Roadha Mihaaru

ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދެނީ

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ނޮވެމްބަރު3ގައި ޝަހީދުވި ސިފައިންގެ އާއިލާއަށް އިނާޔަތް

ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާގެ މެމްބަރުންގެ ތެރެއިން މައިންބަފައިންނާއި ދަރިން އަދި ހުވަފަތް އަނބިން ކުރެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ލިބޭނެ އެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށް އެ އުސޫލުގައި ވެ އެވެ.

ނޮވެމްބަރު، 3 ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުން ކުޑަ އިނާޔަތެއް ދެމުންދިޔަ އެވެ. އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.