Roadha Mihaaru

300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މާދަމާ ފަށަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން އުފެއްދުންތައް އުފައްދާ ފަރާތްތަކާ އެކު މާދަމާ ރޭ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025" ފަށަން ތައްޔާރުވެއްޖެ އެވެ.

300 ބައިވެރިންނާ އެކު މޯލްޑިވްސް އެކްސްޕޯ ފަށަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން އުފެއްދުންތައް އުފައްދާ ފަރާތްތަކާ އެކު މާދަމާ ރޭ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025" ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މައުރަޒު ކުރިއަށް ގެންދާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝިޔާޒު ވިދާޅުވީ ރާއްޖޭގައި އުފެއްދުންތެރި ތަކެތި އުފައްދާ ގިނަ އުފެއްދުންތަކެއް މައުރަޒުން ފެންނާނެ ކަަމަށެވެ.

މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ޝިޔާޒު ވިދާޅުވީ، ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވާ ކަމަށެވެ. އެތަކެތި ޖަޖުކޮށް ވަނަތައް ކަނޑައެޅީ އެކަމަށް ހާއްސަ ޕެނަލަކުންނެވެ. މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން ވަނަތައް ހޮވުން މިރޭ އޮންނާނެ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

"މިކަން މި ކުރިއަށް ގެންދަނީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތެރިކަމަށް އިތުރު ޝައުގުވެރިކަމެއް ގެނައުމުގެ ބޭނުމުގައި. އަދި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

އެ މައުރަޒުގައި ކާބޯތަކެއްޗާއި ގަހަނާ އާއި އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިޔާޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިޔާޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޝިޔާޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި މައުރަޒުގައި ބައިވެރިވެފައިވާ ކަމަށެވެ. އެ މައުރަޒަށް ހުޅުވާލީ 15 ދާއިރާއަކުން 81 ގިންތިއަށެވެ. އޭނާ ވިދާޅުވީ، އެ މައުރަޒުގައި އެންމެ ގިނައިން ބައިވެރިކޮށްފައި ހުރީ ލިޔެލާ ޖެހުމުގެ އުފެއްދުންތައް ކަމަށެވެ.

ޝިޔާޒު ވިދާޅުވިގޮތުގައި، މި އަހަރުގެ މައުރަޒު އެންމެ ބޮޑަށް ތަފާތަކީ ޑިޖިޓަލް އުފެއްދުންތަކާއި ހިދުމަތްތައް ވެސް ޑިސްޕްލޭ ކުރެވޭތީ ކަމަށެވެ.

މޯލްޑިވްސް އެކްސްޕޯ 2025 އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލަނީ މާދަމާ ރޭ 8:30 ގަ އެވެ.