Roadha Mihaaru

ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ ދޭނެކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ނޭޝަނަލް ސާވިސް ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 ޖުލައި 2025

ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން 350 މީހުންނަށް ޖާގަ ދޭނެކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޒިންމާދާރުކަމާއި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން ދުޅަހެޔޮ އަދި އަހުލާގު ރަނގަޅު ޒުވާން ޖީލެއް އުފައްދަން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ އިތުރު ސަރަހައްދުތަކުގައި ފަށާފައިވާ ކަމަށެވެ.

އިންޓަވިއު އަދި މެޑިކަލް އާއި ފިޓްނެސް ޓެސްޓުތައް ކުރިއަށް ގެންގޮސް، ނޭޝަނަލް ސާވިސް އަށް މީހުން ނެގުމުގެ މަސައްކަތް މި ވަގުތު ގެންދަނީ ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގަ އެވެ.

އޭގެ ފުރަތަމަ ބުރުގައި 350 ބައިވެރިން ހޮވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ކުރިމަތިލާން މިދިޔަ އޭޕްރީލް މަހު ހުޅުވާލައި، އެ މުއްދަތު މިދިޔަ މަހުގެ ކުރީކޮޅު ހަމަވިއިރު 1،200 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އެ ފުރުސަތު ހުޅުވާލީ އުމުރުން 16-28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންނަށް ފޯމު ހުށަހެޅޭނީ ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ސިޓީއަކާއެކުގަ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ. ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ފުލުހުންގެ ތެރެއަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށާނެ ކަމަށް އިއުލާން ކުރެއްވީ އެ ރަސްމިއްޔާތުގަ އެވެ.

ރައީސް އޭރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1،000 މީހުން ބޭނުންވާ ކަމަށެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމް ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. އެހެންވެ، އެކަމަށް މަހަކު މަދުވެގެން 2.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.