Roadha Mihaaru

ނޭޝަނަލް ސާވިސް ޕްރޮގްރާމްްގައި 107 ރަށަކުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވޭ

ރާއްޖޭގެ ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނުތަކުގައި 107 ރަށަކުން އުމުރުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމްްގައި 107ރަށަކުން ބައިވެރިވޭ

ރާއްޖޭގެ ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނުތަކުގައި 107 ރަށަކުން އުމުރުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ އިސް ނެންގެވުމަކަށް ފެށި އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހިމެނުނު 343 މީހުން އިއްޔެ ވަނީ ތަމްރީނުތަކަށް ޅ. މާފިލާފުއްޓަށް ގޮސްފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ 343 ޒުވާނުންނަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވައިލުމުން ކުރިމަތިލި 1،242 މީހުންގެ ތެރެއިން "ފުރަތަމަ ބުރުގެ ސިލެކްޝަން" ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިފައިންގެ ރަށް، މާފިލާފުށީގައި ތަމްރީނު ފަށާ 343 މީހުންގެ ތެރޭގައި ހިމެނެނީ 279 ފިރިހެނުންނާއި 64 އަންހެނުންނެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ސިފައިންގެ ބެލުމުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު އެ ރަށުގައި ހަދާނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ސިފައިންގެ ބެލުމުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު އެ ރަށުގައި ހަދާނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

"މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި އާއިލާތަކަށް މަރްހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ތަމްރީނަށް މީހުން ހޮވީ ފިޓްނަސް އާއި މެޑިކަލް އަށް ބެލުމަށް ފަހު ކަމަށެވެ. އެ މީހުންގެ ތަމްރީނުގެ މުއްދަތަކީ ތިން މަސް ދުވަހެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އިނާޔަތެއް ސަރުކާރުން ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ބައިވެރިއަކު މާފިލާފުއްޓަށް ތަމްރީނުތަކަށް އިއްޔެ ފުރުމުގެ ކުރިން އާއިލާ މީހަކާ ބައްދާލަނީ: ތިން މަސް ދުވަހުގެ ތަމްރީނު ހަދާއިރު ކޮންމެ މަހަކު 6،000ރ. ގެ އިނާޔަތެއް އެ އިން ކޮންމެ މީހަކަށް ސަރުކާރުން ދޭނެ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރައީސް މުއިއްޒު ރޭ ވިދާޅުވީ، ނޭޝަނަލް ސާވިސް އިން ހާސިލް ކުރަން ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް އަދި ރާއްޖެ އަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ މީހުން ބިނާކުރުން ކަމަށެވެ.

ރައީސް ވިދާޅުވި އިތުރު ޕޮއިންޓުތައް:

1. ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓް ކުރެވޭނެ މަގުފަހިކޮށްދިނުން.

2. ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު، ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު އަދި އިހުތިރާމުކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.

3. ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.

4. ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ، ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ފުރަތަމަ ބެޗުގައި ހިމެނެނީ 343 މީހުން.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ މީހުން މާފިލާފުށީގައި: ފުރަތަމަ ބެޗުގައި ހިމެނެނީ 343 މީހުން.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

ނޭޝަނަލް ސާވިސް އަށް މީހުން ތަމްރީނުކުރާ ވާހަކަ ރައީސް މުއިއްޒު އިއުލާން ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާގަ އެވެ.

ރައީސް އެ ދުވަހު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. އެހެންވެ، ތައުލީމީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން އުމުރުން 16 އަހަރު ވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.