Roadha Mihaaru

ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް

މެލޭޝިއާ އިން ކޮމިއުނިކޭޝަން އެންޑް އާޓްސްގެ ދާއިރާއިން ޑިގްރީ ނިންމައި 2020 ވަނަ އަހަރު މަލްހާ ރަޝީދު މާލެ އައީ ކައިވެނިކުރާށެވެ. ކަން ދިމާކުރި ގޮތުން ކޮވިޑްގެ ބަލިމަޑުކަމާ ދިމާވެ, ލޮކްޑައުންގައި މަލްހާ ވެސް ތާށިވީ އެވެ.

ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

30 މެއި 2025

މެލޭޝިއާ އިން ކޮމިއުނިކޭޝަން އެންޑް އާޓްސްގެ ދާއިރާއިން ޑިގްރީ ނިންމައި 2020 ވަނަ އަހަރު މަލްހާ ރަޝީދު މާލެ އައީ ކައިވެނިކުރާށެވެ. ކަން ދިމާކުރި ގޮތުން ކޮވިޑްގެ ބަލިމަޑުކަމާ ދިމާވެ, ލޮކްޑައުންގައި މަލްހާ ވެސް ތާށިވީ އެވެ.

ކުޑައިރުގެ ހަނދާންތައް އާކުރުމުގެ ތެރޭގައި ޖޫސްޕެޓީއެއް ހެދީ ކޮވިޑްގެ ލޮކްޑައުންގައި ގޭގައި ހުންނަން ޖެހުނު ދުވަސްވަރު އެވެ. އާއްމުކޮށް ތައްޔަރުކުރާ ގޮތާ ހިލާފަށް އައިސްކްރީމަކާ އެކު ހެދި އެ ޖޫސްޕެޓީވީ އެންމެންނަށް މާ ކަމުދިޔަ އެއްޗަކަށެވެ. ގޭތެރޭގައި ލިބުނު މަގުބޫލުކަމާ އެކު، އެ ޖޫސްޕެޓީ މަލްހާގެ ވިޔަފާރިއަކަށް އެންމެ ފަހުން ބަދަލުވީ އެވެ.

އާއިލާ އާއި ރަހުމަތްތެރިންގެ މެދުގައި މަގުބޫލުވެ, އަމިއްލަ އައިސްކްރީމެއްގައި ތައްޔާރުކޮށް "ޕެޓީސް"ގެ ނަމުގައި ޕޭޖެއް ހުޅުވައި ވިއްކަން ފެށި އައިސްކްރީމް ޖޫސްޕެޓީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވައިގައި ހިފި އެވެ. ދިވެހި އުފެއްދުމަކަށް ވެފައި, ރަހަމީރުވެ, ތަފާތު ޕްރޮޑަކްޓަކަށް ވުމުން ވިޔަފާރި ފުޅާކުރުމުގެ ދޮރުތައް ވެސް ހުޅުވުނެވެ. ބައެއް ފިހާރަތަކުގައި ވިއްކުމުގެ ފުރުސަތު ލިބުމުން މަލްހާ ބޭނުންވީ އެ ބްރޭންޑަކީ ރީޓެއިލް މާކެޓުގައި ފުޅާދާއިރެއެއްގައި ވިއްކޭނެ ފެންވަރުގެ ޕްރޮޑަކްޓަކަށް ހެދުމަށެވެ. އެ އަމާޒުގައި މަސައްކަތް ކުރަމުން ގޮސް މިދިޔަ އަހަރު ޕެޓީސް އިން އެ ވިޔަފާރީގެ ފުރަތަމަ ފެކްޓްރީ ހުޅުވި އެވެ. މިހާރު އެއީ އެމްއެފްޑީއޭގައި ރަޖިސްޓަރީ ކޮށްފައިވާ ފެކްޓްރީއެކެވެ.

ޕެޓީސްގެ "ޕެޓީ ޕޮޕްސް"

ޕެޓީސްގެ "ޕެޓީ ޕޮޕްސް"

އެ ފެކްޓްރީން ތައްޔާރުކުރާ އުފެއްދުންތަކުގެ ކޮލިޓީއަށް ބަލައި, މިހާރު ކުރިއަށް ގެންދާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި "ޕެކޭޖެޑް ފުޑް ކެޓަލޮގް" ގެ ދާއިރާގެ ދެ ވަނަ ވެސް ވަނީ އެ އުފެއްދުމަށް ލިބިފަ އެވެ. ޕެޓީސްގެ ޕޮޕްސިކަލް އަށް ޕެކޭޖެޑް ފުޑް ކެޓަލޮގް ކެޓަގަރީން ލިބުނު ދެ ވަނަ މަގާމުގެ އިތުރުން ޕެޓީސްގެ މިލްކްޝޭކަށް ހަމަ އެ ކަޓަގަރީން ތިން ވަނަ ލިބުނެވެ. މި ކާމިޔާބީ އަކީ އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި މަލްހާ ސިފަކުރި އެވެ.

ޕެޓީސްގެ ދެ ވަނަ ލިބުނު ޕޮޕްސިކަލް ފަސް ފްލޭވާ އާއި މިލްކްޝޭކުގެ ތިން ފްލޭވާ މޯލްޑިވްސް އެކްސްޕޯގައި ހުންނަ އެ ވިޔަފާރީގެ ސްޓޯލުން ލިބޭނެ އެވެ. ބަނާނާ, ސްޓްރޯބެރީ, ވެނީލާ, ޗޮކްލެޓް އަދި ބްލޫބެރީ ޕޮޕްސިކަލް އެ ސްޓޯލުން ލިބެ އެވެ.

ޕެޓީސްގެ ވެރިޔާ މަލްހާ ޕެޓީސްއާ ގުޅޭ މައުލޫމާތު ދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ

ޕެޓީސްގެ ވެރިޔާ މަލްހާ ޕެޓީސްއާ ގުޅޭ މައުލޫމާތު ދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ

ޕެޓީސްގެ މިލްކްޝޭކަކީ އާއްމުކޮށް ލިބެން ހުންނަ މިލްކްޝޭކުތަކާ ތަފާތު ފްރޯޒަން ސްޓައިލުގެ ޝޭކެކެވެ. އެ ޝޭކުގެ ނަޓެއްލާ, ބަނާނާ އަދި ސްޓްރޯބެރީ ފްލޭވާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ އެކްސްޕޯގެ ޕެޓީސްގެ ސްޓޯލުގައި ހުންނާނެ އެވެ. އޭގެ އިތުރުން އާއްމުކޮށް އެކި ޕޮޕްއަޕްތަކަށް ޕެޓީސް އިން ތައްޔާރުކުރާ އައިސްކްރީމް ނާޗޯޒް, އައިސްކްރީމް ސޭންޑްވިޗް އަދި އޯރިއޯ ބިސްކޮފް އައިސްކްރީމް ފަދަ ތަފާތު ޕްރޮޑަކްޓުތައް އެ ތަނުން ލިބޭނެ އެވެ. ހަމައެކަނި ޕޮޕްއަޕްތަކުން ވިއްކާ އެ ޕްރޮޑަކްޓުތައް އަންނަ މަހު އޮންނަ ފުޑް ކާނިވަލުގައި ވެސް ލިބެން ހުންނާނެ އެވެ.

ޕެޓީސް އަކީ ފެންވަރު ރަނގަޅު ޕެކެޖިންއެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވިއްކޭނެ ފެންވަރުގެ ރީޓެއިލް އުފެއްދުމަކަށް ހެދުމަށް މަލްހާ މަސައްކަތް ކުރަމުން އަންނައިރު, އެ ބްރޭންޑް ފުޅާކޮށް, ޕްރޮޑަކްޓުތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ. އެގޮތުން އާ ފްލޭވާތައް ތައާރަފްކުރުމާއި ސޯބޭ ލައިންއެއް ލޯންޗުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މަލްހާ ބުންޏެވެ.

ޕެޓީސްގެ ވެރިޔާ މަލްހާ ޕެޓީސްއާ ގުޅޭ މައުލޫމާތު ދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ

ޕެޓީސްގެ ވެރިޔާ މަލްހާ ޕެޓީސްއާ ގުޅޭ މައުލޫމާތު ދެނީ. -- ފޮޓޯ: އަމާނީ އަބްދުﷲ

މަލްހާ ބުނިގޮތުގައި، މާ ބޮޑު ޕްލޭނެއް ނެތި ފެށި އެވިޔަފާރި އަކީ އޭނާ އުއްމީދުކުރި ވަރަށް ވުރެ ބޮޑު ވިޔަފާރިއަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ. ކުރިއަށް އޮތް މަސައްކަތްތަކަކީ ރަނގަޅަށް ޕްލޭން ކޮށްގެން, ކަސްޓަމަރުންގެ އަޑުއަހައި, ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ކުރަން ހުރި މަސައްކަތްތަކެއް ކަމަށް ބުންޏެވެ.

މަލްހާ ސިފަކުރާ ގޮތުގައި "ޕެޓީސް" ގެ ކާމިޔާބީ އަކީ އޭނާގެ ކަސްޓަމަރުންނެވެ. އެ ބްރޭންޑު، ބްރޭންޑެއްގެ ގޮތުގައި ކުރިއެރުވުމަށް ކަސްޓަމަރުންގެ މެދުގައި މަގުބޫލުވި ރަހަތައް ދެމެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.