Roadha Mihaaru

ނޮވެމްބަރު 3 ގައި ޝަހީދުވި އާއިލާތަކަށް މަހަކު ހަރަދުވަނީ 261،000ރ. ހައްގުވަނީ 29 މީހަކަށް

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ނިންމުމުން އެއް ބަޔަކު ދަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެއީ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ނުކުމެ ޝަހީދުވި ބަޔަކު ނިސްބަތްވާ އާއިލާތަަކަކަށް ވާއިރު ފައިސާގެ އަދަދުތަކަކީ މާ ބޮޑު އެއްޗެއް ނޫނެވެ.

ޝަހީދުވި އާއިލާތަކަށް މަހަކުހަރަދުވަނީ 261،000ރ.
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 މާޗް 2025

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ނިންމުމުން އެއް ބަޔަކު ދަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އެއީ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ނުކުމެ ޝަހީދުވި ބަޔަކު ނިސްބަތްވާ އާއިލާތަަކަކަށް ވާއިރު ފައިސާގެ އަދަދުތަކަކީ މާ ބޮޑު އެއްޗެއް ނޫނެވެ.

"ފުރާނައިގެ އަގެއް ފައިސާއަކުން ނުގަނެވޭނެ،" ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވި އެވެ.

"މިހާރު" އިން ސުވާލު ދެންނެވުމުން ޑިފެންސް މިނިސްޓަރު ރޭ ވިދާޅުވީ، ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބިރުވެރި ދުވަހުގެ ހަމަލާގައި ޝަހީދުވި އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ދޭން ނިންމި ނަމަވެސް މިހާރު ދުނިޔޭގައި ތިބީ 29 މީހަކު ކަމަށެވެ. އެހެންވެ، އެ 29 މީހުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ހޭދަވާނީ 261،000ރ. އެވެ. އެއީ ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ 8 މީހުންގެ އާއިލާތަކުގެ ތެރެއިން ސަރުކާރުން ކަނޑައެޅި ޝަރުތުތަކަށް ފެތޭ 29 މީހުން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީދުވި ސިފައިންގެ ކޮންމެ އާއިލާގެ މީހެއްގެ އިތުރުން އެ ދުވަހު ބޮޑެތި ގުރުބާނީތަކެއްވި ސިފައިންގެ ތެރެއިން މެޑަލްތައް ދީފައިވާ ބޭފުޅުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިތަނުން ހަނގުރާމަ އަށް ނުކުތް މީހުން ނުކުތީ އެންމެން އެއްކޮށް ތިބެގެން އޭރުގެ ކޮމާންޑަރު ޝަހާދަށް ލައިދިނީމާ ޝަހާދަތް ވެސް ކިޔައިގެން. އޭގެ މާނާއަކީ މަރާ ކުރިމަލައިގެންނޭ މިދަނީ. ވަސިއްޔަތް ވެސް ކުރި،" --- ޣައްސާން

ޑިފެންސް މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި އަދަދުތަކަށް ބަލާއިރު "މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ" ނުވަތަ އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ރަން މެޑަލް ދީފައި ވަނީ ތިން ބޭފުޅަކަށެވެ. ކޮންމެ މަހަކު 9،000ރ. ގެ ރޭޓުން ބަލާ ނަމަ އެ ތިން ބޭފުޅުންނަށް ދައުލަތުން ހޭދަކުރާނީ 27،000ރ. އެވެ. "މެޑަލް ފޯ ބްރޭވަރީ" ނުވަތަ "ހުރަވީ ރިހި މެޑަލް" ދީފައި ވަނީ ހަތަރު ބޭފުޅަކަށް ކަމަށް ވާއިރު، އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 32،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެއީ 8،000ރ. ގެ ރޭޓުންނެވެ.

ނޮވެމްބަރު 3 ގައި އުދުވާނީ ހަމަލާގައި ރާއްޖެ ސަލާމަތްކޮށްދިން ގައުުމީ ބަތަލު ހުސައިން އާދަމް ޝަހީދުވެފައި އަދި އޭނާގެ އެކި ހަނދާންތައް.

ނޮވެމްބަރު 3 ގައި އުދުވާނީ ހަމަލާގައި ރާއްޖެ ސަލާމަތްކޮށްދިން ގައުުމީ ބަތަލު ހުސައިން އާދަމް ޝަހީދުވެފައި އަދި އޭނާގެ އެކި ހަނދާންތައް.

ނޮވެމްބަރު 3 ގެ މެޑަލްތަކުގެ ތެރެއިން އެންމެ ގިނަ މެޑަލް ދީފައި ވަނީ "ރިބަން ފޯ ބްރައިވަރީ" ނުވަތަ "ހިތްވަރު ގަދަކަމުގެ ކުލަ" އިގެ ކެޓަގަރީންނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 13 މީހެކެވެ. ސަރުކާރުން ނިންމާފައި ވަނީ "ހިތްވަރު ގަދަކަމުގެ ކުލަ" ދީފައިވާ ކޮންމެ މީހަކަށް މަހަކު 6،000ރ. ދޭށެވެ. އެހެންވެ، އެ 13 މީހުންނަށް ކޮންމެ މަހަކު ލިބޭނީ 78،000ރ. އެވެ.

"އެހެންވީމާ މުޅި ޖުމުލަ ކޮންމެ މަހަކު އެ ހުރިހާ ބޭފުޅުންނަށް ދައުލަތުން މި ދެވެނީ 398،000ރ. ޝަހީދުވި އާއިލާތަކަށް މި ދެވެނީ 261،00ރ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެ ބޭފުޅުންގެ އާއިލާތަކަށް ދޭ ރަމްޒީ އެއްޗެއް،" ޣައްސާން ވިދާޅުވި އެވެ.

"މި އުސޫލު ގެޒެޓް ކޮށްފައި ހުރި އިރު ވަރަށް ސާފުކޮށް ފެނިވަަޑައިގަންނަވާނެ ޝަހީދުވި ބޭފުޅުންނަށް ބަލަދުއަރާ ބޭފުޅުން ދުނިޔޭގައި ތިއްބެވިހާ ދުވަހަކު ދޭ އެއްޗެއް މިއީ. ދުނިޔެ ދޫކުރެއްވުމުން އެ ހިސާބުން ނިމުނީ. އެގޮތަށް ގެޒެޓް ކުރެވިފައި އޮންނާނީ."

ޣައްސާން ވިދާޅުވީ ޝަހީދުވި އާއިލާތަކަށް ރަމްޒީ ގޮތުން ދައުލަތުން އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެއީ ގައުމެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވި ގޮތުގައި އާންމުންގެ ތެރޭގައި ކަންބޮޑުވުން އޮތީ ވަރަށް ގިނަ ބަޔަކަށް އިނާޔަތް ލިބޭނެ ކަމަށް ހީކުރެވޭތީ އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޣައްސާން ވިދާޅުވީ އެފަދަ އިނާޔަތެއް ދޭ މައިގަނޑު ސަބަބަކީ ޝަހީދުވި ބޭފުޅުން ގައުމާއި ދީނަށްޓަކައި ހަނގުރާމަ ކުރަން ނުކުމެވަޑައިގެންނެވީ ފުރާނަ ގެއްލިދާނެކަން ގަބޫލު ކުރައްވައިގެން ކަމަށް ވާތީ ކަމަށެވެ.

"މިތަނުން ހަނގުރާމަ އަށް ނުކުތް މީހުން ނުކުތީ އެންމެން އެއްކޮށް ތިބެގެން އޭރުގެ ކޮމާންޑަރު ޝަހާދަށް ލައިދިނީމާ ޝަހާދަތް ވެސް ކިޔައިގެން. އޭގެ މާނާއަކީ މަރާ ކުރިމަލައިގެންނޭ މިދަނީ. ވަސިއްޔަތް ވެސް ކުރި،" މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔެގައި އެ މީހުންގެ ތިބިހާ އެންމެން ބަލާނެ ކަމަށް، ދިރިތިބި އެންމެންނާ ހަވާލުކޮށްފައި [ހަނގުރާމައަށް ނުކުތީ]."

އެހެންވެ، ސަރުކާރުން އެ އިނާޔަތް ދިނުމަށް ނިންމާފައި ވަނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށް ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ޝަހީދުވި ސިފައިންގެ މައިންބަފައިންނާއި ހުވަފަތް އަނބިމީހާ އާއި އުފަން ދަރިންނަށް، ކޮންމެ މަހަކު ދޭ 9،000ރ. ގެ އިނާޔަތް އެ މީހުން ދުނިޔޭގައި ތިބިހާ ދުވަހަކު ދޭނެ ކަމަށެވެ. އާއިލާގެ މެމްބަރުން ނިޔާވުމުން، ދެން އަންނަން އޮތް ޖީލަށް މި އިނާޔަތް ދެމިގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އިނާޔަތަކީ މި ދެންނެވި ބޭފުޅުންނަށް ސީދާ ޝަހީދުވި ބޭފުޅާ އަށް ބަދަލު އަރާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި ތިބި މީހުންނަށް އެ ބޭފުޅުން ދުނިޔެގައި ތިބި ދުވަހަކު ދޭ އެއްޗެއް. އެ ބޭފުޅުން ދުނިޔެ ދޫކުރުމުން ދެން އޮތް ޖެނަރޭޝަނަކަށް [އިނާޔަތް ނުލިބޭނެ] ދެމިގެނެއް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އިނާޔަތް ދިނުމުގެ ބޭނުމަކީ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކުރުމަށް ފުރާނަ ގުރުބާންކުރާ މީހުންގެ އަގު ވަޒަންކުރާ ކަމުގެ ރަމްޒެއް ދައްކުވައިދޭން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާ އިން ދެންނެވިދާނެ ޝަހީދު އާދަމް ނަސީރު، ހ. ޝޭޑީވިލާ. އަޅުގަނޑުގެ އުމުރުން އޭރު 8 އަހަރު ވިޔަސް އެއީ ރައްޓެހި ޒުވާނެއް. ޝަހީދުވިއިރު އުމުރުން ވާނީ 23 ނޫނީ 24. އޭރު ނޮވެމްބަރު 3 ގެ ކުރިން އަބަދުވެސް ބުނާނެ ދިވެހިރާއްޖެ އަށް ހަނގުރާމައެއް އައިސްފިއްޔާ ތިމަންނަ މަރުވާނަމޭ. ކުރިމަތިލާން ނުކުންނާނަމޭ. އެއީ ސިފައިންގެ ތެރެއިން އެ ދުވަހު ނުކުމެގެން ޝަހީދުވި ތިން މީހުންގެ ތެރެއިން އެކަކު،" ޣައްސާން ވިދާޅުވި އެވެ.

"މާނައަކީ މި ވަރުގެ އަޒުމެއްގައި ތިބޭ ބައެކޭ ސިފައިންނަކީ. އެނގި ތިބެ ނުކުތީ [ޓެރަރިސްޓުންނާ ކުރިމަތިލާން] ގައުމު ދިފާއުކުރަން. އެ މީހުންގެ އަގު ވަޒަން ކުރުމަކީ ދިރިތިބީން ކުރަންޖެހޭނެ ކަމެއް."

ޣައްސާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ސިފައިންނަށް އެ މީހުންގެ އާއިލާތައް ސަރުކާރުން ބަލަހައްޓާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މިފަދަ ދުވަހެއް ނުދެއްކެވުން. އެކަމަކު އެފަދަ ކަމެއް ކުރިމަތިވިޔަސް މިހާރު ތިބި ސިފައިންނަކީ ފުރާނަ ގައުމަށް ދޭން ޖެހުނަސް އެކަން ކުރާނެ ކަމުގެ ހުވާކޮށްގެން ތިބި މީހުން. މި އެންމެންނަށް ވެސް ލިބޭ ހިތްވަރެއް މިއީ. އެ މީހުން ސެކްރިފައި ކުރިޔަސް ގައުމުގެ ފަރާތުން އެ މީހުންގެ އަނބިދަރިން ބަލަހައްޓާނެ ކަމުގެ ޔަގީންކަން ލިބުން."

ނޮވެމްބަރު، 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 މީހަކު ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުން ކުޑަ އިނާޔަތެއް ދެމުންދިޔަ ނަމަވެސް އެ އިނާޔަތް މެދުކެނޑުނެވެ.

އިނާޔަތް ބޮޑުކޮށް، އަލުން ދޭން ނިންމިއިރު އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.