއި ކައިވެނީގެ ރަނުގެ ގޮތުގައި ދޭ ފޮއްޓާއި މަހާނަ ގާ ވެސް ކަނޑައި، އޭގައި ވެސް އެކި ކަހަލަ ޑިޒައިންތައް ހަދައިފަ އެވެ.

ވަނައެއް ނުލިބުނަސް ހިސާންގެ މި ބުރަ މަސައްކަތް ހުނަރުވެރި އެވެ.