Roadha Mihaaru

ސްޓެލްކޯއިން ޕީކް ސީޒަނަށް ނުވަ ދުވަސް ތެރޭ ބެކަޕް އިންޖީނުގެ ނިންމައި ހިދުމަތް ފަށައިފި

މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ހުޅުމާލޭގައި ސްޓެލްކޯ އިން ގާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި އެވެ.

ޕީކް ސީޒަނަށް ހުޅުމާލޭގައި ހެދި އިންޖީނުގެ ހުޅުވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 މާޗް 2025

މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ހުޅުމާލޭގައި ސްޓެލްކޯ އިން ގާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި އެވެ.

ހުޅުމާލެ 2 ގައި ރޭ، އެނެކްސް- 2 ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ބެކަޕް އިންޖީނުގެ 48،000 އަކަފޫޓުގެ ބިމެއްގައި ހަދައި ހުޅުވާފައި ވަނީ ސްޓެލްކޯ މުވައްޒަފުން ނުވަ ދުވަސް ތެރޭގަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާ އެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

"ރޯދަ މަހުގައި ވެސް އަތްވާއި ވާރެއަށް ބެލުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި. އެކަމަށްޓަކައި މުވައްޒަފުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައި ވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވޭ. އެ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

ރޭ އިންޖީނުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވާހަކަ ދައްކަވަނީ.

ރޭ އިންޖީނުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވާހަކަ ދައްކަވަނީ.

ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމާއި އަދި ސްކޫލް ޗުއްޓީއާ ދިމާވުމުން އެހެން އަހަރުތަކާ އަޅާބަލާ އިރު މި އަހަރުގެ ރޯދަ މަހު، ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އިތުރުވާނެ ކަމަށް ލަފާ ނުކުރެވޭކަމަށެވެ.

ނަމަވެސް ރޯދަ މަހަށް ފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރު ކަމަށް ބެލެވޭތީ އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އެނެކްސް 2 އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭ ގެތެރެއިން ހަތް ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި ވާއިރު، ބާކީ އަނެއް ފަސް ޖަނަރޭޓަރު ސެޓު ރޯދަ މަހުގެ ތެރޭގައި ގެނެސް ރޯދަ ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަހުމީ ވަނީ އެ އިންޖީނުގޭގެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާ ހަމައަށް މަސައްކަތް ކުރިއަށް ދިޔަ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަމުން ގެންދެވިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.