Roadha Mihaaru

ތިން ޒުވާނުންގެ ހިޔާލާ އެކު، ސްޓެލްކޯއަށް ބޮޑު ލުޔެއް

ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ހަސަން ފާރިހު މޫސާ އަށް ވިސްނުނީ އެ ކުންފުނީގެ ހުރިހާ އިންޖީނުތަކެއްގެ މައުލޫމާތު އެއްތާކުން ފެންނަން ޖެހޭނެ ކަމެވެ. ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދޭ 33 ރަށް ވެސް އޮންނަނީ މާލެއާ ވަރަށް ދުރުގައި ކަމަށް ވެފައި މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު މާލެ އިން ޓީމުތައް ދާން ޖެހުމަކީ ހަރަދު ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ހަރަދު ކުޑަކޮށް އެ ކަންކަން މެނޭޖު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

31 މެއި 2025

ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ހަސަން ފާރިހު މޫސާ އަށް ވިސްނުނީ އެ ކުންފުނީގެ ހުރިހާ އިންޖީނުތަކެއްގެ މައުލޫމާތު އެއްތާކުން ފެންނަން ޖެހޭނެ ކަމެވެ. ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދޭ 33 ރަށް ވެސް އޮންނަނީ މާލެއާ ވަރަށް ދުރުގައި ކަމަށް ވެފައި މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު މާލެ އިން ޓީމުތައް ދާން ޖެހުމަކީ ހަރަދު ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ހަރަދު ކުޑަކޮށް އެ ކަންކަން މެނޭޖު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

އެހެންވެ ފާރިހު އަށް ވިސްނުނީ އެކަމަށް ބޭނުންވާ ހާއްސަ ނިޒާމެއް ގާއިމް ކުރުން ނޫން ހައްލެއް ނެތް ކަމެވެ. ފާރިހުގެ އިސްނެގުމުގެ މަތިން ރީޖަނަލް ޑިޕާޓްމެންޓުގެ އިލެކްޓްރިކަލް އިންޖިނިއަރު އަލީ ނަބީހު ވަސީމް އަދި ސްޓެލްކޯގެ އިންޖިނިއަރު މުހައްމަދު އިހުމާދު އަހުމަދު އެ ސިސްޓަމް ހެދުމުގެ މަސައްކަތް 2021 ގައި ފެށި އެވެ.

ރީޖަނަލް އިލެކްޓްރިކަލް ޔުނިޓުގެ ތިން މުވައްޒަފުންނާއި އެ ކުންފުނީގެ އައިޓީ ޑިޕާޓްމެންޓުގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު، އެ ސިސްޓަމް ނިންމައި ބޭނުން ކުރަން ފެށީ މިދިޔަ އަހަރު އެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ އުފެއްދުންތެރިންގެ މައުރަޒުގައި ސްޓެލްކޯ އިން ދައްކާލަނީ ވެސް އެ ކުންފުނިން އަލަށް ތައާރަފުކުރި ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑާޓާ އެކުއިޒިޝަން (ސްކާޑާ) ސިސްޓަމެވެ. އެއީ ސްޓެލްކޯގެ ދަށުން ހިންގާ 33 ރަށުގެ ކަރަންޓު އުފެއްދުމާ ގުޅޭ ހުރިހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރު ކޮށްފައިވާ ހާއްސަ ނިޒާމެކެވެ. ސްޓެލްކޯގެ ހުނަވަރުވެރި ތިން ޒުވާނުންގެ މޮޅު ހިޔާލެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް އެކްސްޕޯގެ އިނާމު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާ ހަވާލުކުރައްވަނީ-- ފޮޓޯ: ސްޓެލްކޯ

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް އެކްސްޕޯގެ އިނާމު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާ ހަވާލުކުރައްވަނީ-- ފޮޓޯ: ސްޓެލްކޯ

އެ ތިން ޒުވާނުންގެ އުފެއްދުމަކީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އެންމެ ފާހަގަކުރެވޭ އެއް އުފެެއްދުމަކަށް ވެ، ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ވެސް އޭގެ ބޭނުންތެރިކަން ބޮޑުކަމުންނެވެ. ދައުލަތުގެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ތެރެއިން އެއްވަނަ އުފުލައިލީ ވެސް އެ އުފެއްދުމެވެ. އެހެންވެ، މިއީ ސްޓެލްކޯގެ ހުނަރުވެރި މުވައްޒަފުންގެ ގާބިލްކަން ވެސް އާންމުންނަށް ދައްކާލަން ލިބުނު ފުރުސަތެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.

ސްކާޑާ ސިސްޓަމް

ރީޖަނަލް ޑިޕާޓްމަންޓަށް ފެންނަ ގޮތަށް މިހާރު ތައްޔާރު ކޮށްފައިވާ އެ ސިސްޓަމްގެ އެންމެ ބޮޑު ބޭނުމަކީ ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށްތަކަކުން ވަގުތުން ވަގުތަށް ހުރިހާ ޑޭޓާއެއްގެ މައުލޫމާތު ނަގައި، މޮނިޓަރު ކުރުމެވެ.

"އަޅުގަނޑުމެން ބޭނުންވެއްޖެ ހާލަތެއްގައި އެ ސިސްޓަމް މެދުވެރިކޮށް ރަށްރަށުގައި އިންޖީނު ހިންގުން ފަދަ ކަންކަން ވެސް ކުރެވޭނެ. އެކަމަކު ހުންނަނީ ހުރިހާ އެއްޗެއް ލޮކް ކޮށްފައި ހަމައެކަނި އެ ރަށަކަށް އެކަނި އެ ކަހަލަ ކަންކަން ކުރެވޭ ގޮތަށް،" ފާރިހް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ބަހައްޓާފައި ހުންނަ ޖެންސެޓުތައް ސްކާޑާ ސިސްޓަމް މެދުވެރިކޮށް ދައްކަ އެވެ. އޭގެ ތެރެއިން ބޭނުން ކުރަމުން އަންނަނީ ކިތައް އިންޖީނު ކަމާއި ބެކަޕްގެ ގޮތުގައި ތައްޔާރަށް ބަހައްޓާފައި ހުރީ ކިތައް އިންޖީނުކަން ވެސް ވަކި ކުލައަކުން ފާހަގަ ކޮށްފައި ހުރެ އެވެ.

މާފުށީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުތައް ސްކާޑާ ސިސްޓަމުން ފެންނަ ގޮތް: ފެހި ކުލައިގައި އެ ފެންނަނީ މިހާރު ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރު ތަކުގެ މައުލޫމާތު. ނޫ ކުލައިގައި އެ ހުރީ ބޭނުން ޖެހިއްޖެ ހާލަތެއްގައި ބެކަޕެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އިންޖީނުގެ މައުލޫމާތު---

މާފުށީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުތައް ސްކާޑާ ސިސްޓަމުން ފެންނަ ގޮތް: ފެހި ކުލައިގައި އެ ފެންނަނީ މިހާރު ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރު ތަކުގެ މައުލޫމާތު. ނޫ ކުލައިގައި އެ ހުރީ ބޭނުން ޖެހިއްޖެ ހާލަތެއްގައި ބެކަޕެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އިންޖީނުގެ މައުލޫމާތު---

އޭގެ އިތުރުން ހަލާކުވެ، މަރާމާތު ކުރަން ޖެހިފައި ހުރި އިންޖީނެއް ނުވަތަ ބޭނުން ނުކުރާ އިންޖީނެއް ވިޔަސް އެ ސިސްޓަމުން ފެންނާނެ އެވެ. އެ ރަށެއްގެ ލޯޑު ނުވަތަ އެ ރަށަކުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް "ފީޑާ" ތަކުން ބަލައިލެވެ އެވެ. ކޮންމެހެން މާލޭގައި ހުންނަ ސްޓެލްކޯގައި ތިބޭ އެންމެ މޮޅެތި އިންޖިނިއަރުން ފިޒިކަލީ އެ އިން އެއްވެސް ރަށެއްގައި ހުންނާކަށް ނުޖެހޭނެ އެވެ.

ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވުން

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް ކޮންމެ ހަފުތާއަކު މަދުވެގެން ދެ ފަހަރަށް ދަތުރު ކުރަން ޖެހުމަކީ އެ ކުންފުނީގެ ރީޖަނަލް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ވަރަށް ބޮޑު ތަކުލީފެކެވެ.

މީގެ އިތުރުން ސްޓެލްކޯ އަށް ހައްލު ކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަރަންޓް ކެނޑުމުން، މައްސަލަ ހައްލުކުރަން ވަގުތު ނެގުމެވެ. މިކަމުގައި އެންމެ އުނދަގޫވަނީ، ރަށެއްގައި އިންޖީނަކަށް މައްސަލައެއް ދިމާވެ ނުވަތަ ނަރެއް ބުރިވެގެން ވިޔަސް އެ ދިމާވި މައްސަލައެއް ހޯދައި ހައްލުކުރަން ހޭދަވާ ވަގުތެވެ.

ރީޖަނަލް ޑިޕާޓްމެންޓުގެ އިލެކްޓިކަލް އިންޖިނިއާ އަލީ ނަބީހު ވަސީމް (ކ) ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ހަސަން ފާރީހް މޫސާ (މ) ސްޓެލްކޯގެ އިންޖިއާ މުހައްމަދު އިހުމާދު އަހުމަދު (ވ) "މިހާރު" އަށް ދެއްވި އިންޓަވިއުއަށްފަހު--- ފޮޓޯ: ނިޝާން އަލީ / މިހާރު

ރީޖަނަލް ޑިޕާޓްމެންޓުގެ އިލެކްޓިކަލް އިންޖިނިއާ އަލީ ނަބީހު ވަސީމް (ކ) ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ހަސަން ފާރީހް މޫސާ (މ) ސްޓެލްކޯގެ އިންޖިއާ މުހައްމަދު އިހުމާދު އަހުމަދު (ވ) "މިހާރު" އަށް ދެއްވި އިންޓަވިއުއަށްފަހު--- ފޮޓޯ: ނިޝާން އަލީ / މިހާރު

"ދަތުރުފަތުރު އުނދަގޫވެފައި މާލޭގައި ހުރެގެން ޓްރަބްލްޝޫޓު ކުރަން [މައްސަލަ ދިމާވި ސަބަބު ދެނެގަންނަން] އުނގަދޫ. އެ ހިސާބުން ވިސްނުނީ ކޮންމެހެން ވެސް [ސްކާޑާ ސިސްޓަމް] ގާއިމް ކުރަން ޖެހޭ ކަން،" މީގެ ހަތަރު އަހަރު ކުރިން އެ ޑިޕާޓްމެންޓާ ގުޅި، އެ ސިސްޓަމުގެ މަސައްކަތް ފެށި ސަބަބު ފާރީހް ކިޔައިދިނެވެ.

"އެ 33 ރަށުގެ އިންޖީނުގެތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން ދަތުރުކުރަން ޖެހޭ ހަފުތާއަކު ދެ ފަހަރަށް، އެއް ރަށުގައި ހުއްޓާ ވެސް އެބަ ޖެހޭ އެހެން ރަށަކަށް ދާން. ގޮސް ބަލާއިރު މި ހުންނަނީ ބައެއް ފަހަރަށް ޖެކެއް ދޫވެފައި، އެ ކަހަލަ ކުޑަކުޑަ ކަމެއް ވެފައި."

ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ފާރިހް، ސްކާޑާ ސިސްޓަމް "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލައްވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ސްޓެލްކޯގެ އިލެކްޓްރިކަލް ޔުނިޓުގެ ހެޑް ފާރިހް، ސްކާޑާ ސިސްޓަމް "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލައްވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެކަމަކު، ސްކާޑާ ސިސްޓަމް ގާއިމް ވުމާ އެކު، އެ ހުރިހާ ކަމެއް މިހާރު ހައްލުވެއްޖެ އެވެ. އެއީ ރަށްރަށުގެ ކަރަންޓަށް ދިމާވާ ކަންކަން ވީހާ ވެސް އަވަހަށް ހައްލު ކުރުމަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް އެ ކުންފުނީގެ އިންޖިނިއަރުން ދެކެ އެވެ.

ކަރަންޓު ކެނޑުން މަދުކުރެވުން

ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރިހާ އިންޖީނުގެތަކެއްގެ މައުލޫމާތު ހިމެނޭ އެ ސިސްޓަމުން އެ ރަށެއްގައި ސޯލާ ހުރި ނަމަވެސް އެނގޭނެ އެވެ.

ނަބީހު ވެސް ފާހަގަ ކުރީ އެ ސިސްޓަމް އުފެއްދުމުގެ ކުރިން އުޅެން ޖެހޭ ހާލެވެ. ރަށެއްގެ އިންޖީނަކަށް ކަމެއް ވެއްޖެ ނަމަ ދެން ކަން ކުރަން ޖެހޭ ގޮތެވެ.

"ފުރަތަމަ މި އަންނަނީ މައްސަލައެއް އައި ކަމަށް ކޯލެއް. އެކަމަކު އެއަކުން ނޭނގޭނެ ވާނުވާއެއް. އެއީ އެ ރަށުގައި ހުންނަ މީހާއަށް ފެންނަ ވަރަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ އޭރު. އެހެންވެ ފުރަތަމަ މައްސަލަ ހޯދަން ދާން މި ޖެހެނީ އެ ރަށަަށް ސްޓެލްކޯގެ ޓީމެއް،" ނަބީހު ކިޔައިދިނެވެ.

ސްކާޑާ ސިސްޓަމާއެކު އެފަދަ ދަތުރުތައް ކުރުން މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީޖަނަލް ޑިޕާޓްމެންޓުގެ އިލެކްޓްރިކަލް އިންޖިނިއަރު ނަބީހު ސްކާޑާ ސިސްޓަމް މަސައްކަަތް ކުރާ ގޮތް ކިޔައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ރީޖަނަލް ޑިޕާޓްމެންޓުގެ އިލެކްޓްރިކަލް އިންޖިނިއަރު ނަބީހު ސްކާޑާ ސިސްޓަމް މަސައްކަަތް ކުރާ ގޮތް ކިޔައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

"މިހާރު އަޅުގަނޑުމެންނަށް މާލޭގައި ހުރެގެން މި ސިސްޓަމުން ބަލާލެވޭ ކޮބައިކަން ދިމާވާ މައްސަލައަކީ. ނުވަދިހަ ޕަސެންޓު ޓައިމްސްގައި ނުޖެހޭ ދާކަށް، މިކޮޅުން ހަމަ މައްސަލަ ބުނެދެވޭ، އެ ރަށުގައި ހުރުމާ އެއްފަދައިން،" އެ ސިސްޓަމާއެކު ލިބުނު ފަސޭހަ ކުރިއެރުމުގެ ވާހަކަ ހިއްސާ ކުރަމުން ނަބީހު ވިދާޅުވި އެވެ.

އެއް ރަށުގައި ބަހައްޓާފައި ހުންނަ ޖަނަރޭޓަރު ވެސް އެހެން ރަށަކުން އެ ސިސްޓަމް މެދުވެރިކޮށް އޮޕަރޭޓް ކުރެވޭނެ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ ހަމަ އެކަނި އެ ރަށަކުން އޮޕަރޭޓް ކުރެވޭ ގޮތަށް ނޫން ހުރިހާ ގޮތެއް ބްލޮކް ކޮށްފަ އެވެ.

ސްކާޑާ ސިސްޓަމް ތަރައްގީ ކުރާ ގޮތް

އެ ސިސްޓަމް ތަރައްގީ ކުރަން ސްޓެލްކޯއިން ރާވާފައި ވަނީ ސޯލާ އާއި ފޮޔުލް މޮނިޓަރިންގެ މަސައްކަތުގެ އިތުރުން އާރޯ ޕްލާންޓް ތަކުގެ މައުލޫމާތު ވެސް ހިމަނައިގެންނެވެ. އޭގެ އިތުރުން މި ސިސްޓަމުގެ ތެރެއަށް ފީޑާ މޮނިޓަރިން އާއި ފީޑާ ޑޭޓާތައް ވެސް ހިމަނައިގެން ސިސްޓަމް ތަރައްގީ ކުރުމަކީ އެ ކުންފުނީގެ ޕްލޭން ކަމަށް ސްޓެލްކޯގެ އިންޖިއަރު އިހުމާދު ވިދާޅުވި އެވެ.

"ސޯލާ މިހާރު ވަނީ ދެ ރަށެއްގައި ގާއިމްކޮށް، ސްކާޑާ ތެރެއަށް ވެސް ލާފައި. ފީޑާ މޮނިޓަރުން ވެސް ދެ ރަށެއްގައި މިހާރު ކުރިއަށް ދާނެ، މި އަހަރު ތެރޭ އެ މަސައްކަތް އެއްކޮށް ނިމޭނެ،" އިހުމާދު ވިދާޅުވި އެވެ.

ސްޓެލްކޯގެ ސްކާޑާ ސިސްޓަމުގެ ސަބަބުން ވަގުތު ސަލާމަތްވެ، މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް ރައްޔިތުންނަށް ކަރަންޓު ދޫކުރެވޭނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ.

ސްޓެލްކޯގެ އިންޖިއަރު އިހުމާދު ސްކާޑާ ސިސްޓަމްގެ މަސައްކަތްތައް ކިޔައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ސްޓެލްކޯގެ އިންޖިއަރު އިހުމާދު ސްކާޑާ ސިސްޓަމްގެ މަސައްކަތްތައް ކިޔައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ބަދަލަށް ގެނައުމަކީ ސްޓެލްކޯގެ އަމާޒެކެވެ.

މިއާއެކު، ސްކާޑާގެ ބޭނުން ފުރިހަަމަވެ، ހިދުމަތް ހޯދުމުގައި އާއްމުންނަށް ކަރަންޓު އިގްތިސާދު ކުރަން ފަސޭހަވެ، ހިދުމަތް ދިނުމުގައި ސްޓެލްކޯ އަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ އާންމު މައުލޫމާތުތައް ވެސް ސްކާޑާ މެދުވެރިކޮށް ދެވޭނެ ގޮތެއް ވޭތޯ އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަށުގެ އާބާދީގެ މައުލޫމާތާއި ރަށުގެ ކުޑަ ބޮޑު މިނާއި ރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތުތަކުގެ އިތުރުން ވިޔަފާރިތަކުގެ މައުލޫމާތު ވެސް އެނގޭނެ ގޮތަަށް އެ ސިސްޓަމް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފާރިހު އާއި ނަބީހް އަދި އިހުމާދުގެ ހިޔާލުތަކުން އަދިވެސް އޮތީ މި ސިސްޓަމްގެ ކުރިއެރުމެވެ. ސްކާޑާ ސިސްޓަމްގެ ކިތަންމެ ފަސޭހައެއް އަދި ފެންނާނެކަން ކަށަވަރެވެ.