Roadha Mihaaru

އެއްވަނައިގެ ދެ ލާރި: 2،944 ގަޑިއިރުން ޖެހި 145،000 ސްޓިޗް

އަހަރުތަކެއް ފަހުން ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތިން ހާހަށްވުރެ ގިނަ އުފެއްދުމުގެ އެއް ވަނަ އަކީ ދެ ލާރި އެވެ. އެކަމަކު އެ ދެ ލާރި އުފެއްދި އައިމިނަތު ޝިހާނާ (އަބުޑީ) އެކަމަށް 2،944 ގަޑިއިރު ހޭދަކުރި އެވެ. ރީތި ކުރެހުމެއް ގޮތަށް އެ ފެނުނަސް އެއީ ރޮދިން ޖަހާފައިވާ 145،000 ސްޓިޗަށް ވުމީ އެ ހާއްސަވި ސަބަބެވެ.

1 ވަނައިގެ ދެ ލާރި: ތިން ހާސް ގަޑިއިރުގެ މަސައްކަތް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

25 މެއި 2025

އަހަރުތަކެއް ފަހުން ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތިން ހާހަށްވުރެ ގިނަ އުފެއްދުމުގެ އެއް ވަނަ އަކީ ދެ ލާރި އެވެ. އެކަމަކު އެ ދެ ލާރި އުފެއްދި އައިމިނަތު ޝިހާނާ (އަބުޑީ) އެކަމަށް 2،944 ގަޑިއިރު ހޭދަކުރި އެވެ. ރީތި ކުރެހުމެއް ގޮތަށް އެ ފެނުނަސް އެއީ ރޮދިން ޖަހާފައިވާ 145،000 ސްޓިޗަށް ވުމީ އެ ހާއްސަވި ސަބަބެވެ.

އުމުރުން 50 އަހަރުގެ އަބުޑީގެ މި މަސައްކަތް ބަލައިލުމަށް ފަހު އެއީ ކުރެހުމެއްތޯ ސުވާލުކުރެ އެވެ. އެކަން ކުރާ ގޮތް ކައިރިން ބަލައި އެ މަސައްކަތްކުރާ ގޮތް އަހަނީ އެއީ ހަމަ އަސްލުވެސް ރޮދީގެ މަސައްކަތެއްތޯ ޔަގީންނުވެ ތިބެގެންނެވެ.

މައުރަޒުގައި ހުރި އަބުޑީގެ ލައިވް ޑެމޯ މޭޒު ކައިރީ ތިބެ މީހުން ކުރަނީ އެ ސުވާލުތަކެވެ. އެތައް ބަޔަކު އޭނާއަށް ގުޅޭނެ ނަންބަރާއި އިންސްޓަގްރާމް ޕޭޖުގެ މައުލޫމާތު ވެސް ނަގަމުން ދިޔަ އެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ނުވަތަ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވިކުރި 3،000 އަށް ވުރެ ގިނަ އުފެއްދުމުގެ ތެރެއިން އެއް ވަނަ ލިބުނު މި "ދެ ލާރީ" ގެ މަސައްކަތަކީ 145،000 ސްޓިޗެވެ. އެ މަސައްކަތަށް 2،944 ގަޑި އިރު ނުވަތަ ހަތަރު މަސް ހޭދަކުރި އެވެ. އަބުޑީ އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. މައުރަޒުގައި ބައިވެރިކުރަން އެ މަސައްކަތް ފަށައި، އެ އަށް ބޭނުންވާ ބަރަނިތައް އެއްކޮށް، މަސައްކަތް ނިންމާލެވުނީ ރޯދަ މަހަށެވެ.

އެ އުފެއްދުމަށް 61 ކުލައިގެ ބަރަނި ބޭނުން ކުރި އެވެ. އެހާ ގިނަ ކުލަތައް ބޭނުން ކުރި އިރު އޭގެ ތެރެއިން އެންމެ ކުލައެއްގެ އެއް ސްޓިޗެއް ވެސް ޖަހަން ޖެހިދާނެ އެވެ.

އަބުޑީގެ ކުރެހުމުގައި ބޭނުންކުރާ ރޮދި: އޭނާ ހިންގާ ކޯސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުޑީގެ ކުރެހުމުގައި ބޭނުންކުރާ ރޮދި: އޭނާ ހިންގާ ކޯސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަބުޑީ އަބަދުވެސް ހަދާ ހިތްވަނީ ރާއްޖެއާ ގުޅުންހުރި އުފެއްދުންތައް. އާދަކާދަ، ސަގާފަތް ނުވަތަ ދިރިއުޅުން ދައްކުވައިދޭ އުފެންދުން. މިހާރު ދެ ލާރިއަކީ މީހުންތެރޭގައި ވަރަށް ގެއްލިފައި އޮތް ލާރިއެއް. ކުދިންނަށް ވެސް މިހާރު ދެ ލާރި ވަރަށް ބޮޑަށް އެނގިއްޖެ،" އޭނާ ބުންޏެވެ.

ދެ ލާރީގެ އެ އުފެއްދުމުގައި ދަބަރުގެ ކުލަތަކެއް ދައްކުވައިދީ، ވީހާ ވެސް އަސްލު ސިފަތައް ގެނައުމަށް މަސައްކަތްކޮށްފައިވެ އެވެ.

"އެ މަސައްކަތަށް ރޮދި ގެނައީ އިންޑިއާއިން. އެކަމަށް ބޭނުންކުރާ ރޮދި ރާއްޖެއިން ނުލިބޭ. ފުރަތަމަ ބުރުގައި ނުލިބުނު ހުރިހާ ކުލައެއް. ދެން އޭތީގައި ހެދީ. ދެން އަނެއްކާ ވެސް ދެވަނަ ދަތުރެއް އިންޑިއާއަށް އެޅީ. އެފަހަރު ލިބުނު ކުލަތައް ގެނެސްގެން، ކުރިން ޖަހާފައި ހުރި ކުލަތައް މޮހާފައި އަނެއްކާ ހެދީ،" އޭނާ ބުންޏެވެ.

އަބުޑީ (ކ) "މިހާރު" އާ ވާހަކަ ދައްކަނީ: އޭނާ ރޮދިން ހެދި ދެ ލާރިއަށް ވަނީ މުޅި މައުރަޒުން އެއް ވަނަ ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުޑީ (ކ) "މިހާރު" އާ ވާހަކަ ދައްކަނީ: އޭނާ ރޮދިން ހެދި ދެ ލާރިއަށް ވަނީ މުޅި މައުރަޒުން އެއް ވަނަ ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދެ ލާރީގެ މަސައްކަތަކީ އޭނާގެ 50 އަހަރުގެ އުފަންދުވަހު ލިބުނު ހަދިޔާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.

"މިފަހަރު ލިބުނު އެންމެ ރަނގަޅު ގިފްޓު އެއީ. މި މަހު އުފަން ދުވަސް އިނީ. އެހެންވީމާ ރަންވަނަ އެއީ އެންމެ ރަނގަޅު ގިފްޓް،" ހީލަމުން އޭނާ ބުންޏެވެ

އަބުޑީ ސްކޫލު ދައުރުން ފެށިގެން ވެސް، އެމްބްރޮއިޑަރީގެ މަސައްކަތް ޝައުގުވެރިކަން އުފެދި އެކަހަލަ މަސައްކަތްތައް ކުރި އެވެ. ސްކޫލު ނިންމާލައި، ކައިވެންޏަށް ފަހު، ދަރިއަކު ލިބުމުން އެ މަސައްކަތާ ދުރުވި އެވެ. ދެން އޭނާ އަނބުރާ އެ މަސައްކަތް ފެށީ ދަރިފުޅަށް 22 އަހަރުވީ ފަހުންނެވެ. އޭރު ވެސް، ގޭގައި ގިނަ ވަގުތު އެކަނި ހޭދަކުރާތީ، ރޮދީގެ އެ ފަދަ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ކުރާ މީހުންގެ ޓިއުޓޯރިއަލްތައް ބަލައި އެކަން ދަސްކުރަމުން ދިޔަ އެވެ.

އަބުޑީގެ ރޮދީގެ ކުރެހުމުން ފޯއް ފޮއްޗެއް ހަދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުޑީގެ ރޮދީގެ ކުރެހުމުން ފޯއް ފޮއްޗެއް ހަދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ އެންމެ ފުރަތަމަ މަސައްކަތްތައް ދައްކާލަން ތައްޔާރު ކުރީ 2019 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށެވެ. އެ މައުރަޒުން ވެސް އުންމީދުކުރި ވަރަށް ވުރެ ބޮޑަށް އާންމުންގެ ސަމާލުކަން ލިބުނެވެ. އެއީ އެފަދަ މަސައްކަތްތަކަކީ، ރާއްޖޭގައި މަދުންނޫނީ ނުފެންނަ އާޓަކަށްވާތީ އެވެ. އެ ލިބުނު ހިތްވަރާ އެކު ދެން އޭނާ ފެށީ، އެކަމަށް ޝައުގުވެރިވާ ކުދިންނަށް އެކަން ކިޔަވައިދެވޭތޯ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު 100 އެއްހާ ކުދިންނަށް އެކަން ވަނީ ކިޔަވައިދީފަ އެވެ. އޭނާގެ ކޯހުގައި އެންމެ ބޭސިކް ސްޓިޗިން އިން ފެށިގެން، އެކި ސްޓައިލްގެ ސްޓިޗްތައް ގެންނާނެ ގޮތްތައް ދަސްކޮށްދެ އެވެ. މިއަހަރުގެ ބޮޑުބައި އޮތީ އެފަދަ ކޯސްތައް ހިންގުމަށް ފުލީ ބުކްވެފަ އެވެ. އަބުޑީ ބުނީ، ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކު އެ މަސައްކަތަށް ވައްދަން ކަމަށެވެ.

މިއީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ މަސައްކަތެކެވެ. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ކުރެހުންތައް 50،000ރ. އަށް ވެސް އޭނާއަށް ވިއްކާލެވުނެވެ. އަދި އެއިން ރަނގަޅު އާމްދަނީއެއް ވެސް ހޯދިފައިވެ އެވެ.

އަބުޑީގެ ކުރެހުމުގެ ސްޓައިލް ބަޔަކަށް ކިޔައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުޑީގެ ކުރެހުމުގެ ސްޓައިލް ބަޔަކަށް ކިޔައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިކަމަށް ޝައުގުވެރިވޭ. އަބުޑީ ބުނިން ފިރިމީހާ ކައިރީ ވަނަ ގެންދާނަމޭ އިރާދަކުރެއްވިއްޔާ. އެކަމަކު އޭރު ދަރީގެ ކަންކަމުގައި އުޅޭތީ އެންމެ ފުރިހަމަ ޓައިމް ނުދެވުނު،" އޭނާ ބުންޏެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޭނާ ކުރި އުންމީދު މިހާރު އެވަނީ ހާސިލުވެފަ އެވެ. އެހާ ކަވި ވަގުތު ނަގާ އެ މަސައްކަތަށް ކޮންމެ ދުވަހަކު ވެސް އޭނާ ވަގުތު ދެ އެވެ. އަދި ރޮދީގެ އެ މަސައްކަތަށް ކުރުމަކީ، އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"މިއީ ވަރަށް ކެތްތެރިވެގެން ކުރެވޭ ކަމެއް. ވަރަށް ވަގުތު ވެސް ނަގާނެ. އެކަމަކު ޝައުގުވެރިކަން ހުރީމާ ހަމަ މި މަސައްކަތް ކުރާކަށް ފޫއްސެއް ނުވޭ. ކުރިން އަދި ހެނދުނު ކޮފީއާ އެކު ވެސް އެންމެ ފުރަތަމަ ފަށަނީ ސްޓިޗް ކުރަން،" އޭނާ ބުންޏެވެ.

އަބުޑި އަށް އެއް ވަނަ ލިބުނު މަސައްކަތް. "ދެ ލާރި"  -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުޑި އަށް އެއް ވަނަ ލިބުނު މަސައްކަތް. "ދެ ލާރި" -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަހަރުގެ މައުރަޒުގައި ވެސް އެ މަސައްކަތަށް ވަނައެއް ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް، ރަން ވަނަ ލިބުން ވެގެންދިޔައީ އެ މަސައްކަތް ފުޅާކުރަން އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ. އެހެންވެ. އޭނާ އަންނަނީ، އޭނާގެ އުފެއްދުންތަކަށް ހާއްސަ އެގްޒިބިޝަނެއް މި އަހަރުގެ ފަހުކޮޅު ބާއްވަން ވެސް ތައްޔާރުވަމުންނެވެ. ރާއްޖޭން ބޭރުގައި މަސައްކަތް ދައްކާލެވޭނެ ފުރުސަތެއް ވެސް ބޭނުންވެ އެވެ.

އަބުޑީގެ އެތައް މަސައްކަތެއްގެ ތެރެއިން ވެސް އޭނާއަށް އެންމެ އިމޯޝަނަލް އަދި އެންމެ ފާހަގަކޮށްލެވޭ އުފެއްދުމަކީ، އޭނާގެ މަންމަގެ ޕޯޓްރެއިޓެވެ. އަންހެނުންގެ ދުވަހަށް ހާއްސަކޮށް ތައްޔާރުކުރި އެ އުފެއްދުމަށް 312 ގަޑިއިރު ހޭދަކުރި އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީނާއި ނޮވެމްބަރު 3 ގެ ބަތަލް ޝަހީދު ހުސެއިން އާދަމް ވެސް ވަނީ ރޮދިން ކުރަހައިފި އެވެ.